ދެކުނަށް ހުޅަނގުމޫސުން ފެށިއްޖެ، ކުރިއަށް އޮތީ ވިއްސާރަ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގުމޫސުން އިއްޔެ ފެށިއްޖެއެވެ. ހުޅަނގުމޫސުމުގައި އާންމުކޮށް ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނީ، އިރުވައިމޫސުން އޮންނަނީ މީލާދީ ގޮތުން ގާތްގަނޑަކަށް ޖަނަވަރީމަހުން ފެށިގެން މާރިޗުމަހުގެ ނިޔަލަށް ކަމަށެވެ. އާންމުކޮށް ހުޅަނގުމޫސުން އޮންނަނީ މޭ މަހުން ފެށިގެން ނޮވެންބަރުގެ ނިޔަލަށެވެ. އެ ގޮތުން، އިއްޔެ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިއްޖެ ކަމަށް މެޓުން ބުންޏެވެ. ހުޅަނގުމޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފެންނަން ފަށައެވެ. އޭގެ ފަހުން، މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެއެވެ. މިދިޔަ އަހަރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުމޫސުން ފެށުނީ މޭ ނުވައެއްގައެވެ. މެދުރާއްޖެތެރެއަށް އެ އަހަރު މޭ މަހުގެ 14ގައި ހުޅަނގުމޫސުން ފެށުނުއިރު އުތުރަށް ފެށުނީ 17 ގައެވެ. މި ދުވަސްވަރު ވިއްސާރަކުރާއިރު މިއަދު ވެސް މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓު އޮފީހުން ވަނީ ހޮނިހިރުގެ ނިޔަލަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ