ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ލިސްޓުގެ ސައްހަކަން ބެލުމުމަށްފަހު، މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް، މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިމޭނެ ކަމަށެވެ.
"މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.
ސަރުކާރުން މިދިޔަ އަހަރު ވެސް ފްލެޓް ލިސްޓު އިއުލާން ކުރާނެ ކަމަށް އެކި ތާރީހުތައް ދިނެވެ. މިގޮތުން ފެބްރުއަރީ މަހު ސަރުކާރުން ފްލެޓް ލިސްޓު އިއުލާން ކުރާނެކަން ހާމަކޮށްފައިވާއިރު، މިއީ މި އަހަރު ލިސްޓު އާންމު ކުރާނެ ކަމަށް ކަނޑައެޅި ފުރަތަމަ ތާރީހެވެ.
މިދިޔަ ޖެނުއަރީގައި ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާފައިވާ އެންމެންގެ ފޯމުތައް ވެރިފައި ނުކުރަން ނިންމައި، ހަމައެކަނި 4،000 ފޯމް ވެރިފައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އެވެ.
އެ 4000 ފްލެޓުގެ މައްސަލަތަކެއް އަދި ސްކީމުގެ ސައްހަކަން ކަށަވަރުކުރާ ކަމަށް ބުނިތާ އަހަރެއް ފާއިތުވި ފަހުން، ފްލެޓު ލިިބުނު އެންމެންގެ ލިސްޓު އަލުންބަލުން ވެރިފައި ކުރަން ފަށާފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކުރީ މިދިޔަ މަހު އެވެ.
މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.
އިއްޔެގެ ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު އިހުތިޖާޖު ކުރި އެވެ. މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅު ކުރަމުންނެވެ.
އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ. އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވި އެވެ.
ނަން އިއްވި ފަހުން ވެސް މެންބަރުން ގެންދިޔައީ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ. ދެން އަބްދުއްރަހީމް، ރައީސް މުއިއްޒަށް އިޝާރާތް ކުރެއްވީ ވާހަކަ މެދުކަނޑާލުމަށެވެ. އަދި ޖަލްސާ ވެސް މެދުކަނޑާލިކަން އިއުލާނު ކުރައްވައި ވިދާޅުވީ އަލުން ފަށާނީ ނަން އިއްވި މެންބަރުން މާލަމް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ.
ޖަލްސާ މެދުކަނޑާލި ފަހުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުން ވަނީ ބައެއް މެންބަރުން ގަދަކަމުން ތަޅުމުން ބޭރަށް ނެރެފަ އެވެ. ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.
ހުލާސާކޮށް އިއްޔެ: ރައީސް ވިދާޅުވީ މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ ކަމަށް ހުލާސާކޮށް އިއްޔެ: ރައީސް ވިދާޅުވީ މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ