ފްރެންޗް ލީގު ވަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޕީއެސްޖީ އިން ހޯދައިފި އެވެ.
ޕީއެސްޖީ އިން މި ސީޒަނުގެ ޗެމްޕިއަންކަން ހޯދުމާއިއެކު އެ ކްލަބުން ވަނީ ފްރެންޗް ލީގު ވަން 14 ފަހަރު މަތިން ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީ އިން 14 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ލީގު ޗެމްޕިއަންކަން ހޯދާފައިވާ ސެއިންޓް އެޓިއެން އަށް ލީގު ކާމިޔާބު ކުރެވިފައިވަނީ 10 ފަހަރު އެވެ.
ވާދަވެރި ލެންސް އާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީ އިން ޖެހި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްވިޗާ ކްވަރަޓްސްކޭލިއާ އާއި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް އެމްބާއޭ އެވެ.
ލީގުގައި ބާކީ ތިން މެޗު ކުޅެން އޮއްވާ ޕީއެސްޖީ އިން ވަނީ މިހާތަނަށް 76 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް ލެންސް އަށް ލިބިފައިވަނީ 67 ޕޮއިންޓެވެ.
ލީގު ޗެމްޕިއަންކަން ހޯދުމަށްފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ފާއިތުވެދިޔަ ތިން ސީޒަނަށް ބަލާއިރު މިއީ އެންމެ އުނދަގުލުން ހޯދުނު ލީގު ޗެމްޕިއަންކަން ކަމަށެވެ.
ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ހޯދާފައިވާއިރު އެ ޓީމު ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސްފަ އެވެ. ފައިނަލުގައި މެއި 30 ވަނަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅޭނެ އެވެ.
ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ