ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރުގެ ކޯލިޝަނުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) މިހާރު ނެތްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހާމަކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު ޕީއެންސީ ސަރުކާރުގެ ކޯލިޝަނުގައި އޮތީ އެ ޕާޓީ އެކަނި ކަމަށެވެ.
"ނޯ. ޕީއެންސީ އެކަނި އޮތީ،" ނޫސްވެރިޔަކު އެމްޑީއޭ ކޯލިޝަންގައި އޮތްތޯ އެހުމުން ރައީސް ވިދާޅުވި އެވެ.
"ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކާއި، މައްސަލަތައް، މައްސަލައެއް ނޫން، ހިޔާލު ތަފާތުވުން ބައެއް ކަންކަމުން އުފެދި ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި."
ޕީއެންސީ ސަރުކާރު ވެރިކަމަށް އައީ ޕީޕީއެމްގެ އިތުރުން އެމްޑީއޭއާ އެކު ހެދި ކޯލިޝަނާ އެކީގަ އެވެ.
އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން 40 މިލިއަން ރުފިޔާ ކެމްޕޭނަށް ނެންގެވި ކަމަށް ކުރާ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާމް އަތުން ފައިސާ ނަގާފައި ނުވާނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. ސިޔާމް އަޅުގަނޑަކަށް ހިޔެއް ނުވޭ ތިކަހަލަ ވާހަކައެއް ވިދާޅުވާނެހެނެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެމްޑީއޭ އިން ޕީއެންސީއާ އެކު ކޯލިޝަން ހެދީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ. ފުރަތަމަ ބުރުގައި އެ ޕާޓީން ތާއީދުކޮށް ކެމްޕެއިން ކުރީ އެމްޑީޕީއަށެވެ.
ސަރުކާރު ކޯލިޝަނުގައި އެމްޑީއޭ ނެތްކަން ރައީސް މުއިއްޒު ހާމަކުރައްވައިފި ސަރުކާރު ކޯލިޝަނުގައި އެމްޑީއޭ ނެތްކަން ރައީސް މުއިއްޒު ހާމަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ