ވިމެންސް ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48އަށް އިތުރު ކުރަނީ

ފީފާ ވިމެންސް ވޯލްޑް ކަޕްގެ 2031 ވަނަ އަހަރުގެ މުބާރާތަށް ފަހު، އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 ޓީމުން 48 ޓީމަށް އިތުރު ކުރުމަށް ފީފާއިން ނިންމައިފިއެވެ. ފީފާއިން މިކަން މިގޮތަށް ނިންމާފައިވަނީ ފީފާ ކައުންސިލްގައި ނެގި ވޯޓެއްގައި ކައުންސިލްގެ އިއްތިފާގުންނެވެ. މި އެއްބަސްވުމާއެކު 2035 ވަނަ އަހަރު އިންގްލަންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި 48 އަންހެން ޓީމު ވާދަކުރާނެއެވެ. އެ ބަދަލާއެކު އެ މުބާރާތުގައި ކުޅޭ މެޗުތަކުގެ އަދަދު 64 އިން 104އަށް އިތުރުވާނެއެވެ. މިއާއެކު މުބާރާތުގެ ގްރޫޕް މަރުހަލާ ކުރިއަށް ދާނީ 12 ގްރޫޕަކަށް ބަހާލައިގެން ކަމަށް ބެލެވެއެވެ. އަދި 40 މެޗު އިތުރުވާއިރު މުބާރާތް މިހާރު ކުރިއަށްދާ ވަރަށް ވުރެ އެއް ހަފުތާ އިތުރަށް ދިގުލައިގެންދާނެއެވެ. ފީފާގެ ރައީސް ޖިއާނީ އިފަންޓީނޯ ބުނީ މިގެންނަ ބަދަލާއެކު ގިނަ ގައުމުތަކަކަށް މިމުބާރާތުގެ ޒަރިއްޔާއިން އެ ގައުމެއްގެ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ފުރުސަތު ތަނަވަސްވާނެ ކަމަށެވެ. އަދި މި ނިންމުމާއެކު ފީފާއިން ދުނިޔޭގެ ފެންވަރުގައި އަންހެނުންގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާކަން ހާމަވާ ކަމަށް އޭނާ ބުންޏެވެ. ދެހާސް ތޭވީސް ވަނަ އަހަރު އެންމެ ފަހުން ބޭއްވި އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި އިންގްލަންޑާ ވާދަކޮށް ތަށި އުފުލާލާފައިވަނީ ސްޕެއިންއެވެ. މީގެއިތުރުން ފީފާއިން ވަނީ އަފްޣާނިސްތާން އަންހެންގެ ރެފިއުޖީ ޓީމެއް ހެދުމަށް ހުއްދަ ދީފައެވެ. މި ހުއްދައިގެ ދަށުން އަފްޣާނިސްތާންގެ ބޭރުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ އަންހެން ހިމެނޭ ޓީމެއް އެކުލަވާލައި ފީފާގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ މެޗުތަކެއް ކުޅޭނެއެވެ. ނަމަވެސް މިޕްރޮގްރާމް ދިގު މުދައްތަކަކަށް ގެންދިއުމާމެދު ފީފާއިން ގޮތެއް ނިންމާނީ އެއް އަހަރުގެ ޕައިލޮޓް މަރުހަލާއެއް ގެންދިއުމަށްފަހު އޭގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. އަފްޣާނިސްތާން އަންހެން ޓީމުން އެންމެ ފަހުން ފުޓްބޯޅަ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރެވެ. އަފްޣާނިސްތާންގެ ވެރިކަމާއި ތާލިބާނުން ހަވާލުވި ފަހުން އެ ގައުމުގައި އަންހެނުން ކުޅިވަރު ކުޅުމަކީ މަނާކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ