ދަތިޙާލުގަ ހުރިމީހަކަށް އެހީތެރިވެއްޖެނަމަ ދުނިޔޭގަވެސް އެމީހަކަށް ހެޔޮ ބަދަލު ދެއްވަވާނެކަމަށް ޝައްކުވެސް ކުރުމެއް ނެތް! އެއީ ޔަޤީންކަމެއް! އިން ޝާ ﷲ

އަހުރެން އަބަދުވެސް ބުނާ ވާހަކައެއް މިތަނުގައިވެސް ބުނެލާނަމެވެ! އެއީ ދަތިޙާލުގައި ހުރި މީހަކު ކަމަކު އެދުމުން އޭނާއަށް އެހީތެރިވާން އޮތީ ތިމާގެ ދަތިޙާލު ފިލުމަކުން ނޫނެވެ. ދަތިޙާލުގައި ހުރެ އެހީތެރިވުމަކީ ދަތިޙާލުން ސަލާމަތްކުރައްވަވާ ސަބަބެކެވެ. އިން ޝާ ﷲ  
އަހުރެންގެ އަމިއްލަ ދިރިއުޅުމުގައި ތަޖުރިބާކުރެވިފައިވާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ބޭނުމެއް ޖެހިފައިވާ މީހަކަށް އެއްޗެއް ދެވިއްޖެނަމަ، (ޞަދަޤާތެއް ކުރެވިއްޖެނަމަ) އެއިގެ ބަދަލުގައި އަހުރެންނަށް ދެއްވަވާ ކަމެވެ. އަހުރެން ޤަބޫލުކުރަނީ ގިނަ ބައަކަށް މިގޮތަށް ތަޖުރިބާ ކުރެވިފައިވާނެ ކަމަށެވެ.  
މިއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ. ޤުދްސިއްޔަ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްފި މީހަކަށް އިތުރުކުރައްވަވައި ދެއްވަވާނެ ކަމެވެ. އޭނާގެ މަސައްކަތުގައި ބަރަކާތް ލައްވަވާނެ ކަމެވެ.  
މީހަކަށް ޞަދަޤާތްކުރާނަމަ ދޭންވީ ބައުވެ ބޭނުން ނުކުރެވޭ ތަކެއްޗެއް ނޫނެވެ. ތިމާ ބޭނުންކުރާ ނުވަތަ އައު ތަކެއްޗެވެ. އެންމެ މަތިވެރި ޞަދަޤާތަކީ ތިމާ އެއްޗަކަށް ބޭނުންވެގެން ހުރެމެ އެއްޗަކުން ކުރާ ޞަދަޤާތެވެ. (ތިމާ ބޭނުންވެގެން ހުރި އެތި ދަތިޙާލުގައި ހުރި މީހާއަށް ދިނުމެވެ.)  
މިއަދުވެސް ހަނދާންކޮށްލައިދޭނަމެވެ. މުދަލު ޒަކާތް ދެއްކުމަކީ ފަރުޟެކެވެ. ވާޖިބެކެވެ. ވީމާ އެކަންކުރަނީ ކޮންމެހެން ﷲ ތަޢާލާގެ ޙަޟްރަތަށް ލޯތްބަކުން ނޫނެވެ. އަދާކުރަންޖެހޭ ފަރުޟަކަށްވާތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިން ހޭދަކުރިކަމަށްވާނީ ޒަކާތް ދައްކަމުން  (ޒަކާތް ނެރުމަށްފަހު) އިތުރަށް ޞަދަޤާތް ކުރީމައެވެ.  
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ