ޑާކްރެއިންގެ "ބިބީ" ސްޓްރީމިންއަށް
ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"އިން މިދިޔަ އަހަރު އޮލިމްޕަހަށް ނެރުނު "ބިބީ" ސްޓްރީމިންއަށް ދޫކޮށްލަން ތައްޔާރުވެއްޖެއެވެ. ޑާކްރެއިންއިން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ދައްކަން ފެށި ބިބީ ވެފައިވަނީ ބޮޑު ހިޓަކަށެވެ. އޮލިމްޕަހުގައި ހައުސްފުލް އެތައް ޝޯތަކެއް އެޅުވުމަށްފަހު ބިބީ ވަނީ އަތޮޅުތަކަށްވެސް ރިލީޒްކޮށްފައެވެ. ފިލްމުގެ ތިއޭޓްރިކަލް ރިލީޒަށްފަހު މިހާރު ތައްޔާރުވަމުން އަންނަނީ ޑާކްރެއިންއިން ފިލްމު ސްޓްރީމިންއަށް ދޫކޮށްލުމަށެވެ. ޑާކްރެއިންއިން ހާމަކޮށްފައިވާ ގޮތުގައި މާދަމާއިން ފެށިގެން ފިލްމު ސްޓްރީމްކުރުމުގެ ފުރުސަތު ލިބޭނެއެވެ. މާދަމާއިން ފެށިގެން ބިބީ، މީޑިއާނެޓްގެ ސްޓްރީމިން ސާވިސް އެމްއެސް ވީޑިއޯ ކްލަބުން ސްޓްރީމް ކުރުމަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮމެޑީ އަދި ބިރުވެރި ޖޯންރާ އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މި ފިލްމުގައި މުހިއްމު ރޯލުތަކުުން ފެނިފައިވަނީ ޝަރަފް އަބްދުالله އާއި މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ. ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ)އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރި ފުރަތަމަ ފީޗާ ފިލްމެވެ. ބިބީ އަކީ ޑާކްރެއިން އިން މިހާތަނަށް ނެރެފައިވާ އެންމެ ފަހުގެ ފިލްމެވެ. އެއަށްފަހު ޑާކްރެއިން އިން ބައެއް ވެބް ޝޯތައް ދައްކަން ފަށާފައިވީ ނަމަވެސް އޮލިމްޕަހަށް އަދި އޭގެ ފަހުން ފިލްމެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މިހާރުވެސް ޑާކްރެއިން އަންނަނީ އިތުރު ފިލްމެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އެންމެ އަވަހަށް ދެން ނެރުމަށް ތައްޔާރުވެފައިވަނީ "ޕްރޮޖެކްޓް 37" އެވެ. އަދި ނަމެއް ފައިނަލް ވެފައި ނުވާ މި ފިލްމަކީ މިއަހަރު ޑާކްރެއިން އިން އެންމެ އަވަހަށް އެޅުވުމަށް ހަމަޖެހިފައިވާ ފިލްމެވެ. މި ފިލްމުގެ ނަމެއް ފައިނަލް ވެފައި ނުވި ނަމަވެސް ފިލްމުގެ ޝޫޓިން ވަނީ ދާދިފަހުން ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ