ފާޑުކިޔުންތަކަށް ރައީސްގެ އިތުރު ރައްދެއް: އޭޓީއެމް ހުޅުވުމުން އިގުތިސާދީ ކުރިއެރުން ލިބޭ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ޚާއްސަ ހަފުލާތަކެއްގައި, އޭޓީއެމްތައް ހުޅުވައިދެއްވާތީ އަމާޒުވާ ފާޑުކިޔުންތަކަށް އެ މަނިކުފާނު އަނެއްކާވެސް މިއަދު ރައްދު ދެއްވައިފިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސްގެ ވައުދެކެވެ. އެ ވައުދުގެ ދަށުން، ހުރިހާ ރަށެއްގައި އޭޓީއެމް ހުޅުވުމަށް ޚާއްސަ މަޝްރޫއެއް، ރަޢީސްގެ އިސްނެންގެވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ފަށައިފައެވެ. ރައީސް އެކި ރަށްރަށަށް ވަޑައިގަންނަވާއިރު، އާންމު ގޮތެއްގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވެސް ވަޑައިގަންނަވައެވެ. އަދި އޭޓީއެމް އަލަށް ބަހައްޓާ ރަށްރަށުގައި، ރައީސް އޭޓީއެމް ހުޅުވައިދެއްވަން ޚާއްސަ ހަފުލާއެއް ބާއްވައި، ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. https://sun.mv/210045 އޭޓީއެމްއެއް ހުޅުވުން ފަދަ ކަމަކަށް، އެހާ ބޮޑު އިސްކަމެއް ދެއްވާތީ އިދިކޮޅުން އަންނަނީ ފާޑުކިޔަމުންނެވެ. މީގެ ކުރިން ރައީސް ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، އޭޓީއެމް ހުޅުވުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ވިދާޅުވެ ބޭންކިން ޚިދުމަތް ވެސް ހަމަހަމަކޮށް ދިނުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. މިއަދު ތ. މަޑިފުށްޓަށް ވަޑައިގެން އެ ރަށުގެ އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަނެއްކާވެސް ފާޑުކިޔުންތަކަށް އިޝާރާތްކުރައްވައިފައެވެ. އޭޓީއެމްއެއް ހުޅުވުމަށް ބޭއްވި ހަފުލާއެއްގައި ރައީސާއި މިނިސްޓަރުން -- ފޮޓޯ/ ރައީސް އޮފީސް އެ މަނިކުފާނު ވިދާޅުވީ އޭޓީއެމް ހުޅުވުމަކީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކުނު ނަމަވެސް އެއީ އެކަމުގެ ނަފާ ލިބޭ ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ފަސޭތައް ގެނުވާނެ ކަމެއް ކަމަށެވެ. އެގޮތުން އޭގެ ސަބަބުން، ރައްޔިތުން ކުރިން ކުރަމުން އައި އެތައް ޚަރަދަކަށް ނިމުމެއް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "[އޭޓީއެމް ހުޅުވުމަކީ] ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ކޮށްދޭ ކަމެއް، އިގުތިސާދަށް ކުރިއެރުން ލިބޭ ކަމެއް، ރައްޔިތުންނަށް ފަސޭހަކަން ލިބޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ އިގުތިސާދަށް ރައީސް އިޝާރާތް ކުރެއްވިއިރު، ގައުމުގެ ދަރަނި ބޮޑުވެ، ދަަރަނި ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން އޮތީ އުފެދިފައެވެ. އެގޮތުން އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީތަކުން، ރާއްޖެއަށް ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ރޭޓިން ދަށްކޮށްފައިވާއިރު، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އެ ކަންބޮޑުވުން ފާޅުކުރެއެވެ. އެ ނުރައްކަލުން ސަލާމަތްވުމަށް ޓަކައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއި ވޯލްޑް ބޭންކުން ދޭ ލަފައަކީ ދައުލަތުގެ ޚަރަދު ކުޑަ ކުރުމެވެ. އެ ލަފަޔަށް ބަލައި، މި އަހަރުގެ ބަޖެޓުގައި ޕެންޝަނާއި ސަބްސިޑީ އިސްލާހު ކުރަން ހިމެނި ނަމަވެސް ފަހުން އެ އިސްލާހުތައް ވަނީ ދޫކޮށްލައިފައެވެ. ރައީސް ފަހުން ނިންމެވީ، އެ އިސްލާހުތަކުގެ ބަދަލުގައި، މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސްގެން ޚަރަދު ސަލާމަތް ކުރުމަށެވެ. އެއީ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކަށް ދީގެންނެވެ. ނަމަވެސް އޭގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް މަސައްކަތްތައް ގެއްލި، އަމިއްލަ ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް އެ ވިޔަފާރިތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ