އެއް މަސްތެރޭ ޕާކިން ބިލްޑިންތައް އަޅަން ކޮންޓްރެކްޓަރުންނާ ހަވާލުކުރާނަން: އަމީން
އެއް މަސްތެރޭ ޕާކިން ބިލްޑިންތައް އަޅަން ކޮންޓްރެކްޓަރުންނާ ހަވާލުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. ވެހިކަލްތައް ގިނަވެ، ގިނަ ފަހަރަށް އޮންނަނީ ޕާކުކުރާނެ ތަންކޮޅެއް ނުލިބި، މުޅި މާލެތެރެ ވެހިކަލްތަކުން ތޮށްޖެހިފައެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މި ސަރުކާރުން މީގެ ކުރިން ވަނީ 7،000އަށްވުރެ ގިނަ އުޅަނދު ޕާކުކުރެވޭނެ ޖާގައިގެ ޕާކިން ބިލްޑިންތައް އަޅާނެ ކަމަށް ވިދާޅުވެފައެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތަކީ ބޮޑެތި ބިންތަކެއް ވެސް ބޭނުންވާ އަދި ބޮޑެތި ޚަރަދުތަކެއް ވެސް ހިނގާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށްޓަކައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އަމީން ވަނީ ކުރިއަށް އޮތް މަސް ދުވަސްތެރޭ ކޮންޓްރެކްޓަރާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު މިއޮތީ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަރުހަލާގައި. އެއް މަސްތެރޭ ކޮންޓްރެކްޓަރުންނާ ހަވާލުކުރާނެ. އަދި ތިނެއް ނުވަތަ ހަތަރު މަސް ތެރޭގައި އަމަލީ މަސައްކަތްތައް ފެށޭނެ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަމީން ވިދާޅުވި ގޮތުގައި ޕާކިން ބިލްޑިން ތެރޭގައި ވިޔަފާރި އުސޫލުން ދޫކުރާ ޕާކިން ސްލޮޓްތަކާއި، އާއްމު ޚިދުމަތްތަކަށް ބޭނުންކުރާ ވެހިކަލްތަކަށް ޚާއްސަ ސްލޮޓްތައް ހިމެނޭނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ) ވަނީ 4،000 ޕާކިން ޔުނިޓުގެ މަސައްކަތް ކުރުމަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން 15 ޕާކިން ބިލްޑިން ހުޅުމާލޭގައި އަޅާނެއެވެ. އެ 15 ބިލްޑިންގައި 4،000 ޕާކިން ޔުނިޓު ހިމެނޭނެއެވެ. https://www.sun.mv/197491 މި ބިލްޑިންތަކުގައި އިލެކްޓްރިކް ވެހިކަލްތައް ޗާޖް ކުރެވޭއިރު އެތަނުގައި ބޭނުންކުރާ ހަކަތަ އުފެއްދުމަށް ނިންމާފައިވަނީ އިއާދަކުރެނިވި ހަކަތަ ބޭނުން ކޮށްގެންނެވެ. އަދި އެ ބިލްޑިންތަކުގެ ޓެރަސް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން ކެފޭ، ރެސްޓޯރެންޓު އަދި ސްޕޯޓްސް އެރީނާތައް ފަދަ ތަންތަން ހިންގަން ޖާގަ ދޭނެއެވެ. އެ ދުވަހު މިނިސްޓަރު އަމީން ވިދާޅުވީ މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް އުޅަނދު ގިނަވެފައި އޮތީ ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެހެން ޒޯނުތަކުގައި ރެޖިސްޓާކޮށްފައި ހުރި ވެހިކަލްތައް ވެސް މާލެ ސަރަހައްދުގައި ދުއްވާކަން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ