ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުން ހިމެނޭހެން އެ ދާއިރާއިން މައިގަނޑު ފަސް ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އާއި ތައިލެންޑް ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ތައިލެންޑްގެ ޕަބްލިކް ހެލްތު މިނިސްޓްރީއާ އެކު ރާއްޖެއިން މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގަ އެވެ.
ތަފްސީލު - ރާއްޖޭގެ ހެލްތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި މި އެމްއޯޔޫގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ފަސް ކަމަކީ:
ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުން
ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުން
ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުން
ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންއަށް އެހީތެރިކަން ހޯދުން
އެމްއޯޔޫގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބަދުﷲ އާއި ތައިލެންޑްގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑޭޝް-އިސް ކައުތޯން އެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު ބައިވެރިވެ ވަޑައިގަންނެވި އެވެ.
"ނާޒިމްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ އާއި ތައިލެންޑުގެ ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވި،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މި އެމްއޯޔޫއަކީ ރާއްޖެ އާއި ތައިލެންޑުގެ ގުޅުމުގައި މުހިންމު ކާމިޔާބީއެއްކަން ނާޒިމް ފާހަގަ ކުރެއްވި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތް ތައްގީކުރުމަށް ތައިލެންޑާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ