ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ހަދަނީ

ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައި ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި މިކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:
ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރުވާން އަލްހާޖެރީ
މީގެ އިތުރުން، ޝޭހް ނާއިފް ބިން އީދު އަލް ތާނީ އާއި ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ބައެއް އެހެން ގައުމުތަކުގެ ގިނަ ވިޔަފާރިވެރިންތަކެއް ވެސް ވަނީ މި މަޝްރޫއުގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސް މުއިއްޒަށް އެ ބޭފުޅުންގެ ސިޓީ އަރުވާފަ އެވެ.
ތަފްސީލް - އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމްކުރަން ނިންމާފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެންނެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަނުގެ ތެރޭގައި ހިމެނެނީ، އެމްއައިއެފްސީން ބުނި ގޮތުގައި:
3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ
ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު 
މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
މަތީ ފަންތީގެ ފިހާރަތައް
އޯޝަނޮގްރަފިކް މިއުޒިއަމެއް
ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
މިސްކިތެއް
އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭއިރު، އެ ތަނުގައި އަހަރުގެ ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.
މީގެ އިތުރުން، ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ޑިޖިޓަލް އެސެޓްތަކާއި ތިމާވެއްޓާ ރަށްޓެހި ގޮތްގޮތުން ފައިސާ ހޯދުމުގެ މަގުތައް ވެސް ފަހިކުރާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.
މި ސަރަހައްދު:
ފަރުމާކޮށްފައިވަނީ މާސްޓަ ޕްލޭނަރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ؛ އޭނާ ވަނީ އެ ސެންޓަރު ފަރުމާކޮށްފައިވާ ގޮތާ ބެހޭ ޕްރެޒެންޓޭޝަނެއް މިރޭގެ ހަފްލާގައި ދެއްވާފައި
އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭނީ އިއާދަކުރަނިވި ހަކަތައިން
ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާހާއުލެއް ދެމެހެއްޓުމަށްޓަކައި ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައި
ފާހަގަކޮށްލެވޭ - އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ