އިހުތިޖާޖުން ހައްޔަރުކުރި ލޫކަސް ހިމެނޭހެން ތިން މީހަކު ބަންދަށް، ބާކީ އެންމެން ދޫކޮށްލައިފި
ނޫސްވެރިންނަށް ބިރު ދެއްކުމާއި ހައްޔަރުކުރުމާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ޝަމްޢޫން ޖަލީލް (ލޫކަސް) އާއި، ޢަލީ ޖުމާން (ޑެތު)، އަދި ޢަބްދުالله ޝަރީފް ބަންދުކުރުމަށްފަހު، ބާކީ ތިބި އެންމެން މިއަދު ދޫކޮށްލައިފިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އެމްޑީޕީ ހަރުގެ ކައިރިން ފެށި، މި އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން، އެންމެ ފުރަތަމަ ކުރިމަތިލުން ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅު ކައިރިންނެވެ. އެ އިހުތިޖާޖުގެ ތެރެއިން ދިހަ މީހަކު ހައްޔަރުކުރިއެވެ. އެއީ އަށް ފިރިހެނުންނާއި ދެ އަންހެނުންނެވެ. އޭގެ ތެރެއިން ހަތް މީހުން ދޫކޮށްލިއިރު، ލޫކަސް ދިހަ ދުވަހަށް، ޑެތު ފަސް ދުވަހަށް، އަދި ޝަރީފް ތިން ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން އެކަމަކު ބުނީ ރޭގެ އިހުތިޖާޖުން ހައްޔަރުކުރީ ނުވަ މީހަކު ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށް، ފުލުހުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، ޔާމީންގެ ގެކޮޅު ސަރަހައްދުގައި ފުލުހުންނާއި އިހުތިޖާޖުގެ ބައިވެރިންގެ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، އިހުތިޖާޖުގެ ބައިވެރިން ވަނީ މަޖީދީމަގަށް އަނެއްކާވެސް ނިކުމެ، ހިނގާލުން ކުރިއަށް ގެންގޮސްފައެވެ. އެ ހިނގާލުމަށްފަހު، އިހުތިޖާޖުގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ސަރަހައްދުގައި މަޑުކޮށްގެން ތިއްބެވެ. އެ ވަގުތު އެސްއޯ ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެކި ފަހަރު މަތިން އެއްވުން ރޫޅައިލުމަށް މަސައްކަތްކުރިއެވެ. މި އިހުތިޖާޖަކީ ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި ނަޝީދުގެ އިތުރުން މާލޭގެ މޭޔަރު އާދަމް ޢާޒިމާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ