ލަންކާއިން އަތުލައިގަތް ބޯޓަށް ޑްރަގު ބަރުކުރީ ރާއްޖޭގެ ސަރަހައްދަކުން ނޫން: ފުލުހުން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ސްރީ ލަންކާގެ ހުޅަނގު ކަނޑުގެ ސަރަހައްދުން އަތުލައިގަތް އެ ގައުމުގެ މަސް ބޯޓަށް މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދަކުން ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ލަންކާގެ 'ސީދޭވީ' ނަމަކަށް ކިޔާ މަސް ބޯޓެއް އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު، 355 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.
މި ތަކެއްޗާ އެކު އެ ބޯޓުގައި ތިބި ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ ބޯޓަށް މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް ލަންކާގެ ފުލުހުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެެވެ.
ތަފްސީލް - މިއަދު ދިވެހި ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ބޯޓަށް މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދުން ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށެެވެ.
"ސްރީ ލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި،" ފުލުހުން ބުންޏެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންކަން ދެނެގަނެވިފައިވަނީ އެ ބޯޓުގެ ވެރިފަރާތް ހައްޔަރުކޮށް ތަހުގީގުގައި ސުވާލުކުރުމުންނެވެ.
އެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި:
އެ ބޯޓަކީ މަސްވެރިކަން ކުރަން އެ ބޯޓުގެ ވެރިފަރާތުގެ ޅިޔަނަކާއި ހަވާލުކޮށްފައިވާ ބޯޓެއް
އެ ބޯޓުގައި މަސްތުވާތަކެތި ވިޔަފާރިކުރާކަން އޭނާއަށް އެނގިފައެއް ނުވޭ
ނަމަވެސް އެ ބޯޓުގައި މަސްވެރިކަމުގެ އެއްވެސް ކަމެއް ނުކުރާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނޭ
މި މައްސަލާގައި ބޯޓުގެ ވެރިފަރާތުގެ އިތުރުން ބޯޓުގައި ތިބި ހަ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ ބަންދަށް އަަށް ދުވަސް ވަނީ ޖަހާފަ އެވެ. ފުލުހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 5 ބިލިއަން ރުޕީސްއަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ