މަހްލޫފް ސަފީރަކަށް އައްޔަން ކުރުމުން އައްބާސް ފާޑުވިދާޅުވެއްޖެ މަހްލޫފް ސަފީރަކަށް އައްޔަން ކުރުމުން އައްބާސް ފާޑުވިދާޅުވެއްޖެ

ބައިނަލްއަގުވާމީ މުޖުތަމުގައި ރާއްޖެ ތަމްސީލުކުރާ މަގާމުތަކަށް، ހާއްސަކޮށް ސަފީރުންގެ ގޮތުގައި އައްޔަން ކުރަން ވާނީ ނަޒާހަތްތެރިން ކަމަށާއި ކޮންމެ ވެރިކަމެއްގައި ޕާޓީ ބަދަލުކުރާ "ބޯވަ ދިލަ މަހެއް ހެން ދުވާ ބޭފުޅުން" ނޫން ކަމަށް ރައްޔިތުންގެެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، މަހްލޫފް ސަފީރަކަށް އައްޔަން ކުރުމަކީ "ސިކުނޑި ގަބޫލުކުރާ ކަމެއް ނޫން" ކަމަށެވެ.
"ގައުމުތަކަށް ދިވެހިރާއްޖެއިން ސަފީރުން ކަނޑައަޅުއްވަން ޖެހޭނެ. އެހެން ނަމަވެސް ކަނޑައަޅުއްވަން ޖެހޭނީ ނަޒާހާތްތެރި ބޭފުޅުން. އެއިރެއްގެ ވެރިކަމުގެ އާރާއި ބާރު އޮންނަ ފަރާތަކަށް ބޯވަދިލަމަހެއްހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ދުނިޔޭގެ ކުރިއަރާފަ ހުރި ގައުމުތަކުގެ މަލަމައްޗަށް، މޫނު މައްޗަށް ރާއްޖެ ރިޕްރެޒެންޓުކުރަން ބޭތިއްބުމަކީ އެއްގޮތަކަށް ވެސް ސިކުނޑި ގަބޫލުކުރާ ކަމެއް ނޫން،" އައްބާސް ވިދާޅުވި އެވެ.
ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް މަހުލޫފު އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވީ ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރިތާ ހަފުތާއެއް ފަހުންނެވެ. މަހްލޫފު ޕީއެންސީއާ ގުޅުނީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާގަ އެވެ.
މަހުލޫފު އައްޔަން ކުރުމަށް ތާއީދު ނުކުރާ ކަން ހާމަކުރައްވާ އައްބާސް ވިދާޅުވީ ޕާޓީއަށް ސޮއިކުރި ކަމަށްޓަކައި ސަފީރު ކަމުގެ ޝަރަފާއި އިއްޒަތްތާއި ހިމާޔަތް އަދި އިނާޔަތްތަކާއެކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އާއިލާ އާއި އެކީ ދިރިއުޅެން ފުރުސަތު ދިނުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"ކިޔަވައިގެން މި މުޖުތަމައު ތެރެއަށް ނުކުންނަ އައު ކުދިންނަށް ވަޒީފާތައް ދިނުން މިއީ ކޮންމެހެން ވެސް ކުރަން ޖެހިއްޖެ ކަމެއް. ރާއްޖޭގެ ސިޔާސީ މަޝްރަހު ޒަމާނުއްސުރެ މިތިބަ އެއް ޕާޓީން އަނެއް ޕާޓީން އޮއެވަރެއްހެން ދެމުންދާ މުސްކުޅި ބޭފުޅުންނަށް. ސިޔާސީ ގޮތުން މުސްކުޅި ބޭފުޅުން، އެއް ޕާޓީން އަނެއް ޕާޓީއަށް ދިޔުމުގެ ސަގާފަތް އެބަޖެހޭ ނިންމަން އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ތަގައްޔުރުވެ، ޑިމޮކްރަސީގެ ރީތި ސިފަ ގެއްލިގެން ދަނީ މަހްލޫފު ފަދަ މަދު ބައެއްގެ ސަބަބުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ.
މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. ނަމަވެސް އޭގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ