ދަރިންނަށް ކުރެވޭ ކުށެއްގެ ވާހަކަ ބުނެފިނަމަ ރުޅިއައުމުގެ ބަދަލުގަ އޮތީ އުފާކުރުން!

ބައެއް ފަހަރު ދަރިން، އެކުދިންނަށް ކުރެވޭ ބައެއް ކަންކަމުގެ ވާހަކަ ބައިންބަފައިން، ބެލެނިވެރިންގެ ގާތުގައި ބުނުމުން ވަގުތުން އެބަ ރުޅިއާދެވެއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެފަދަ ކަމެއްގެ ވާހަކަ ބުނެފިނަމަ ފުރަތަމަ ކަމަކަށް އެއީ ކުށެއްކަން ވިސްނައިދީ އިތުރަށް އެފަދަ ކަމެއް ނުކުރަން ހޭލުންތެރިކުރުވާށެވެ! ބުނީތީ ވަރަށް އުފާވެއްޖެ ކަމަށްބުނެ ދަރިފުޅަށްދޭ ލޯބި އިތުރުކުރާށެވެ! އިނާމުވެސްދޭށެވެ!
އިނާމުދޭ ވާހަކަ މިބުނަނީ ކުށްކުރީތީ އެކަމަށް އިނާމުދޭ ވާހަކައެއް ނޫނެވެ. އެކަން ބުނިކަމަށްޓަކައި ތަޢްރީފްކޮށް ބުނި ބުނުމަށް އިނާމުދޭވާހަކައެވެ. މާނައަކީ ރުޅި ނައިސް ދެންވެސް ކުށެއް ކުރެވިއްޖެނަމަ ބުނާނެ ގޮތަށް ކުދިންނާއި މުޢާމަލާތުކުރުމެވެ. ކުރެވޭ ކަންކަމުގެ ވާހަކަ ބުނަން ހިތްވަރުދިނުމެވެ. އެގޮތުން އިނާމެއްގެ ގޮތުގައި އެއްޗެއް ދިނުމަކީވެސް މައްސަލައެއް ނޫނެވެ.
ސަބަބަކީ ދަރިފުޅު އޭނާއަށް ކުރެވުނު ކަމުގެ ވާހަކަ އެބުނީ އެއީ އެއީ އޭނާއަށް ކުރެވުނު ގޯސްތަކެއް ކަމަށް އޭނާއަށް ޤަބޫލު ނުކުރެވޭތީއެވެ. ވީމާ ފުރަތަމަ ކަމަކަށް ފުންމައިގެން ނުގޮސް ދަރިފުޅު ވާހަކަދައްކަން ފުރުޞަތުދޭށެވެ. ދަރިފުޅުގެ ވާހަކަ އަޑުއެހުމަށްފަހު ދަރިފުޅަށް ކުރެވުނީ ރަނގަޅު ނޫން ކަމެއް ކަމުގައިވާނަމަ ދަރިފުޅަށް އެކަން ވިސްނައިދޭށެވެ. އެގޮތަށް ކަންތައް ނުކޮށް ދަރިފުޅާއި ދިމާއަށް ރުލިވެރި ަސްތައް ބުނާނަމަ ކުރެވޭ ކަންކަމުގެ ވާހަކަ އެކުދިން ކުރާނީ ސިއްރެވެ.
އެއިރުން މައިންބަފައިންނަށް ކަންކަން އެނގޭއިރު ގިނަ ފަހަރު އޮންނާނީ ހަތަރު އުދަރެސް ފެނުގައި ޖެހިފައެވެ. މާނައަކީ އެތައް ބައިވަރު ނުބައި ކަންކަން ކުރެވިފައެވެ. އިޞްލާޙްކުރަން އިތުރު އެތައް ބައިވަރު މަސައްކަތްކުރަންޖެހޭ ހިސާބަށް ކަންކަން ގޮސްފައެވެ. އެއިރުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ.
ދަރިންގެ ކަންކަން އިޞްލާހްކުރަން ބޭނުންނަމަ އެކުދިންގެ އަޑު އަހަން ޖެހޭނެއެވެ. އެކުދިންގެ ވާހަކަތައް ކިޔައިދޭނެ ފުރުޞަތުދޭންޖެހޭނެއެވެ. ކުދިންގެ ކަންކަން އެނގޭނީ އެކުދިންނާއިއެކު ވަގުތު ހޭދަކޮށްގެންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ