ރައްޔިތުންގެ ގޭގައި އިއްވުނު ފުރަތަމަ "ޚުޠުބަތުލްޢަރުޝި" ރައްޔިތުންގެ ގޭގައި އިއްވުނު ފުރަތަމަ "ޚުޠުބަތުލްޢަރުޝި"

'މިހައިއިރު އަހުރެން މި ގަސްދުކުޅައީ ދުނިޔޭގައިވާ އެހެންވެސް ރަނގަޅުރަނގަޅު ރަސްކަން ހިންގާ ފަދައިން، ރަސްކަން ހިންގުމުގެ ގާނޫނުތައް ލިޔެ، ގަރާރުކޮށްގެން، އެކިއެކި ކަންކަމަށް ވަކިން ވަޒީރުން ލައިގެން، އެ ވަޒީރުން ދެއްކުމުގައި ރައްޔިތު އެންމެ ޝާމިލުކޮށްގެން، ދުސްތޫރީ ގާއިދާގެ މައްޗަށް، އަދި ކީރިތި ގުރުއާނުގައި واَمْرُهُم شُوْرٰی بَينَهُمْ މިފަދައިން އޮތް އާޔަތުގެ މައްޗަށް ރަސްކަން ހިންގުމަށެވެ.'
މިއީ 22 ޑިސެމްބަރު 1932 ދުވަހު ގާނޫނުއަސާސީ ތަސްދީގުކޮށް އިއުލާނުކުރި މަޖިލީހަށް އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3 ހުށަހެޅުއްވި ޚުޠުބަތުލްއަރުޝީ އިން ތަންކޮޅެކެވެ. 1932 ވަނަ އަހަރަކީ ރާއްޖޭގެ ގާނޫނީ ހަޔާތުގެ ހަގީގީ ފެށުމެވެ. ގާނޫނުއަސާސީއެއް ލިޔެވިއްޖެ އެވެ. އެ މައްޗަށް ގާނޫނުތައް ތަރުތީބުކުރެވެން ފެށީވެސް އެ އަހަރު އެވެ. ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތަކެއް ބަޔާންކޮށް އޭގެ އިންތައް ކަނޑައަޅައި، ދައުލަތުން ރައްޔިތުންނާމެދު ގެންގުޅެންވީ ސުލޫކު ލިޔުމަށް ތިރިކުރެވުނެވެ.
އެ އަހަރު އިއްވި ޚުޠުބަތުލް އަރުޝީ (މިހާރުގެ ގޮތަށް ނަމަ ރިޔާސީ ބަޔާން) އަކީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކާއި، އެ ބަދަލުތައް ދަމަހައްޓާނޭ ގޮތުގެ މައްޗަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލެވުނު 'އުއްމީދީ ބަޔާނެކެވެ.' އެ ބަޔާނުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިފައި އޮތް އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ހިދާޔަތުކަން ފާހަގަކުރެއްވި އެވެ. އަމިއްލަ ވެރިކަމެއް ހިންގުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވި ކަމަށްޓަކައި ﷲ އަށް ހަމްދުކޮށް، ޝުކުރުވެރިވާންޖެހޭކަން ފާހަގަކުރެއްވި އެވެ. ދިވެހިރާއްޖެއަށް އޭރު ލިބިފައި އޮތީ 'އެތެރެފުށުގެ އެންމެހައި ކަންކަން މުޅީން އަމިއްލަކަންމަތީ ހިންގުމުގެ މިނިވަންކަމެވެ.' ބޭރުފުށުގެ ކަންކަމާ ބެހެވެނީ 'މާތްވެގެންވާ އިނގިރޭސި ދައުލަތަށް' އެކަންޏެވެ. މި ވާހަކަ އެ އަހަރު ތަސްދީގު ކުރެވުނު ގާނޫނުއަސާސީގައިވެސް ލިޔެވިފައި އޮވެ އެވެ.
ޚުޠުބަތުލްއަރުޝީގެ ތަފްސީލަށް ދިޔުމުގެ ކުރިން ކުޑަކުޑަކޮށް ކުރިއަށް ޖެހިލާނަމެވެ. ގާނޫނުއަސާސީ ތަސްދީގުކުރާ ދުވަހުގެ ޕްރޮގްރާމަށެވެ. ގާނޫނުއަސާސީ ތަސްދީގުކުރުމަށް ބާއްވާ ޖަލްސާގެ އިންތިޒާމުތައް ރާވައި ފާސްކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ އެވެ. ގާނޫނުއަސާސީ ތަސްދީގުކުރާ ޖަލްސާގެ އެޖެންޑާއިން ފެށިގެން، ހާޒިރީން ތުރުކުރައްވާނޭ ލިބާހުގެ ޑިޒައިން ފާސްކުރީވެސް ގާނޫނު ހަދާ މަޖިލީހުންނެވެ. ރައްޔިތުންގެ ތެރެއިން ދައުވަތު ދެވޭ މީހުންގެ ހެދުމަކީ 'ރަތްމުންޑު ހުދު ލިބާސް، ރުމާ' އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތިބޭނީ 'ހުދު ރީތި މުންޑު އަނދެގެން، ހުދު ލިބާސް ލައިގެން، ދަނބުކުލައިގެ ބޮޑުތާކިހާ އަޅައިގެން' ކަމަށްވެސް އެ ޖަލްސާގައި ފާސްކުރެވުނެވެ.
ޖަލްސާކުރިއަށްދާ ވަގުތަށް ހަމަޖެހިފައި ހުރި ކަންކަމުގެ ތެރޭގައި އެންމެ ފުރަތަމަ އޮތީ ކީރިތި މަހާރަދުން ހަރުގެއަށް ވަޑައިގަތުމަށް ގަނޑުވަރުން ނުކުމެވަޑައިގަތުމުން ނާނޭ ބުރުޒާއި ބޮޑުބުރުޒާއި، އައުބުރުޒުން ކޮންމެ ބުރުޒަކުން 7 ބަޑި ޖެހުމެވެ. ރަދުން ހަރުގޭގެ ތަހުތުގައި އިށީނދެވަޑައިގަތުމުން ކުދިބޭކަލުން މުޖުމަރާކޮޅު ގެނެސް ބެހެއްޓުމުން ސަލަވާތް ފާތިހާ ކިޔެވުމެވެ. އެއަށްފަހު ރަދުންގެ ފަރާތުން މަޖިލިސްއަށް އިއްވާ ޚުތުބަތުލްއަރުޝީ އިއްވުމެވެ. ޚުތުބަތުލްއަރުޝީގައި ގާނޫނުހަދާ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ނަން ވިދާޅުވެއްޖެނަމަ އެ މެންބަރަކު ކޮޅަށް ތެދުވެ ރަދުންނަށް ކުރުނީސްކޮށްފައި އިށީންނާނީ އެވެ. މި ދުވަހު، އީދު ދުވަހުގެ ގޮތުގައި ގަނޑުވަރުގައި ކެއުން ހުރުމާއި، މި ދުވަހަކީ ދައުލަތުގެ ހުރިހައި އޮފީހެއް ބަންދުވެފައި އޮންނާނޭ ދުވަހެއްކަމުގައި ކަނޑައެޅި، އެ ދުވަހުގެ ރޭގަނޑު އެމީހަކު އަލިކުރާނޭ ވަރަކަށް އަލިކުރުން ހުއްދަކުރަންވެސް މަޖިލީހުން ފާސްކުރި އެވެ.
ޚުތުބަތުލްއަރުޝީގައި ރަދުން ކުރެއްވި ފުރަތަމަ ވަސިއްޔަތަކީ، އިސްލާމް ދީނުގެ ހިދާޔަތާއި، ދިވެހީންގެ އަމިއްލަ ވެރިކަން ހިފެހެއްޓުމަށް ގަދައެޅުމެވެ. އެ ދެކަންތައް ދިފާއުކުރުމުގައި ރަދުންނާއި ރައްޔިތުންވެސް މާތްކަލާނގެ އިންސާފުގެ ކުރިމަތީގައި ހަމަހަމަވެގެންވާ ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބަކީ ރަދުންނަކީވެސް ރައްޔިތުންކުރެ އެކަކުކަމަށް ވާތީ ކަމަށްވެސް ވިދާޅުވި އެވެ.
'އަހުރެންގެ ކިބައިން ވިޔަސް، ނުވަތަ އަހުރެން ކަމަކަށް އިސްކޮށްފައި ހުރި ވެރިއެއްގެ ކިބައިން ވިޔަސް ދީނަށް ނުވަތަ ދައުލަތަށް ގެއްލުމެއް ވެދާނޭ ކުށެއް ތިޔަ އެންމެ ކަލުންނަށް އެނގި ފެނި ސާބިތުވެއްޖެނަމަ އެކަމެއް ފިލުވާލައި އެ ވެރިޔަކު ސީދާކޮށްލުމީ ތިޔަ އެންމެ ކަލުންގެ މައްޗަށް ވާޖިބުކަމެއް' ކަމަށް ރަދުން ވިދާޅުވީ، ރައްޔިތުންގެ ވެރިކަމުގެ ކަށަވަރުކަން ދެއްވުމުގެ ގޮތުންނެވެ. ރައްޔިތުންނީ ހަގީގަތުގައި ވެރިންކަމަށް ދައުލަތުން ބަލައިގެންފިކަމުގެ ސާބިތު ހެކި ދެއްކެވުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ލިޔުއްވުމުގެ ކުރިންވެސް ރާއްޖޭގައި ނުލިޔެވިހުރި ހަރުދަނާ ގާނޫނުތަކެއް ތަންފީޒުކުރެވެމުން ދިޔަކަން ރަދުންގެ ވާހަކަފުޅުން އެނގެން އޮވެ އެވެ. ރަސްކަމާމެދު މަޝްވަރާ ދަންނަވާނޭ ބަޔަކު އަބަދުވެސް ތިބޭކަން ފާހަގަކޮށް، އަމިއްލަ ވެރިކަން މިހާ ދުވަހު ހިފެހެއްޓިފައި މިއޮތީވެސް ދިވެހިރާއްޖޭގެ ރަސްރަސްކަލުން ހިފެހެއްޓެވި ހަރުދަނާ ގަވާއިދުތަކުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. ހާއްސަ ގޮތެއްގައި އައްސުލްތާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު މަހާރަދުންގެ ނަންފުޅު ފާހަގަކުރައްވައި، އެމަނިކުފާނަކީ ރަސްކަމުގެ ގަވާއިދުތަކާއި، އާދަކާދަ ހިންގެވުމުގައި ތައުރީފު ލިބިގެންވާ ރަސްކަލެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަމަލު ކުރެވެން ފެށޭ ގާނޫނުއަސާސީ އެކުލަވާލުމުގައިވެސް އައްސުލްތާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު މަހާރަދުންގެ ހަރުދަނާ އުސޫލުތަކަށް ބައްލަވަން ޖެހިވަޑައިގެންނެވިކަންވެސް ފާހަގަކުރެއްވި އެވެ.
ރަދުންގެ ޚުތުބާގައި، ކުރިއަށް ހިނގާނޭ 5 އަހަރަށް ގާނޫނު ހަދާ މަޖިލިސްއަށް 28 މެންބަރަކު އައްޔަނުކުރެވުނުކަން އިއުލާނު ކުރެއްވި އެވެ. އެއީ މާލޭ ހަތަރު އަވަށުން ކޮންމެ އަވަށަކުން މެންބަރަކާއި، 17 އަތޮޅުން ކޮންމެ އަތޮޅަކަށް މެންބަރަކާއި، ރަދުންގެ ފަރާތުން އައްޔަނުކުރެވުނު 7 މެންބަރެކެވެ. އެ މެންބަރުންގެ ތެރެއިން ވަޒީރުލްއައުޒަމް ކަމުގައި ކަނޑައެޅުއްވީ އަބްދުލްމަޖީދު ރަންނަބަޑޭރި ކިލެނގެފާނުގެ މުހައްމަދު ފަރީދު މަނިއްޕުޅެވެ. އޭގެ ފަހުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބާރަ ވުޒާރާއަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރެވުނު 6 މެންބަރުންގެ ނަންފުޅު އިއުލާނުކުރެއްވި އެވެ.
މި 28 މެންބަރުން ކުރިއަށް އޮތް 5 އަހަރު މަސައްކަތްކުރާ ގޮތް ބެލުމަށް މުޅި ރައްޔިތުންގެ ތެރެއިން މަޖިލިސްއެއް އެކުލަވާލައްވާނޭ ކަމަށް ރަދުން އިއުލާނު ކުރެއްވި އެވެ. އެއީ ބޮޑު އަތޮޅުތަކުން 4 މެންބަރުންނާއި ކުޑަ އަތޮޅުތަކުން 2 މެންބަރުންނެވެ. އެ މަޖިލީހަކީ ރައްޔިތުންގެ ސީދާ ވޯޓުން އެކުލަވާލެވޭނޭ މަޖިލީހެކެވެ. ފުތަރަމަ 5 އަހަރު ނިމުމުން، ގާނޫނު ހަދާ މަޖިލިސްގެ 28 މެންބަރުންގެ ތެރެއިން 21 މެންބަރުން އިންތިހާބުކުރާނީ އެވެ. އަދި 7 މެންބަރުން ރަދުން އައްޔަނުކުރާ ގޮތަށް ހަމަޖެއްސުމަށްވެސް އެކަށައެޅިފައިވާކަންވެސް އިއުލާނުކުރެއްވި އެވެ. އަދި އެ ހަމައިގެ މަތީން ކޮންމެ 5 އަހަރަކުން ގާނޫނު ހަދާ މަޖިލިސް އިންތިހާބު ކުރެވޭނޭކަންވެސް އިއުލާނު ކުރެއްވި އެވެ.
ޚުތުބާގައި ދެން އަލިއަޅުވާލެއްވީ ރާއްޖޭގެ އިގްތިސާދަށެވެ. ކުރިއަށް އޮތް 5 އަހަރަކީ ވަރަށް ބޮޑަށް ވިސްނައިގެން ހަރަދުތައް ހަމަޖައްސަންޖެހޭ 5 އަހަރުކަން ފާހަގަކުރެއްވި އެވެ. އޭރު ދައުލަތަށް ލިބެމުންއައި އާމްދަނީ އޮތީ އިންތިހާއަށް ދަށްވެފަ އެވެ. އެގޮތަށް މެދުވެރިވީ އޮޅުދޫކަރައަށް ކުރިމަތިވެފައިވާ ތަދުގެ ސަބަބުންކަން ރަދުންގެ ވާހަކަފުޅުން އެނގެ އެވެ. އޭގެ ކުރިން ވެއަތުވެދިޔަ އަހަރުތަކެއްގައި ރާއްޖެ ދެކުނީ ތަނަވަސް ދުވަސްތަކެއްކަމަށް ދޭހަވާ ވާހަކަފުޅުތަކެއް ރަދުންގެ ޚުތުބާގައި ވިދާޅުވެފައި ވެއެވެ. 'މިވެއަތުވެ ދިޔަ ދުވަސްތަކުގެ ތަނަވަސްކަން ބޮޑުކަމުން މީހުންނަށް ދަސްވެފައި އޮތީ ވަރަށް ހަރަދުބޮޑު އުޅުމެއް' ކަމަށް ސިފަކުރައްވައި، ރައްޔިތުންނާއި، ދައުލަތުންވެސް ހަރަދުކުޑަކުރުމަށް ބާރު އެޅުއްވި އެވެ. އަދި ގޮވާންކުރުމާއި، މަސްވެރިކަމާއި، ފަރުހިލުމާއި، ރުއްއެރުމާއި، ބޭސްވެރިކަމާއި، މި އެންމެހައި ކަންކަން ކުރިއެރުވުމަށް ވަޒީރުންނާއި، ރައްޔިތުން މަސައްކަތްކުރެއްވުމަށް ވަސިއްޔަތް ކުރެއްވިއެވެ.
އޭގެ ފަހަށް ދެން އިއުލާނުކުރެއްވީ، ރަދުންގެ ދީލަތި އަފޫއާންމެވެ. މީހުން މެރުމުގެ ކުށް ނޫން އެހެން ބާވަތް ބާވަތުގެ ކުށްތަކުގައި ބެދި މާލެއިން ބޭރުކުރެވި އަރުވާލެވި ތިބި ހުރިހާ ކުށްވެރިންނަށް މައާފް ދެއްވިކަން އިއުލާނުކުރެއްވި އެވެ. މީގެ ފަހަށް އިސްލާމް ދީނަށާއި، ދައުލަތަށް ކުށްވެރިނުވެ އުޅެވޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތް ދެއްވި އެވެ. އަދި 'ކުށެއް ކޮށްފިނަމަ މަގޭ ކީރިތި ކަމުން އަދުލުއިންސާފުގެ މަގުން ޖަޒާ ލިބޭނޭކަން ދަންނާށޭ' ވިދާޅުވެ އިންޒާރު ކުރެއްވި އެވެ.
ރަދުންގެ ބަޔާން ނިންމަވައި ލެއްވީ 'މިތައް މަގުން އަހުރެން މިފާސްކުޅަ ގާނޫނުއަސާސީއަށް ކުށެއް ނުވާނޭހެން ދައުލަތުގެ ކަންކަން ރަނގަޅަށް ހިންގުމަށް ތިޔައިން ކޮންމެ ވަޒީރަކާ ހަވާލުކުރެވި މަތިކުރެވުނު ކޮންމެ ކަމެއް މި މަޖިލިސް ހެކިކޮށް އަހުރެން އަމުރު ދީފިން' ކަމަށް ވިދާޅުވެ އެވެ.
ފުރަތަމަ 'ރިޔާސީ ބަޔާން' ހާއްސަ ކުރެވުނީ ވެރިކަމުގެ ނިޒާމަށް އައި ބަދަލުތަކުގެ މައްޗަށެވެ. އެހެންނަމަވެސް އިގްތިސާދު ހަރުދަނާކުރުމާއި، އަދި އިޖުތިމާއީ ގުޅުންތައް ވަރުދަގަ ކުރުމަކީވެސް އެ ބަޔާނުގެ ބޮޑު މައުލޫއުއެކެވެ. ރައްޔިތުންގެ ކިޔަމަންތެރިކަމަށް ދައުލަތުގެ ފަރާތުން އިލްތިމާސް ކުރެއްވި އެވެ. އަދި 'މަގޭ ރައްޔިތުންނަށާއި، މި ދައުލަތުގައި ތިބޭ ބޭރު ރައްޔިތުންނަށް ހަމަ އެއްވެސް ބާވަތަކުން އަނިޔާއެއްކޮށްގެން ހަމަހިލައި ނުވާނޭ' ކަމަށް ވިދާޅުވެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ދައުލަތުގެ ހިންގުންތެރިންނަށްވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
މައުލޫމާތު: މުހައްމަދު އަމީން، ޤާނޫނުއަސާސީގެ ޙަޔާތް، ސަފްހާ 31
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ