އުމްރާނީ ތަރައްގީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ރައީސް އާ ކުންފުންޏެއް އުފައްދަވައިފި

އުމްރާނީ ތަރައްގީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ކުންފުންޏެއް އުފައްދައިފި އެވެ.
"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި މި ކުންފުނި ރައީސް އުފެއްދެވީ، އެމަނިކުފާނު ނެރުއްވި ގަރާރަކުންނެވެ.
ރައީސް އޮފީހުން ބުނީ، މިއީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ސަރަހައްދުތަކުގައި ވެސް އުމްރާނީ ތަރައްގީ ފުޅާކުރުމަށް ޓަކައި އުފެއްދި ކުންފުންޏެއް ކަމަށެވެ.
އަދި ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަންކޮށް އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން އެ ކުންފުނިން ތަންފީޒުކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައީސުލްމާލަކީ 10 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަައުވާކުރުމާއި، ދަަައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ ގަނޫނީ ގޮތުން އޮންނަ އަމިއްލަ ޝަހުސެއްވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ