ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ރިޕޯޓުތައް އިތުރަށް ދިރާސާ ކުރުމަށް އެހެން ދުވަހެއްގައި ޖުޑީޝަރީ ކޮމިޓީން ބައްދަލުވުމަށް މިއަދު ނިންމައިފި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ކުރިއަށް ގެންދިޔައީ އަޒްމިރަލްދާގެ މައްސަލަ އެވެ. މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލަ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައި ނުވެ އެވެ.
ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ މައްސަލަ ބަލާފައި އޮތީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި މައްސަލަ ތަޅުމަށް ފޮނުވުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ކުރިން ކޮމިޓީ މެދުކަނޑާލި އެވެ.
އަލުން ކޮމިޓީ ފެށިއިރު ޝާހިދު ހުށަހެޅުއްވީ ދެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އަލުން އެހެން ދުވަހެއްގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށެވެ. އެ ހުށަހެޅުން ފާސްކުރީ އެމްޑީޕީ އާއި ޕީއެންސީގެ މެންބަރުންގެ އިއްތިފާގުންނެވެ. އެހެންވެ އިތުރު ހުށަހެޅުމަކަށް ވޯޓަށް އަހާފައި ނުވެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އާދިއްތަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ. ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ.
މި ކަންކަމާ ގުޅޭގޮތުން ޖޭއެސްސީ އާއި ފަނޑިޔާރު އަޒްމިރާލްދާ ކޮމިޓީއަށް ހާޒިރު ކުރަން އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވެފައި ނުވެ އެވެ. އެމްޑީޕީގެ ދެ މެންބަރުން ފާސްކުރަން ވޯޓު ދެއްވިއިރު ޕީއެންސީން ވޯޓުލީ ޖޭއެސްސީ އާއި ފަނޑިޔާރު ހާޒިރު ނުކުރުމަށެވެ.
ފަނޑިޔާރު ކަމުން އަޒްމިރާލްދާ ވަކިކުރަން ބެލި ސުލޫކީ މައްސަލަ ޖޭއެސްސީއަށް 'އަމިއްލަ ފަރާތަކުން' ހުށަހެޅީ ފެބްރުއަރީ 19، 2025، ގަ އެވެ. އެއީ ކޮން ފަރާތެއްކަން ނޭނގެ އެވެ. މި މައްސަލަ ޖޭއެސްސީން ބަލަން ނިންމީ ފެބްރުއަރީ 26، 2025، ގަ އެވެ.
މި މައްސަލަ ބެލި ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުން ވަކިކުރަން ތަޅުމަށް ފޮނުވުން ފަސްވެއްޖެ ފަނޑިޔާރުން ވަކިކުރަން ތަޅުމަށް ފޮނުވުން ފަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ