ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލުގެ ރައީސްގެ ގޮނޑީގެ ވޯޓުގައި މައްސަލަޖެހިގެން އަލުން ގުނިއިރު ބާތިލުކުރި ވޯޓު، މިއަދު ހައި ކޯޓުގެ ހުކުމަކުން ސައްހަކަމަށް ކަނޑައެޅުމުން އެ ގޮނޑީގެ ވޯޓު އަނެއްކާ ވެސް އެއްވަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މީދޫ ކައުންސިލުގެ ރައީސްކަން 393 ވޯޓާ އެކު ކާމިޔާބުކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު، ސުހާ އިބްރާހިމް އެވެ. އެންމެ ގާތުން ވާދަކުރި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.
އެކަމަކު ވޯޓުލުމުގެ ހައްގު ލިބިފައިނުވާ މީހަކު ވޯޓު ލާފައިވާތީ ހުށަހެޅުނު ޝަކުވާއަކަށް ފަހު އެއް ވޯޓު ބާތިލުވެ، ދެ ކެންޑިޑޭޓުންގެ ވޯޓު 392 ވޯޓުން އެއްވަރުވި އެވެ.
އޭގެފަހުން، ޕީއެންސީގެ އިތުރު ވޯޓެއް ބާތިލުކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ވޯޓު އަލުން ގުނަން އެދިގެން ފަހުން ވޯޓު ގުނިއިރު، ސުހާގެ އިތުރު ވޯޓެއް ބާތިލުވެ އެ ގޮނޑި ޕީއެންސީއަށް ގެއްލުނެވެ.
މި ނަތީޖާއެކު، 392 ވޯޓާ އެކު އެއް ވޯޓުގެ ތަފާތުން ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓު ޝާހިދެވެ. ޕީއެންސީގެ ކެންޑިޑޭޓު ސުހާ އަށް ލިބުނީ، 391 ވޯޓެވެ.
ތަފްސީލް - ދެ ވޯޓެއް ބާތިލުކުރިގޮތާ މެދު ހިތްހަމަ ނުޖެހިގެން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ސުހާގެ ފަރާތުންނެވެ.
ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ދެ ވޯޓު ކަރުދާހުގެ ތެރެއިން އެއް ވޯޓު ކަރުދާސް ބާތިލުކަމަށް އީސީން ނިންމާފައިވަނީ، ހެޔޮ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވާތީ އެވެ.
އަނެއް ކަރުދާސް ބާތިލުކުރީ، ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ޖެހިއިރު އެ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ސީދާ ފެންނަން އޮތުމުންނެވެ.
ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ކަނޑައެޅީ:
ދެވަނަ ފާހަގަ ސީދާ ފެންނަން އޮތް ވޯޓުކަރުދާސް ބާތިލުކަމަށް އީސީން ކަނޑައަޅާފައިވާގޮތް ރަނގަޅު ކަމަށް
އެކަމަކު، ފަވާފައިވާ ހެޔޮ ފާހަގައިގެ ވޯޓު ކަރުދާސް ބާތިލުކުރިގޮތް ގޯސް ކަމަށް
ފާހަގައިގެ މަތިން ފަވާފަވިޔަސް، އެ ކަރުދާހުގައި ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ނެތުމުން، ވޯޓުލި މީހާ ހިޔާރުކޮށްފައިވާ ކެންޑިޑޭޓަކީ ކޮބައިކަން ސާފުކޮށް އެނގޭ
އެހެންވެ، އެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ހައި ކޯޓުން މިއަދު ނިންމި އެވެ. އެއާއެކު، މިހާރުގެ އޮތް ނަތީޖާއަށް ބަދަލު އަންނާނެތީ، އެ ހުކުމުގައި ކަނޑައަޅާފައިވާ ގޮތަށް އަލުން ވޯޓުގެ ނަތީޖާ އިސްލާހުކޮށް، އިއުލާންކުރުމަށް އީސީގެ މައްޗަށް ހައި ކޯޓުން އެންގި އެވެ.
މި ހުކުމާ އެކު، އެމްޑީއޭއަށް ލިބިފައިވާ މީދޫ ރައީސްގެ ގޮނޑި ގެއްލި، 392ގައި ނަތީޖާ އެއްވަރުވާނެ އެވެ. ނަތީޖާ އެއްވަރުވުމުން ދެން ޖެހޭނީ އެ ގޮނޑީގެ ވޯޓެއް އަލުން ބާއްވާށެވެ.
ޯޕީއެންސީގެ ބާތިލު ވޯޓެއް ހުކުމަކުން ސައްހަވެ، މީދޫ ކައުންސިލް ރައީސްގެ ގޮނޑީގެ ނަތީޖާ އެއްވަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ