ރާއްޖޭގައި 2،700 ކުޑަކުދިން އުޅެނީ ބެލެނިވެރިއަކާ ނުލައި

ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް 2،700 ކުދިން ދިރިއުޅެނީ އެއްވެސް ބެލެނިވެރިއަކާ ނުލައި ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން، ސްޓެޓިސްޓިކްސް ބިއުރޯއިންވަނީ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބުތަކެއް ހިއްސާކޮށްފައެވެ. އޭގައިވާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ޖުމްލަ އާބާދީއަކީ 134،863އެވެ. އޭގެ ތެރެއިން ދިވެހި ކުޑަކުދިންގެ އަދަދު 131،154އަށް އަރައެވެ. އެއީ 68،396 ފިރިހެން ކުދިންނާއި 62،758 އަންހެން ކުދިންނެވެ. މީގެ ތެރެއިން 77،385 ކުދިން އުޅެނީ އަތޮޅުތެރޭގެ ރަށްތަކުގައެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި، 18 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން 74 އިންސައްތަ ކުދިން ދިރިއުޅެނީ މަންމަ އަދި ބައްޕައާއެކުގައެވެ. އަދި 22 އިންސައްތަ ކުޑަކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކުގައެވެ. ބާކީ ދެ އިންސައްތަ ކުޑަކުދިން ދިރިއުޅެނީ އެއްވެސް ބެލެނިވެރިއަކާ ނުލައެވެ. އަދަދުން ބަލާނަމަ އެއީ ގާތްގަނޑަކަށް 2،700އެވެ. އެ ހިސާބުތަކުގައިވާ ގޮތުން، އަތޮޅު ތެރޭގައި 3.3 އިންސައްތައާ ހަމައަށް، ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިން ދިރިއުޅެނީ ބެލެނިވެރިއަކާ ނުލައެވެ. ރާއްޖޭގައި ދިރިއުޅޭ ޖުމްލަ ކުޑަކުދިންގެ 91 އިންސައްތައަކީ ކިޔަވާ ކުދިން ކަމަށް 2022ވަނަ އަހަރުގެ ބޯހިމެނުމުން ދައްކައެވެ. މީގެ ތެރެއިން ޕްރައިމަރީ އަދި ސާނަވީ ތައުލީމުގައި ގިނައީ ފިރިހެން ކުދިންނެވެ. އެ ގޮތުން 99،300 ކުޑަކުދިން ދަނީ ސްކޫލްތަކުގައި ކިޔަވަމުންނެވެ. އެހެން ނަމަވެސް މަތީ ސާނަވީ ތައުލީމު އުނގެނުމުގައި ގިނައީ އަންހެން ކުދިންނެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ އާބާދީއަކީ 17،651އެވެ. މީގެ ތެރެއިން މަސައްކަތްތެރިކަމުގައި އުޅޭ ކަމަށް ފާހަފަކޮށްފައިވަނީ 2،942 ކުދިންނެވެ. މީގެ ތެރޭގައި ގިނައީ ފިރިހެން ކުދިން ހަރަކާތްތެރިވާ މިންވަރެވެ. މި ތަފާސްހިސާބުގައި ކުޑަކުދިންނަށް އަނިޔާ ލިބޭ މިންވަރު ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ކުޑަކުދިން ވެފައިވަނީ ޖިންސީ މައްސަލަތަކުގެ ޝިކާރައަށްކަން ފާހަގަ ކުރެވެއެވެ. އެ ފަދަ 236 މައްސަލައެއް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ