ހުރިހާ ރަނގަޅު ސިފަތައް ހުރި އަންހެނަކު ހޯދައި ކައިވެނިކުރަނީ ހަމައެކަނި ގޭގަ ބައިންދަން ކަމަށް ހަދައިގެން ކައިވެނި ކާމިޔާބުކުރެވޭނެ ގޮތެއް ނިކަން ބުނެދީބަލަ!

އަހުރެން ފަށަން ޤަޞްދުކުރަނީ މިޘާލަކުންނެވެ. "އޭނާ ބުނަނީ އޭނާ އެންމެ ބޮޑަށް ލޯބިކުރަނީ ޤުރްއާނަށް ކަމަށެވެ. އެހެންވެ ބޮޑު ޚަރަދެއްކޮށްގެން ރަންދެލިން ވަރަށް ރީތިކޮށް ލިޔެފައިވާ ޚަޠިމެއް ގަތީއެވެ. ގަނެގެން ގެންގޮސް އެހައިމެ ފުރިހަމަ އުރައަކަށްލާފައި އެހައިމެ ޢިއްޒަތުގައި ބޭއްވީއެވެ. އެހިސާބުން ގެއިން އެބަ ނުކުމެއެވެ. ގެއިން ނުކުތުމަށްފަހު ޢަމަލުތައް ކުރަނީ ޤުރްޢާނުގައި އޮތް ގޮތާއި މުޅިން ޚިލާފަށެވެ. ކުރަނީ އެފަހަރަކު ކުރަން ބޭނުންވި ފާފައެކެވެ." 
ދެން ނިކަން ބުނެބަލާށެވެ! އެމީހަކީ ޤުްރްއާނަށް ލޯބިކުރާ މީހަކަށްވާނެ ހެއްޔެވެ؟ ހަމަޤައިމުވެސް އެކަމުގައި އަހުރެން އޭނާއަށް ދޭނީ ބޮޑު ސުމެކެވެ. އެންމެ މާކްހެއްވެސް ނުދޭނަމެވެ. އަދި އެމީހަކަށް ނަފްރަތުވެސް ކުރާނަމެވެ. 
ދައްކަން މިއުޅެނީ ޙަޔާތުގެ ބައިވެރިޔަކު ހޯދައި ދިރިއުޅުމުގައި ހަމަ މޮގޮތަށް ޢަމަލުކުރާ މީހުންގެ ވާހަކައެވެ. އެއްވެސް ޙާލެއްގައި ހުރިހާ ފިރިންގެ ވާހަކައެއް ނޫނެވެ. އެގޮތަށް ޢަމަލުކުރާ ފިރިންގެ ވާހަކައެވެ. 
ފިރިހެނުން ޢާންމުގޮތެއްގައި ބުނާނީ އެމީހުންގެ ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ ބޭވަފާތެރިނުވާނެ، ހިލޭ ފިރިހެނުންނާއި ގުޅުން ނުބާއްވާނެ، ރިވެތި ގޮތުގައި ފޭރާންލައި ނިވާވާނެ، ﷲ ތަޢާލާއަށް ބިރުވެތިވާނެ އަންހެނަކު ކަމަށެވެ. 
އެހުރިހާ ވާހަކަތަކެއް ދައްކަމުން އެމީހުން ޚަރަދުކުރަނީ ކޮންބައަކަށްކަން ނިކަން ބަލައިލާށެވެ. ބޭނުންވާކަމަށް އެބުނާ ޒާތުގެ އަންހެނަކު ލިބިގެން ކައިވެނިކުރިނަމަވެސް އަނބިމީހާ ގޭގައި ބައިންދާފައި އެމީހުން ދުވަނީ ކޮންބާވަތެއްގެ އަންހެނުންގެ ފަހަތުންކަން ނިކަން ބަލައިބަލާށެވެ. 
ފެންނާނީ މުޅިން ތަފާތު މަންޒަރެކެވެ. ބޭނުންވާ ސިފަތައް ކަމަށް ބުނި ސިފަތަކާއި މުޅިން އިދިކޮޅު ސިފަތައް ހުންނަ އަންހެނުން ފަހަތުން ދުވާތަނެވެ. އެފަދަ އަންހެނުންނަށް ބޮޑެތި ޚަރަދުތައްކުރާތަނެވެ. ދެން ބުނަންއޮތީ ކީކޭހެއްޔެވެ؟ 
މިކަންކަން ވަރަށް ގާތުން ބަލައި ދިރާސާކުރި މީހަކު ބުނެފައިވެއެވެ. "ފިރިހެނުން ގޭގައި ބައިންދަން ބޭނުންވާ އަނބިމީހާގެ ސިފަތަކާއި އެމީހުން އެކުގައި އުޅެ މަޖާކުރަން ބޭނުންވާ އަންހެނުންގެ ސިފަތަކާއި މުޅިން ތަފާތެވެ. ކައިވެނީގެ އުފާވެރިކަން ފިރިމީހާއަށްވެސް އަދި އަނބިމީހާއަށްވެސް ނުލިބޭ ސަބަބަކީވެސް ހަމައެއީއެވެ. އަދި ކައވެނި ރޫޅާލައި ދެމީހުން ވަކިވާންޖެހޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ." 
އަހުރެންވެސް ބުނާނީ އޭނާ އެބުނަނީ ތެދެއް ކަމަށެވެ. ތިމާ ބޭނުންވާ ގޮތް ތަފާތުވާނަމަ އެއީ މައްސަލައެކެވެ. ތިމާ ބޭނުންވާ ސިފަތައް ހުރި ބައިވެރިއަކު ލިބުމުން އޭނާގެ ބޭނުން ނުހިފައި އެހެން ސިފަތައް ހުންނަ އަންހެނުންގެ ފަހަތުން ދުވާނަމަ އެކަމުން އެނގެނީ އެމީހަކު ޙަޤީޤަތުގައި ބޭނުންވަނީ އޭނާ އެބުނާ ސިފަތައް ހުންނަ އަންހެނަކު ނޫންކަމެވެ. 
ވީމާ އަހުރެން ބުނާނީ އަނބިމީހާގެ ކިބައިގައި ހުންނަން އެމީހަކު ބޭނުންވާ ސިފަތައް ހުރި އަންތބަކު ލިބުމުން އޭނާ ގޭގައި ބައިންދާފައި ނުކުމެ ބޭނުން ނުވާ ސިފަތައް ހުންނަ އަންހެނުންގެ ފަހަތުން ދުވާނަމަ ވަރިމަދެއް ނުކުރެވޭނެއެވެ. އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 
ފިރިމީހާ ބޭނުންވާ ސިފަތައް ހިފައިގެން އަނބިމީހާ ގޭގައެވެ. ފިރިމީހާ ނުކުމެ ދުވަނީ އެހެން ސިފަތައް ހުންނަ އަންހެނުންގެ ފަހަތުންނެވެ. އެކަމަށް ފުދިގެން އަނބިންނަށް ތިބެވޭނީ ކިހައި ދުވަހަކުހެއްޔެވެ؟ ވަރިވެ ދެމީހުން ވަކިވުން ނޫން ގޮތެއް މިޙާލަތަކު ނުއޮންނާނެ ނޫންހެއްޔެވެ؟  
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ