މަހަކު 6000ރ. ގެ އުޖޫރައެއް ދޭގޮތަށް، އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހުޅުވާލައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް, ކޮންމެ މަހަކު 6000 ރުފިޔާ ލިބޭގޮތަށް މި އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް މިއަދު ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ މަގުސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. މި ތަަމްރީނު ޕްރޮގްރާމްގައި ހިމެނެނީ އެއްގަމު އުޅަނދު ފަހަރުގެ މަރާމާތު ކުރުމާއި, ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު ކުރުމާއި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް މި ދާއިރާތަކުން ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކުރެވޭނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ޒުވާނުންތަކެއް ތަމްރީން ހޯދަނީ: މި ފަހަރު އެ ފުރުސަތު ހުޅުވާލީ މަހަކު 6000 ރުފިޔާގެ އުޖޫރައެއް ދޭ ގޮތަށް---ފޮޓޯ/އެޗްޑީސީ އެޗްޑީސީން ބުނީ ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު ކަމަށާއި އަދި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ 25 މީހުންނަށް ކަމަށެވެ. އޮންލައިންކޮށް ހުށަހަޅާ ފޯމަކުން މި ޕްރޮގްރާމްގައި ބައިވާން އެދެވޭއިރު, އެކަމަށް އެދެން އޮތް އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ. އެ ކޯޕަރޭޝަންގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވީ، 2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހުން މިހާރު ވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގެ އެކި މަގާމުތަކުގައި ހިދުމަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކޮށް، މަސައްކަތުގެ މާހައުލަށް ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ. ވޭތުވެ ދިޔަ އަހަރުގެ އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި 49 ބައިވެރިންނަށް މިދިޔަ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހު ވަނީ ސަނަދު ހަވާލުކޮށްފައެވެ. އަދި އެ އަހަރު ހަ ދާއިރައަކުން ބައިވެރިން ވަނީ ތަމްރީނުކޮށްފައިވެ. އެއީ، ގާޑަނިން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސާވިސަސް، ހެލްތު އެންޑް ސޭފްޓީއިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންއިން ކަމަށް އެޗްޑީސީން ބުންޏެވެ. https://sun.mv/202783 މިދިޔަ އަަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ، އެ ކޯޕަރޭޝަނާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. އެގޮތުން ތަމްރީނު ދޭ އިންސްޓިޓިއުޓްގެ ގޮތުގައި, މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ހަމަޖެއްސިއެވެ. ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންކަމަށް އެޗްޑީސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ