މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެޕްރީލް 2025 ގައި ބަލައިގަނެފައިވާ ޖުމުލަ އާމްދަނީގެ ގޮތުގައި 2.60 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22.7 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިތުރުވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އަދި މާރިޗު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރުވެފައިވުމަކީވެސް މި ކުރިއެރުމަށް މަގުފަހިކުރި ކަމެކެވެ.
އެޕްރީލް 2025 ގައި މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީ.އެސް.ޓީ އެވެ. އެގޮތުން ޖީ.އެސް.ޓީގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ (63.4 އިންސައްތަ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުގެ ގޮތުގައި 226.7 މިލިއަން ރުފިޔާ (8.7 އިންސައްތަ) އެވެ.
މީގެ އިތުރުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ (6.8 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ (6.0 އިންސައްތަ)، އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާ (5.9 އިންސައްތަ) ލިބިފައިވެއެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ (3.6 އިންސައްތަ) ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެޕްރީލް 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މި މުއްދަތަށް އަންދާޒާކުރެވުނު އާމްދަނީއަށްވުރެ 1.6 އިންސައްތަ އިތުރަށް އާމްދަނީ ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އެޕްރީލް މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ