ލެއިޕްޒިގްގެ ދަނޑުގައި ބަޔާންއަށް ލީގު ކާމިޔާބު ކުރެވޭގޮތެއް ނުވި

ޖަރުމަނު ބުންޑެސްލީގާގައި ބަޔާން މިޔުނިކާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗު އެއްވަރުވެ ބަޔާންއަށް ލީގު ކާމިޔާބު ކުރުން ފަސް ވެގެން ހިނގައްޖެއެވެ. ލެއިޕްޒިގްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ތިން ލަނޑު ތިން ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗަށް ދެ ޓީމު ނިކުންއިރު ބަޔާންއިން މި މެޗު ކާމިޔާބު ކޮށްގެން 34 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. ނަމަވެސް ލެއިޕްޒިގުން ވަނީ މި މެޗު ވަރަށް ވަރުގަދަކޮށް ފަށާ ބަޔާންއަށް ސިހުން ގެނުވާފައެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ ލެއިޕްޒިގުންނެވެ. ލެއިޕްޒިގުން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބެންޖަމިން ސެސްކޯއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ލޫކަސް ކްލޮސްޓަމަން ޖަހާދިން ލަނޑުން މި މެޗުގައި ލެއިޕްޒިގުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ހާފުގައި ބާޔާންއަށް މާބޮޑު ކަމެއް ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް މި މެޗުގެ ދެވަނަ ހާފަށް ބަޔާން ނިކުތީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާ އެއް ހޯދުމުގެ އުންމީދާއެކުއެވެ. މިގޮތުން މި ހާފުގައި ބަޔާންގެ ފުރަތަމަ ލަނޑު ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްދިނީ 62 ވަނަ މިނެޓުގައި އެރިކް ޑައާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ އެއް މިނެޓް ފަހުން މައިކަލް އޮލީސޭވަނީ ބަޔޭންގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި މެޗުގެ ލީޑު ބަޔާންއިން ފުރަތަމަ ފަހަރަށް ނެގީ 83 ވަނަ މިނެޓުގައި ލިރޯއި ސާނޭ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު މި މެޗުން ބަޔާން މޮޅުވެ ލީގު ކަށަވަރު ކޮށްފާނެކަމަށް ހީވިއެވެ. މި ގޮތުން މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ޓީމުގެ މުހިންމު ފޯވަޑް ހެރީ ކޭންވެސް ވަނީ ފުރިހަމަ ވަގުތު ހަމަވާއިރަށް ޓީމާއެކު އުފާފާޅު ކުރުމަށްޓަކައި ބެންޗް ކައިރިއަށް އައިސްފައެވެ. ނަމަވެސް މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ބަޔޭންއަށް މާޔޫސްކަން ގެނުވީ ޔޫސުފް ޕޯލްސެން ލެއިޕްޒިގްގެ ތިން ވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މި ނަތީޖާ އާއެކު ބަޔާން ތާވަލްގެ އެއްވަނައިގާ މިހާރު އުޅެނީ 32 މެޗުން ލިބިފައިވާ 76 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާ ދެމެދު ނުވަ ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. އެހެން ކަމުން މި ހަފުތާގައި ލެވަކޫސެން އާއި އެސްސީ ފްރެއިބާގް ބައްދަލުކުރާ މެޗު ލެވަކޫސެންއަށް ކާމިޔާބު ކުރެވޭގޮތް ނުވެއްޖެނަމަ ބަޔޭންއަށް ލީގު ކާމިޔާބު ކުރެވިގެންދާނެއެވެ. މިމެޗު ލެވަކޫސެން ކާމިޔާބު ކޮށްފިނަމަ ބަޔޭންއަށް ލީގު ކާމިޔާބު ކުރުމަށް ދެން އެންމެ އަވަސް ފުރުސަތަކަށް ވެގެންދާނީ އަންނަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އާ ބައްދަލުކުރާ މެޗެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ލެއިޕްޒިގް އުޅެނީ 50 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބޮރޫޝިއާ ޑޯޓްމުންޑް އާއި ވުލްފްސްބާގް ބައްދަލުކުރި މެޗު ހަތަރު ލަނޑު, ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޑޯޓްމުންޑްއެވެ. މުންޗެންގްލަޑްބެކް އާއި ހޯފެންހެއިމް ބައްދަލުކުރި މެޗު ހަތަރު ލަނޑު ހަތަރު ލަނޑުން ދެޓީމު އެއްވަރުވިއިރު ސްޓުޓްގާޓް އާއި ސެއިންޓް ޕައުލީ ބައްދަލުކުރި މެޗު އެއް ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްފައިވަނީ ސްޓުޓްގާޓްއެވެ. އަދި ޔޫނިއަން ބާލިން އާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުން ދެޓީމު ވީ އެއްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ