"ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ހަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް،"
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީން ދައުލަތަށް ލިބޭ ފައިސާ އެއްކޮށް ހަރަދު ކުރާނީ އެކަމުގެ ސަބަބުން ޖެހޭ ބަލިތަކުން ދުރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް، ސަރުކާރުން ވަނީ ވޭޕު އެއްކޮށް މަނާކުރުމާ ހަމައަށް ވޭޕުގެ ބާވަަތްތަކުން ނަގާ ޑިއުޓީއާއި ދުންފަތުގެ އެކި އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފަ އެވެ.ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން އިއްޔެ ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުއްވީ ގައުމާއި ޒުވާން ޖީލު ސަލާމަތް ކުރުމަށް ކަމަށެވެ. އެފަދަ ވިޔާނުދާ އަމަލުތަކުން ޒުވާން ޖީލު ސަލާމަތް ކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ މަސްތުވާތަކެއްޗަށް ކުދިން ހުށަހެޅިގެން ދިއުމަށް އޮތް މަގެއް ކަމަށެވެ."އެހެންކަމުން ދިވެހިރާއްޖެއަށް ޑްރަގް އިންފިއުޒްޑް ވޭޕް އެތެރެކޮށް ފުޅާ ދާއިރާއެއްގައި މި ވިޔަފާރިކޮށް، މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވައްދާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާން ޖީލެއް އުފެދިގެން ދިއުމަށް ހުޅުވިފައިވާ ދޮރެއްގެ ގޮތުގައި ވޭޕް ފާހަގަވާތީ، އެކަން ހުއްޓުވުމަށް އަޅުގަނޑު އެޅީ އަވަސް ފިޔަވަޅުތަކެއް. ބޭނުމަކީ އެ ވަބާ މުޅިގައުމުން ފުހެލުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ ވަބާއިން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހިތްވަރު ދެއްވާފަ އެވެ. ވިދާޅުވީ، އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން އެއް "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމްކޮށްދެއްވާނެ ކަމަށެވެ. "މި އެޅި ފިޔަވަޅުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގޮތުން އަޅުގަނޑު ދަންނަވާލާނަން. ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ހަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެ ކަމަށް ޓަކައި ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމްތަކާ މަޝްރޫއުތައް ހިންގުމަށް،" ރައީސް ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"ދުންފަތުގެ ޓެކުހުން ލިބޭ ފައިސާ ހަރަދު ކުރާނީ އެކަމުން ދުރުވުމުގެ ފަރުވާއަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ