އެމްޕީއެލްގެ ވެރިއަކަށް ކުރީގެ ފުލުސް އޮފިސަރު ރިޝްވާން އެމްޕީއެލްގެ ވެރިއަކަށް ކުރީގެ ފުލުސް އޮފިސަރު ރިޝްވާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ފުލުސް އޮފިސަރު މުހައްމަދު ރިޝްވާން މިއަދު އައްޔަނުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ރިޝްވާން އައްޔަނުކުރީ އެމްޕީއެލްގެ އެމްޑީކަމުގެ އިތުރުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާ ކުރެއްވި ރިޝްވާން ވަނީ ކުރިން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ރިޝްވާން ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާ ކުރައްވާފަ އެވެ. އެ މަގާމުން އޭނާ ފަހުން އިސްތިއުފާ ދެއްވީ އެވެ.
އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނުކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މިދިޔަ އާދީއްތަ ދުވަހު ވަކިކުރެއްވުމާ ގުޅިގެންނެވެ. ނޮވެމްބަރު 28، 2023، މަގާމަށް އައްޔަނުކުރި ވަޖީހު ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ވަނީ މި ފަހުން ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފައިސަލް މަގާމުން ވަކި ކުރުމަށްފަހު އޭނާގެ ބަދަލުގައި އެ މިނިސްޓްރީއަށް ވަޒީރަކު އައްޔަން ކުރުމުގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓުއަރިޒަމް މިނިސްޓްރީ، ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ އެއްކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ