މުޅި ރާއްޖެއަށް ކަރަންޓުގެ އަގުހެޔޮ ކޮށްފި

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަރަންޓްގެ އަގު ވަނީ ކުޑަކުރެވިފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި ކަރަންޓުގެ އަގު ކަނޑައެޅުމުގައި ހުރި ތަފާތުކުރުންތައް ކުޑަ ކުރުމަކީ ކަރަންޓުގެ އަގުހެޔޮކުރުމުގެ މައިގަނޑު ސިޔާސަތުކަމަށެވެ.
ރަށްރަށުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނައްތާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ރަށްރަށުގައި ކަރަންޓުގެ އަގު ކަނޑައެޅުމުގައި ހުރި މައްސަލަތަކުގެ ތެރޭގައި ވިޔަފާރިވެރިންގެ އަތުން ކަރަންޓަށް ނެގޭ އަގު މާ ބޮޑުކަމަށާއި މިހާރު އެ ފަރަގުކުރުން ނައްތާލައި ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ގެނެސްދެވިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބިޒްނެސް ކެޓަގަރީއަށް މި ގެނައި ހެޔޮ ބަދަލުގެ ސަބަބުން އަތޮޅުތަކުގައި ވިޔަފާރިކުރައްވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ. ކުރީން 4600 ރުފިޔާ ދެއްކި މީހުން މިހާރު ދައްކަން ޖެހޭނީ 3400 ރުފިޔާ. އެހެންވީމަ އެބޭފުޅުންނަށް 1200 ރުފިޔާ ކޮންމެ މަހެއްގެ ކަރަންޓު ބިލުން ލުއިވާނެ." ރައީސް ވިދާޅުވި އެވެ.
މިކަމުގެ އިތުރުން ޑީސަލްގެ ޑިއުޓީއަށް ކުރިން ނަގަމުން ދިޔަ ފަސް އިންސައްތަ މި ސަރުކާރުން ނެގުން ހުއްޓާލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް އަވަހަށް ލުއިވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ