އިންޑިއާއާ ދެމެދު ހަނގުރާމައިގެ ބިރުވެރިކަން އުފެދިފައިވަނިކޮށް ޕާކިސްތާނުން ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފި

ޕާކިސްތާނުން ހޮނިހިރު ދުވަހު ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި އެވެ. މިއީ ކަޝްމީރުގައި މިދިޔަ މަހު ޓޫރިސްޓުންނަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއާއެކު ހަނގުރާމައިގެ ބިރުވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރި މިސައިލް ޓެސްޓެކެވެ.
ޕާކިސްތާން ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ސާފަސް-ޓު-ސާފަސް މިސައިލަށް 450 ކިލޯމީޓަރު (ގާތްގަނޑަކަށް 280 މޭލު) ގެ ދުރުމިނަށް ދަތުރުކުރެވެ އެވެ. އިންޑިއާއިން މިކަމާމެދު އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އިންޑިއާއިން ތުހުމަތުކުރަނީ އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގާމް ރިސޯޓް ރަށުގައި ބަޔަކުދިން ޓެރަރިސްޓް ހާދިސާއާ ޕާކިސްތާނާ ގުޅުން ހުރިކަމަށެވެ. ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކުރެ އެވެ.
ޕާކިސްތާނުގެ ސިފައިންގެ ބަޔާނުގައި ވަނީ އަބްދާލީ ވެޕަން ސިސްޓަމްގެ ނަމުން ނަންދީފައިވާ މި މިސައިލް ޓެސްޓްކުރުމުގެ މަގްސަދަކީ "ސިފައިން އެކަށީގެންވާ ގޮތުގައި ތައްޔާރުވެފައިވޭތޯ ބެލުމާއި، މިސައިލްގެ އެޑްވާންސްޑް ނެވިގޭޝަން ސިސްޓަމާއި، އިތުރުކުރެވިފައިވާ މެނޫވަރެބިލިޓީ ފީޗާތައް ފަދަ މުހިންމު ޓެކްނިކަލް ޕެރަމީޓަރތައް ޗެކްކުރުން" ކަމަށެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ކާމިޔާބު ޓެސްޓާއި ގުޅުންހުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. މިސައިލްތައް އިންޑިއާއާ ދެމެދުގައިވާ ބޯޑަރާ ދިމާއަކަށް ދަތުރެއް ނުކުރެއެވެ. އާންމުކޮށް މިސައިލްތައް ޓެސްޓްކުރަނީ އަރަބި ކަނޑަށް ނުވަތަ ބަލޫޗިސްތާން ޕްރޮވިންސްގެ ހުޅަނގު ދެކުނު ސަހަރާއަށެވެ.
އިސްލާމާބާދުގައި ހުންނަ ސެކިއުރިޓީ ދިރާސާކުރާ އެކްސްޕާޓަކު ބުނެފައިވާގޮތުގައި، ހޮނިހިރު ދުވަހު އުދުއްސައިލި މިސައިލަށް ނަންދީފައިވަނީ އިންޑިއާއަށް ކުރީޒަމާނުގައި ހަމަލާދިން މުސްލިމު މީހެއްގެ ނަމުންނެވެ. މިއީ ރަމްޒީ މުހިންމުކަމެއް ދޭހަކޮށްދޭ ކަމެކެވެ.
"މިހާރުގެ ޖިއޯޕޮލިޓިކަލް ކޮންޓެކްސްޓްގައި މި ޓެސްޓްކުރުމުގެ ވަގުތު ވަރަށް ކްރިޓިކަލް،" އޭނާ އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، އިންޑިއާއިން ސްޓްރެޓީޖިކް ފެން ބެހުމުގެ މުއާހަދާއެއް ހުއްޓާލާނެކަމަށް ބިރުދެއްކުމަށްފަހު، މިއީ އިންޑިއާއަށް ދޭ ރަމްޒީ ސިގްނަލެކެވެ.
އޭޕްރިލް 27 ގައި އިންޑިއާގެ ނޭވީން ބުނެފައިވަނީ އިންޑިއާގެ އުޅަނދުތަކުން ކާމިޔާބުކަމާއެކު އެންޓި-ޝިޕް ފަޔަރިންގް ހިންގާފައިވާކަމަށެވެ. މިއީ "ދުރަށް އަމާޒުހިފައިގެން ދެވޭ ޕްރިސިޝަން އޮފެންސިވް ސްޓްރައިކް އަށް ޕްލެޓްފޯމްތަކާއި، ސިސްޓަމްތަކާއި، ކްރޫ ތައްޔާރަށް ތިބިކަން ޔަގީންކޮށް ދެއްކުމަށް" ކަމަށް ބުނެފައިވެއެވެ.
ގްލޯބަލް ފަޔާ ޕަވާ (ޖީއެފްޕީ) އިންޑެކްސްގައި ޕާކިސްތާނަކީ ދުނިޔޭގެ ޓޮޕް 15 ސިފައިންގެ ބާރުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 2025 ވަނަ އަހަރަށް، ޕާކިސްތާނު ވަނީ ޖީއެފްޕީ އިން ބަލާ 145 ގައުމުގެ ތެރެއިން 12 ވަނައިގަ އެވެ. މި ގައުމުގެ ޕަވާ އިންޑެކްސް ސްކޯއަކީ 0.2513 އެވެ (0.0000 އަކީ 'ޕާފެކްޓް' ކަމުގައި ބެލެވެ އެވެ.)
ޕާކިސްތާނުގެ ސިފައިންގެ ބާރުގައި ޖުމްލަ 700,000 ސިފައިން ތިބިއިރު، މީގެ ތެރެއިން 560,000 އަކީ އެއްގަމު ސިފައިން (އާމީ)، 70,000 ވައިގެ ސިފައިން (އެއާ ފޯސް)، އަދި 30,000 ކަނޑުގެ ސިފައިން (ނޭވީ).
ޕާކިސްތާނުގެ 2025-2026 މާލީ އަހަރުގެ ދިފާއީ ބަޖެޓަކީ ގާތްގަނޑަކަށް 7.6 ބިލިއަން ޑޮލަރު (2.28 ޓްރިލިއަން ރުފިޔާ).
ޕާކިސްތާނުގެ މިލިޓަރީ ހެލިކޮޕްޓަރުގެ އަދަދަކީ 373 އެވެ. ޕާކިސްތާނުގައި 2,627 ޓޭން ވެއެވެ. އަދި 17,516 އާމާޑް ވެހިކަލް ވެއެވެ. ޕާކިސްތާނުގައި 662 ސެލްފް-ޕްރޮޕެލްޑް އާޓިލަރީ ހުރިއިރު، 600 މޮބައިލް ރޮކެޓް ޕްރޮޖެކްޓަސް ހުރޭ.
2021 ވަނަ އަހަރުގެ ނިޔަލަށް، ޗައިނާއަކީ ޕާކިސްތާނަށް އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓްކުރާ ގައުމެވެ. ޕާކިސްތާނު ސިފައިންގެ ބާރަކީ އެމެރިކާގެ މޭޖާ ނަން-ނޭޓޯ އެލައި (އެމްއެންއެންއޭ) ގެ ގޮތުގައި 2004 ގައި ކަނޑައެޅިފައިވާ ގައުމެކެވެ. ޕާކިސްތާނުގެ ސިފައިންގެ ބާރުތަކަކީ ޕާކިސްތާން އާމްޑް ފޯސަސްގެ ބެނާގެ ދަށުން ޖުމްލަ އެކުލެވިގެންވާ ތިން މައި ބްރާންޗަކުން އެކުލެވިގެންވެއެވެ: ޕާކިސްތާން އެއާ ފޯސް (ޕީއޭއެފް)، ޕާކިސްތާން އާމީ (ޕީއޭ)، އަދި ޕާކިސްތާން ނޭވީ (ޕީއެން) އެވެ.
ޕާކިސްތާން އާމީގެ ސްޕެޝަލް ސާވިސަސް ގްރޫޕް (އެސްއެސްޖީ) އަކީ އެލީޓް ސްޕެޝަލް އޮޕަރޭޝަންސް ޑިވިޝަނެކެވެ. މީގެ ތަމްރީނު އަދި އޮޕަރޭޝަންތަކުގެ ބާވަތަކީ ބްރިޓިޝް ސްޕެޝަލް އެއާ ސާވިސް (އެސްއޭއެސް) އަދި ޔޫއެސް އާމީ ސްޕެޝަލް ފޯސަސް އާއި ވަރަށް އެއްގޮތް ބާރުތަކެކެވެ.
2021 ވަނަ އަހަރުގެ އޭޕްރިލް ހިސާބުގައި، ޕާކިސްތާނަކީ އދ. ގެ ސުލްހަވެރިކަން ދެމެހެއްޓުމުގެ މަސައްކަތްތަކަށް ހަ ވަނައަށް އެންމެ ބޮޑު އެހީތެރިކަން ދޭ ގައުމެވެ. މިގޮތުން 4,516 ސިފައިން ބޭރުގައި މަސައްކަތްކުރަމުން ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ