ޖަނަވާރުންނަށް ދޫނިރޯގާ ޖެހުން ދެގުނައަށް އިތުރުވެ، އިންސާނުންނަށް ނުރައްކާ ވަނީ: ރިޕޯޓް

ޖަނަވާރުންނަށް ދޫނިރޯގާ ޖެހުން މިދިޔަ އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުވެފައިވާ ކަމަށާއި، އިންސާނުންގެ މެދުގައި އެ ރޯގާ ފެތުރިދާނެ ކަމުގެ ނުރައްކާ ބޮޑު ކަމަށް ބައިނަލްއަގްވާމީ އިދާރާއަކުން އިންޒާރު ދީފިއެވެ. ދޫނި ރޯގާއަކީ ދޫނިތަކަށް ޖެހޭ ބައްޔެއް ނަމަވެސް މި ބަލީގެ ވަކި ވައްތަރުތަކެއްގެ ސަބަބުން އިންސާނުންނަށް ވެސް ބަލިޖެހޭ ކަމަށް ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލު އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެއެވެ. ދޫނި ރޯގާ ނުވަތަ އެވިއަން އިންފްލުއެންޒާ ފާއިތުވި މަދު އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާއިރު، ގިނަ އަދަދެއްގެ ޖަނަވާރު ވަނީ މި ވައިރަސްގެ ސަބަބުން މަރުވެފައެވެ. އަދި ބިހުގެ އަގު އުފުލި، ބަލިޖެހިފައިވާ ޖަނަވާރުތަކާ ގުޅިގެން އެތައް ބަޔަކު ވެސް ވަނީ މަރުވެފައެވެ. އިންސާނުންނަށް ބަލިޖެހުމުގެ ނުރައްކާ އާންމުކޮށް ކުޑަ ނަމަވެސް، ގޭތެރޭގައި ގެންގުޅޭ ކުއްތާއާއި ބުޅާ ފަދަ ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް އެ ވައިރަސް ފެތުރުމުގެ ފުރުސަތު އިތުރުވާ ކަމަށް ވޯލްޑް އޮގަނައިޒޭޝަން ފޯ އެނިމަލް ހެލްތު (ޑަބްލިޔުއޯއޭއެޗް) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. ޕެރިހުގައި ހުންނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޖަނަވާރުންގެ ބަލިތައް މޮނިޓާ ކުރާ އެ އިދާރާއިން ބުނީ މިދިޔަ އަހަރު 55 ގައުމެއްގައި ބަލި ފެތުރި ބަލި ޖެހުނު ޖަނަވާރުންގެ އަދަދު 1،022އަށް އިތުރުވެފައި ވާކަމަށެވެ. އެ އަދަދު 2023ވަނަ އަހަރު ހުރީ 459ގައެވެ. "އެ ވައިރަސްގެ އެޕިޑެމިއޮލޮޖީގެ އުސޫލަށް ބަދަލުތައް އަންނާތީ އެކަމާ ކަންބޮޑުވޭ." ޑަބްލިޔުއޯއޭއެޗްގެ ޑިރެކްޓަރު ޖެނެރަލް އެމަނުއެލް ސޫބޭރަން އޭއެފްޕީއަށް ވިދާޅުވިއެވެ. އިންސާނަކަށް ދޫނި ރޯގާ ޖެހިފައިވާކަން އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު އެމެރިކާއިންނެވެ. އޭރު ބަލި ފެނުނީ ބަލި ޖެހިފައިވާ ގެރިތަކެއް ކައިރީގައި އުޅުނު މީހަކަށެވެ. ދޫނި ރޯގާ އެންމެ ފުރަތަމަ ފެނުނީ 1990ގެ އަހަރުތަކުގައި ޗައިނާއިންނެވެ. އޭގެ ފަހުން އެންޓާޓިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް އެ ބަލި ފެތުރިފައިވެއެވެ. ދޫނި ރޯގާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. މި ބަލީގެ ޖަރާސީމު، ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގައާއި ލޭގައި ހުރެއެވެ. ދޫނި ރޯގާގެ ވައިރަސް ދޫނިތަކުގެ މެދުގައި ފެތުރެނީ ތަންތަނުން ގެންނަ ދޫނިތަކާއި ގައުމުތަކުގެ ސަރަހައްދު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ދޫނިތައް އެހެން ދޫނިތަކާ ގައިގޯޅިވުމުގެ ސަބަބުންނެވެ. އިންސާނުންގެ ކެއުމަށް ބޭނުންކުރާ ކުކުޅު ހާލާއި ޓާކީ އާއި އަސްދޫނި ފަދަ ދޫނިތަކަކީ އެންމެ ފަސޭހައިން ދޫނި ރޯގާގެ ވައިރަސް ޖެހޭ ދޫނިތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ