ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި

ދިވެހި ސިފައިންނާއި ހަވާލުކޮށްގެން ހުޅުމާލެ އޮރެންޖު ހިޔާގައި ތަރައްގީކުރި ތެލެސީމިއާ ސެންޓަރުގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގައުމީ މަސައްކަތެއްގެ ގޮތުގައި ސިފައިންނާއި ހަވާލުކޮށްގެން ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާގައި ތަރައްގީކުރީ މާލޭގެ ތެލެސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިތަކަމާއި ފެންވަރު ދަށްވުމާއި ގުޅިގެން ތެލެސީމިއާ ޕޭޝަންޓުން ކުރި މުޒާހަރާއަށްފަހު އެވެ.
އެ މުޒާހަރާގައި ތެލެސީމިއާ ޕޭޝަންޓުން ވަނީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގެ ވެރިންގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. އަދި ލޭއަޅާއިރު ބޭނުންކުރާ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތައް އުކާލަން ޖެހުމުން އެކަމާ ގުޅިގެން ވެސް ޕޭޝަންޓުން ނުރުހުން ފާޅުކުރި އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތެލަސީމިއާ ސެންޓަރުގެ ހާލަތު ގޯސްވިއިރު އެ ހާލަތު ނޭގޭ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި އެވެ. އެގޮތުން ހާލަތު އެނގުނީ އެ ސެންޓަރަށް ޒިޔާރަތް ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިގޮތަށް މިކަންކަން އޮތްކަން މިއީ އަދި މި ހިސާބަށް އައި އިރުގަ ވެސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންނަކަން އަޅުގަނޑަށް ނޭނގި އޮތީ،" ރައީސް ވިދާޅުވި އެވެ.
އޮރެންޖު ހިޔާ އިން ތެލެސީމިއާގެ ހިދުމަތް ހޯދާ މީހުންނަށް ފަސޭހަ ކޮށްދިނުމަށް އެމްޓީސީސީގެ ބަސް ހުއްޓިއެއް ހަމަޖައްސައި، ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ