އިންސާނާގެ ފިތުރަތަކީ ހިތްރުހޭ ކަންކަމާއި، މީހުންނާ މެދު ހެޔޮކޮށް ވިސްނުމެވެ. ދިމާޔަށް ފެންނާން ހުންނަ އައިބުތަކަށް ފަރުވާލެއް ނުދީ، އެ އައިބުތަކުގެ ފަހަތުގައި ފޮރުވިފައި އޮންނަ ރަނގަޅު ހޯދުމެވެ. ދަރިން ދޮންފުތުވުމާއި، ރުހުމުގެ ލޮލަށް އައިބު ނުފެނުން ފަދަ މިސާލު ބަސްތައް އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާނީ މި ފިތުރަތު ދެނެގަނެ، އެކަމުގެ މައްޗަށް ވާހަކަ ދައްކައި އުޅުމުގެ ތެރެއިންކަން ގައިމެވެ.
މިހާރު މިއޮތް ސަރުކާރާމެދު އަހަރެން ފޫހިވާން ފެށީ މި ސަރުކާރުގެ ފުރަތަމަ ސަކޭތަ ދުވަހުގެ ތެރޭގަ އެވެ. އެގޮތަށް މެދުވެރިވީމާ އަމިއްލަ ނަފުސާ މުހާތަބުކޮށް ބުނީމެވެ. ތިޔަވާ ގޮތަކީ ރުހުމުގެ ލޮލަށް އައިބު ނުފެންނަހެން ނުރުހުމުގެ ލޮލަށް ރަނގަޅެއްވެސް ނުފެންނަނީ އެވެ. މި ސަރުކާރު ހަގީގަތުގައި ގޯހީކީ ނޫނެވެ. ކަލެއަށް މި ސަރުކާރު ކަމު ނުދަނީ ކަލެޔަކީ އެހެން ޕާޓީއެއްގެ މީހަކަށްވީމާ ނޫންހެއްޔެވެ؟ އަމިއްލަ ހިތުން ތާއީދުކުރެވޭ ބަޔަކަށް އިންތިހާބު ކާމިޔާބުކުރީމާ އެކަމާ ހަސަދަވެރިވެވެނީ ނޫންބާވައޭ ހިތައި ހިމޭންވެލީމެވެ. ހިމޭނުން ނުހުރެވިގެން އެއްޗެއް ބުނެލާ ފަހަރަކު އެހެން މީހުންގެ ފަރާތުންވެސް ދޭ ޒުވާބަކީ ހަމަ އެއީ އެވެ.
ސަރުކާރަށް ދޮޅުއަހަރުވީއިރު، މިހާރު އަހަރެންނަށް މި ސަރުކާރު ހަމައެކަނި ކަމުނުދަނީކީ ނޫނެވެ. އެކި ކަންކަން ކުރާ ގޮތާމެދު ވިސްނާލީމާ އާދެވެނީ އަލިފާން ކަހަލަ ރުޅިއެކެވެ. މި ރުޅީގެ އަސްލަކީ ފެށުނީއްސުރެ ހިތުގެ ކަނެއްގައި ފިލައި އޮތް ހަސަދަވެރިކަމެއްތޯ ވިސްނީމެވެ. އެކަން ވާ ގޮތެއް ބަލާންކަމަށް މި ސަރުކާރުގެ އިސްވެރިންނަށް ހިތް ސާފުކޮށް، އެ މީހުން މި ސަރުކާރު ހިންގުމުގައި ކޮށްފައި ހުރި އަމަލުތަކާމެދު ސުމަކުން ފަށައިގެން ވިސްނީމެވެ. ސަރުކާރާމެދު ރުހުމުގެ ލޮލުން ބަލައި، މިކަންކަމަށް ވިސްނާލީމާ ވާގޮތެއް ވެސް އެނގިދާނެތާ އެވެ.
ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކަށް ބަލާށެވެ. ތަފާތު 8 ދާއިރާއަކުން 172 ވައުދު ހިމަނާފައި އެބައޮތެވެ. ގިނަ ވައުދުތަކުގައި ހުރީ، 'ކުރުމަށް ނިންމުން'، 'ދިރާސާ ކުރަން ފެށުން' ފަދަ ވައުދުތަކެވެ. އެ ސަތޭކަ ދުވަސް ހަމަވީމާ ހެޔޮވަރުގެ ބައްދަލުވުމެއްގައި މޭ ފުޅާކުރައްވައި ރައީސް ވިދާޅުވީ، އެ ވައުދުތަކުގެ ލައްކަ ބޮޑުބައި ފުރިހަމަ ވެއްޖެ ކަމަށެވެ. އަހަރެން ވީ އަމަށަކު ފޫއްސެއް ނޫނެވެ. ފުރަތަމަ 100 ދުވަސް އެހައި ކާމިޔާބޭ ބުނީމާ، ރުހުމުގެ ލޮލަކުން ބަލަމުން ވެސް ވިސްނާ އިންސާފުވެރި ސިކުނޑިއަކަށް އެކަން ގަބޫލުކުރެވޭނެ ހެއްޔެވެ؟ އެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެވުނީ 'ހިތުލާން' ވައުދުވީ ކަންކަން އެކަންޏެވެ. އެކަމަކު އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ބުނެ އެކަން ފާހަގަކުރާން އިހުތިފާލުތައް ބޭއްވުމަކީ އަހަރުމެންގެ ލޮލަށް ގޮވުން ނޫން ދެން ކޮންކަމެއް ހެއްޔެވެ؟
ސަތޭކަ ދުވަސްފުރި ސަރުކާރު ހަމައަކަށް އެޅެމުން ކަންކަން ހަމަޖެހެމުން ދިޔަ އެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ، އިންތިހާބު ތެރޭގައި ވީ ކޮންމެވެސް ވައުދަކާ ހިލާފުވާ ދުވަހެކެވެ. އެސްއޯއީތަކުގައި މާ މުވައްޒަފުން ގިނަވެއްޖެކަމަށް ވިދާޅުވި ބޭފުޅާ ދިޔައީ އަލަށް އެތައް ވަޒީފާއެއް އުފައްދަމުންނެވެ. ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުން ގެންދިޔައީ ދައުލަތުގެ ބަޖެޓަކީ އަމާބަފާގެ މުދާކަމަށް ދެކިގެންނެވެ. އެ ހުރިހާ ވައުދުތަކެއް ބޮލާލާ ޖެހިއިރުވެސް ބަޔަކު އަތްޖަހަން ތިއްބެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމުނީމާ އަހަރެން ހިތަށްއެރި އެވެ. އަހަރެން މިސަރުކާރާ ނުރުހުނަސް މިވަރުގެ ބޮޑު ތާއީދެއް ލިބޭނީ ގައިމު ސަރުކާރަށް ތާއީދެއްވެސް އޮތީމާތާ އެވެ. ސަރުކާރަށް އެ ލިބުނު ކާމިޔާބީގެ ފަހަތުގައި ފޮރުވިފައިވީ ސިއްރުތައް ސިކުނޑިން ބުނެދިނަސް ހިތުގެ ކަންފަތް އެއަޑަށް ބީރުކޮށްލީމެވެ. އުފެދިފައިވާ ޝައްކުގެ މަންފާ ދިނީ ސަރުކާރަށެވެ. އެކަމަކު ދެންވެސް ވީ ހަމަ ކުރިންވެސް ވީގޮތެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިއްލޫރި ޓަނަލްއެއް އަޅުއްވާނޭ ވާހަކަ އެވެ. އެމަނިކުފާނުގެ ހައުސިންގ މިނިސްޓަރު ވިދާޅުވީ އެއީ ހަނދަށް ދިއުން ފަދަ ވާހަކައެއް ކަމަށެވެ. ރީތިކޮށް އެ ވިދާޅުވީ ރައީސް އެ ދައްކަވަނީ ހޮޅި ވާހަކަ ކަމަށެވެ. ރުހުމުގެ ލޮލުން ބެލީމާ މި މަންޒަރު ވަކި ރީތިވޭ ހެއްޔެވެ؟
މާސިންގާ ބޮޑު ތިނަދޫގައި އިތުރު އެއާޕޯޓެއް އެޅުއްވުމާއެކު، މުޅި ދެކުނުގެ މަންޒަރު ބަދަލުކޮށްލާވަރުގެ ޕްރޮޖެކްޓެއް މި ސަރުކާރުން އިއުލާނުކުރި ހަނދާންވޭހެއްޔެވެ؟ މި މަސައްކަތް ހަވާލުކުރީ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ތިނަދޫ އެއާޕޯޓުގެ އިތުރުން ގދ އަތޮޅުގެ 12 ރަށެއްގައި ރިސޯޓު ހެދުމަށްވެސް އެކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރި އެވެ. މަޖިލިސް އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ކުރިމަތީގައި އެ އެއްބަސްވުމުގައި ސޮއިކުރުމުން ތިނަދޫ ރައްޔިތުން ހަތަރެސްފައިން އެކަމަށް މަރުހަބާ ކިއެވެ. އެ ޕްރޮޖެކްޓްގެ އެއްވެސް ހަބަރެއް މިހާރަކު ނެތެވެ. ވީގޮތް އެނގޭ ހެއްޔެވެ؟ އެ ކުންފުންޏަކީ ހަގީގަތުގައި އަންނައުނު ހޯލްސޭލްކުރާ ކުންފުންޏެކެވެ. ރުހުމުގެ ލޮލުން ބެލީމާ މި ހިންގި ބޮޑު ޖަރީމާއަކީ ސަރުކާރުން ހޯދި ކުޅިފަހެއް ކަމަށް ވޭ ހެއްޔެވެ؟
ބާޒާރުގައި މިހާރު ޑޮލަރު ލިބެންހުރި އަގަކީ 19.35ރ. އެވެ. ވެރިކަމަށް އަހަރެއް ވާން އުޅެނިކޮށް، ދިވެހި ރައްޔިތުންނަށް ގޮންޖައްސަވަމުން ރައީސް ވިދާޅުވީ މިހާރު ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށެވެ. އެމަނިކުފާނު އާންމުކޮށް އަމަލުކުރައްވާ އުސޫލުން އެ ވާހަކަވެސް ތިން ފަހަރު ތަކުރާރުކުރެއްވި އެވެ. އޭރު ޑޮލަރުގެ އަގަކީ 18ރ. އެވެ. މިހާރު 19.35ރ. އެވެ. ކިތަންމެ ބޮޑަށް ރުހިފައި ބެއްޔަސް، މިއީ ރައްޔިތުންނަށް ލިބުނު މޮޅެއްކަމަށް ނިންމޭނީ ކޮންހަމައަކުން ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޮބިއަޅުވަން ގާނޫނުއަސާސީއަށް އެ ގެނައި ބަދަލު ދެކޭށެވެ. އެންމެ އަށެއްކަ ގަޑިއިރު ތެރޭގައި ގާނޫނުއަސާސީއަށް އެވަރުގެ ބަދަލެއް ގެނައި ގެނައުމާމެދު ހެޔޮ ވިސްނުމެއް ގެންގުޅެވޭނީ ސިކުނޑީގައި އުނިކަމެއް ހުރެގެންނެވެ.
އެ ބަދަލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަ އެ ކޯޓުން ބަލަން ނިންމުމުން ވީގޮތް އަޑުއަހާށެވެ. އެ ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑުކޮށް މަގާމުންވެސް ވަކިކުރީ އެވެ. އެކަމަށް ފަހިކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަންވެސް ބަދަލުކޮށްލީ އެވެ. ސަރުކާރާމެދު ރުހިގެން ހުރި މިކަމާ ވިސްނިޔަސް، މިއީ އަދުލުއިންސާފަށް ނުފޫޒު ފޯރުވުމުގެ އަމަލަކަށް ނުވާނެ ގޮތެއް ނެތެވެ. އަނިޔާވެރިވީކަމަށްވާނީ ފަނޑިޔާރުންގެ ގައިގައި ކަފަ ބަނދެ، ރޯކޮށްލީމާ އެކަންޏެއް ނޫނެވެ. ނުހައްގު ތުހުމަތެއްގައި ބޭއިންސާފު އިޖުރާއަތުތަކުން ފަނޑިޔާރުން ވަކިކުރިކުރުން އެއީ ކުޑަ އަނިޔާއެއް ހެއްޔެވެ؟ ސަރުކާރާމެދު ހިތްހަލާލުކޮށްގެން ވިސްނިޔަސް މިއީ ހެޔޮ ނިޔަތުގައި ކުރި ކަމެއް ކަމަށް ދެކެވޭނޭ ހަމަ އެއްވެސް ޖާގައެއް ނެތެއް ނޫން ހެއްޔެވެ؟
ވާގޮތް އެބަ އެނގެ އެވެ. އަހަރުމެން މި ކިޔާ އެއްޗެއް ކިޔަނީ ސަރުކާރާމެދު ނުރުހޭތީއޭ ތިޔަ ބުނަނީ އަހަރުމެން ދައްކާ ވާހަކަ އެހެން ބަޔަކު ގަބޫލުކޮށްފާނޭތީ ބިރުންނެވެ. އެކަމަކު، މިހާރު ގިނަ މީހުން އެ ވާހަކަތައް ގަބޫލުކޮށްފި އެވެ. ހޭ ބުއްދި ފިލާފައި ނެތް ބަޔަކުނަމަ މި ހިނގާ ކަންކަމާމެދު ވިސްނީމާ އެހެން ނަތީޖާއެއް ނުނުކުންނާނެ އެވެ.
ސަރުކާރެއް ހަމަމަގުން ހިނގާނަމަ، އެއީ ކޮންމެ މީހަކު ހިންގާ ސަރުކާރަކަސް ރައްޔިތުންނަށް ފައިދާވާންވާނެ އެވެ. ރައްޔިތުންނަށް ކަންކަން ފަސޭހަ ވާންވާނެ އެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ދުއްތުރާވެ، ގައުމުގައި ހުރިނަމަ ހުރިހައި އިންތިޒާމުތަކަކަށް ލޮޅުންއަރާނަމަ އެ ސަރުކާރަކާމެދު ރައްޔިތުން ދެވަނަ ވިސްނުމަކަށް ދާންޖެހޭނެ އެވެ. ވަކި ބަޔަކާމެދު ރުހުމުގެ ބެލުމަށްވުރެ މުހިންމީ މި ގައުމެވެ. އަމުދުން ރުހުމުގެ ލޮލުން ބަލާނަމަ ބަލަންވާނީ އިންސާފުވެރި ސިކުނޑިއަކުން ވިސްނަމުންނެވެ.
ރުހުމުގެ ލޮލުން ބެލީމާވެސް ފެންނަނީ އައިބެވެ. ރުހުމުގެ ލޮލުން ބެލީމާވެސް ފެންނަނީ އައިބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ