އެމްޑީއޭ އިން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެ
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެ އެވެ.ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު ޕީއެންސީ ސަރުކާރުގެ ކޯލިޝަނުގައި އޮތީ އެ ޕާޓީ އެކަނި ކަމަށެވެ."ނޯ. ޕީއެންސީ އެކަނި އޮތީ،" ނޫސްވެރިޔަކު އެމްޑީއޭ ކޯލިޝަންގައި އޮތްތޯ އެހުމުން ރައީސް ވިދާޅުވި އެވެ."ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކާއި، މައްސަލަތައް، މައްސަލައެއް ނޫން، ހިޔާލު ތަފާތުވުން ބައެއް ކަންކަމުން އުފެދި ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި."ޕީއެންސީ ސަރުކާރު ވެރިކަމަށް އައީ ޕީޕީއެމްގެ އިތުރުން އެމްޑީއޭއާ އެކު ހެދި ކޯލިޝަނާ އެކީގަ އެވެ. ކޯލިޝަންގައި އޮވެ އެމްޑީއޭއިން ވަނީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ވާހަކަ ދައްކާފައެވެ.އެގޮތުން، ސަރުކާރުން ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމުމުން އެކަމާ ދެކޮޅަށް އެމްޑީއޭގެ ލީޑަރު ސިޔާމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސް މިހާރުވެސް ވަރަށް ބޮޑު ކަމަށާއި، އިތުރަށް ޓެކްސް ބޮޑުކޮށްފި ނަމަ އިގްތިސާދު ހަލާކުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ