ފުލުހުންގެ ސަސްޕެންޝަން: އިމްރާން ވިދާޅުވީ މުއައްސަސާތަކުން ރައީސަށް ކިޔަމަންވުން ހުއްޓާލަފާނެ ކަމަށް

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ލަފަޔަށް، މުއައްސަސާތަކުގެ ވެރިންނަށް ފިޔަވަޅު އަޅަމުންދާ ނަމަ އެ މުއައްސަސާތަކުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ކިޔަމަންވުން ހުއްޓާލަފާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ، ފުލުހުންގެ ހައުސިން ޕްރޮޖެކްޓް ކަމަށްވާ ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކުރަމުންނެވެ. އެ ރިޕޯޓާއެކު، ފުލުހުންގެ އެކި މަގާމުތަކުގެ ބޭފުޅުންނަށް ތަފާތު ތުހުމަތުތައް ކޮށްފައިވެއެވެ. https://sun.mv/214485 "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއްޔެ ކޮމިޓީން ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވަނީ ފުލުހުންގެ އިސް، ހަތް އޮފިސަރަކު ސަސްޕެންޑުކުރަން މަޖިލީހަށް ލަފާ ދޭން ފާސްކޮށްފައެވެ. އެއީ: ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް އެ އޮފިސަރުންނަށް ފިޔަވަޅު އަޅަން ލަފާ ދިނުމުގެ ކުރިން، އެހެން މުހިންމު މުއައްސަސާއެއް ކަމަށްވާ ކަސްޓަމްސްގެ އިސް ވެރިންތަކަކަށް ވެސް ފިޔަވަޅު އަޅަން މަޖިލީހުން ލަފާދިނެވެ. އެގޮތުން، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިން ލަފާގެ މަތިން ރައީސް، މިދިޔަ އޮކްޓޯބަރު މަހުގެ 29ގައި ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރެއްވިއެވެ. އެއީ އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. https://sun.mv/213656 ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައެއްގައި ކުރި ތުހުމަތުތައް ދެ މީހުން ވެސް ދޮގުކުރެއްވިއިރު، ރިޔާޒުގެ ދިފާއުގައި ކަސްޓަމްސްގެ ގިނަ އަދަދެއްގެ މީހުން ވާހަކަދެއްކިއެވެ. އަދި އޭނާ ވަކިކުރިތާ 10 ދުވަސް ފަހުން، އޭނާގެ މަގާމު އިޔާދަ ކުރުމަށް ކޮމިޓީން އަލުން ރައީސަށް ލަފާ ދިނެވެ. ނަމަވެސް، އެކަން ހިނގައިދިޔަ ގޮތުން ރައީސަށާއި މަޖިލީހަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. https://x.com/ShimranAb/status/1993905706555322453 އެ މައްސަލަތަކާ ގުޅުވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ކޮމިޓީގެ ލަފަޔަށް ރައީސް ދާދި ފަހުން ފިޔަވަޅު އެޅުއްވުމުން އެކަން ނިމުނީ އެ މަނިކުފާނު 'ލަދުގަންނަވާލައިފައި' ކަމަށެވެ. އެހެންވެ، ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަ ކުރިއަށްދާނެ ގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދަވައި އޭނާ ވަނީ، ރައީސެއްގެ ކިބައިގައި ހުންނަން ޖެހޭ ހުޝިޔާރުކަން ރައީސް މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެފައެވެ. ސަރުކާރު ހިންގާ ޕާޓީގެ ވެރިންގެ އަމިއްލަ މަސްލަހަތަށްޓަކައި ބޮޑެތި މުއައްސަސާތައް ރޫޅާލާ، އެ ތަންތަނުގެ ވެރިންގެ މެދުގައި މަސްލަހަތު ގެއްލި ކޯޅުން އުފެދެން ދިމާވަނީ ދައުލަތް ހިންގާ މީހާގެ ކިބައިގައި ހުންނަންވާ ލީޑާޝިޕާއި ހުޝިޔާރުކަން ރައީސް މުއިއްޒުގެ ކިބައިގައި ނެތުމުންކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭނާ ވިދާޅުވީ ކަންކަން މިހާރު ކުރިއަށްދާ ގޮތަށް ދާން ރައީސް ދޫކޮށްލައްވައިފިނަމަ، އެ މުއައްސަސާތަކުން އެ މަނިކުފާނަށް ކިޔަމަންވުން ހުއްޓާލަފާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރައީސް އަރިހުގައި ތިއްބަވާ ކޮންމެވެސް އެހެން ބަޔަކު އެ މަނިކުފާނާ ދެކޮޅަށް އެ ތަންތަނަށް ބާރުހިންގާނެ ކަމުގެ އިންޒާރު އިމްރާން ދެއްވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ގައި ބަޣާވާތަކުން ވައްޓާލީ ކަމަށް އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރާ މީހުން ބުނާއިރު، އޭރު އިދިކޮޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި އިމްރާން ހިމެނުނެވެ. އޭރު ސަރުކާރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ނުކުމެ ނުކިޔަމަންތެރިކަން ދެއްކީ، ޣައިރު ގާނޫނީ އަމުރުތައް ކުރާ ކަމަށް ބުނެއެވެ. އެ މައްސަލައިގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ، ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުން ނޫން ކަމަށެވެ. ނަމަވެސް ފުލުހުން އަނިޔާވެރިކޮށް އަމަލުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން ވެސް، އިމްރާނަށް "ބަޣާވާތާ" ގުޅުން އޮތް ކަމަށް ބުނެ ތުހުމަތުތައް ކުރިއެވެ. ނަމަވެސް، ނަޝީދުގެ ތާއީދާއެކު ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިމްރާނަށް ހޯމް މިނިސްޓަރުކަން ދެއްވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ