’މޯލްޑިވްސް ޕްރޯ‘ އޮގަސްޓްމަހު ތުލުސްދޫގައި

ބޮޑީބޯޑިންގެ ބައިނަލްއަގްވާމީ މުބާރާތް، މޯލްޑިވްސް ޕްރޯ 2026 މިއަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ބޮޑީބޯޑަރުން ދިގު އިންތިޒާރެއް ކުރަމުން އައި ބޮޑީބޯޑިންގެ ދުނިޔޭގެ މައި އިދާރާ، އައިބީސީގެ ވޯލްޑް ޓުއާރގެ މި މުބާރާތް އަހަރެއްގެ މެދު ކެނޑުމަކަށްފަހު އަލުން ރާއްޖެއަށް ގެނައުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި ޒުވާނުންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މި މުބާރާތުގައި ތިން ޑިވިޝަނެއް ހިމެނޭއިރު ކޮންމއ ޑިވިޝަނެއްގެ ރޭންކިން ޕޮއިންޓްތަކަށް ބަހާލަައިގެން ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.
އެގޮތުން މެންސް ރައިޒިން ސީރީސްގެ ޕްރައިޒް ޕޫލު ބެހިގެންދަަނީ 2000 ޕޮއިންޓަށް 20،000 (ވިހި ހާސް އެމެރިކާ ޑޮލަރު)، ވިމެންސް ޕްރައިމް ސީރީޒްގައި 3500 ޕޮއިންޓަށަ 25،000 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) އަދި ޖޫނިއަރ މެންސް ސީރީޒްގައި 500 ޕޮއިންޓަށަ 2500 (ދެހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ކަމަށް އެމްބީބީއޭއިން ބުނެއެވެ.
އައިބީސީ ވޯލްޑް ޓުއާގެ ރާއްޖޭގެ އެޑިޝަންކަމަށްވާ، މޯލްޑިވްސް ޕްރޯ 2026 ބާއްވާނީ އޮގަސްޓު 12 ން 21 އަށް ތުލުސްދޫގައެވެ. މި މުބާރާތް ތުލުސްދޫއަށް ބަދަލުކޮށްފައިވަނީ މާލޭ ވަރުނުލާރާޅުގަނޑު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްޤީކޮށް ޒަމާނީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް އެޅުމަށް ބަންދުކޮށްފައިވާތީއެވެ.
ރާއްޖޭގެ ރީތި ރާޅު ޕޮއިންޓަތަކަށް ޝައުގުވެރިވާ ދުނިޔޭގެ ރޭންކިންގެ މަތީ ފަންތީގައި ހިމެނޭ އެތުލީޓުންނާއި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އަރަމުން އަންނަ އެތުލީޓުންނާއި އެލީޓު އެތުލީޓުންނަށް ލިބިގެންދާ މި މުބާރާތް ވެގެންދާނީ ރާއްޖެގެ ސްޕޯޓްސް ޓޫރިޒަމަށްވެސް ބޮޑު މަންފާއެއް ކުރާނެ މުބާރާތަކަށް ކަމަށް އެމްބީބީއޭއިން ބުނެއެވެ.
އެންމެ ފަހުން ރާއްޖެގައި މޯލްޑިވްސް ޕްރޯ ބާއްވާފައިވަނީ 2024 ވަނަ އަހަރު މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ. 2025 ވަނަ އަހަރުވެސް މި މުބާރާތް ބާއްވަން މަސައްކަތް ކުރިއެވެ.
މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ މިހާރުގެ ގައުމީ ޓީމުގައި ހިމެނޭ ބައެއް އެތުލީޓުން ވަނީ ރަނގަޅު ވާދަތަކެއްކޮށް ކުއާޓާފައިނަލުގައިވެސް ވާދަކުރިއެވެ. އަދި ބައެއް އެތުލީޓުން ވަނީ ދުނިޔޭގެ ރޭންކިންގައި ކުރިޔަށް ޖެހިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ