ހައިވޭގެ ހުޅުމާލެ ދާ ލޭން ފެށޭކޮޅުގައި ވެސް ތާރުގަނޑު ހިއްލި "މުލިހި" ނަގައިފައި، ދުއްވަން ނުރައްކާ

ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ fފެށޭ ހިސާބުގައި ތާރުގަނޑު "މުލިހި"ތަކެއްހެން ހިއްލިފައި ހުރުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި މައްސަލަ ދިމާވެފައިވަނީ ބްރިޖުން ފައިބައިގެން އެއާޕޯޓު ޓްރެފިކް ލައިޓް ހުރަސްކޮށް، ހުޅުމާލެއަށް ދާ ލޭން ފުޅާވެ ނިމޭ ހިސާބުގައެވެ. ކާރު ލޭނާއި ސައިކަލު ލޭނާ ދެމެދުވާ ގޮތަށް ތާރުގަނޑު ވަރަށް ބޮޑަށް ހިއްލިފައި ހުރިއިރު، މިއީ މަގު ބޭނުންކުރާ ފަރާތްތަކަށް، ހާއްސަކޮށް ސައިކަލު ދުއްވާ މީހުންނަށް އޮތް ބޮޑު ބިރެކެވެ. ހައިވޭއަކީ ބާރު މިނުގައި އުޅަނދުތައް ދުއްވާ ތަނަކަށް ވުމުން، ކުއްލިއަކަށް މި ފަދަ ތަނެއް ފާހަގަވެގެން އުޅަނދު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ބޮޑެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި މި ތަން ފެންނަން ދަތިވުމުގެ ސަބަބުން، ގިނަ ބަޔަކަށް ނޭނގި އެއަށް އެރި ސައިކަލު ކޮންޓްރޯލުން ނެއްޓޭ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. ސައިކަލުތަކުގެ އިތުރުން، ކާރާއި ބަސް ފަދަ ބޮޑެތި ވެހިކަލްތަކަށް ވެސް މިކަމުގެ ސަބަބުން ގެއްލުންވަމުންދާ ކަމަށް ދުއްވާ މީހުން ބުނެއެވެ. މި ސަރަހައްދުގެ ތާރުގަނޑު ހަލާކުވެފައި އޮންނަތާ މިހާރު މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އެ ތަން މަރާމާތު ކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުންދާ ތަނެއް ނުފެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ތަން މިހެން އޮއްވައި ދާދި ފަހުން ހައިވޭގެ ލޭންތައް ފާހަގަކުރުމަށްޓަކައި މަގުގައި ކުލަ ވެސް ލާފައިވެއެވެ. ނަމަވެސް އެ ކަން ކުރިއިރު ވެސް ހަލާކުވެފައިވާ ތާރުގަނޑު މަރާމާތުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން މާލޭގެ އަމީނީ މަގާއި ކަނބާ އައިސާރާނީ މަގު ގުޅޭ ހިސާބުގައި ވެސް މިފަދަ ގޮތަކަށް ތާރުގަނޑު ހިއްލި، ވަރަށް ބޮޑަށް ހަލާކުވެފައިވެއެވެ. އެ ސަރަހައްދުގެ މައްސަލައާ ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފައިވަނީ އެ މަގު އަލުން ހަދާނީ ކަމަށެވެ. މަގު ބޭނުންކުރާ ފަރާތްތަކުން އެދެނީ، އެކްސިޑެންޓެއް ހިނގައި މީހެއްގެ ފުރާނައަށް ގެއްލުންވުމުގެ ކުރިން، ވީ އެންމެ އަވަހަކަށް ހައިވޭގެ މި ސަރަހައްދު މަރާމާތުކޮށް އާންމުންނަށް ރައްކާތެރި ތަނަކަށް ހަދައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ