އައިފޯންގެ 20 ވަނަ އަހަރީ ދުވަހަށް އައު ޑިސްޕްލޭއެއް ތައާރަފުކުރަނީ

އައިފޯންގެ 20 ވަނަ އަހަރީ ދުވަހާ ދިމާކޮށް 2027 ވަނައަހަރު ނެރޭ އައިފޯން ސީރީޒްގައި މުޅިން އައު ޑިސްޕްލޭއެއް ހުންނާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެޕަލް އިންސައިޑާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2027 ވަނަ އަހަރު ނެރޭ އައިފޯނަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މި އައިފޯނުގައި ހުންނާނީ ކުރިއަށްވުރެ ތުނި، އަލިގަދަ، ބެޓެރީގެ ޚަރަދު ކުޑަ ޑިސްޕްލޭއެކެވެ. މި އައު ޑިސްޕްލޭ ޓެކްނޮލޮޖީއަށް ކިޔަނީ ކަލާ ފިލްޓާ އޮން އެންކެޕްސޫލޭޝަން (ސީއޯއީ) އެވެ. މި ޓެކްނޮލޮޖީއިން އޯލެޑް ސްކްރީންތަކުގައި ހުންނަ ޕޮލަރައިޒިން ލޭޔާ ނައްތާލައެވެ. މި ލޭޔަރުގެ ސަބަބުން މިހާރުގެ ސްކްރީންތައް އަނދިރިވެ، ބެޓެރީގެ ޚަރަދު ބޮޑުވެއެވެ. ސީއީއޯ ޓެކްނޮލޮޖީގެ ސަބަބުން ޑިސްޕްލޭ ތުނިވެ، އަލިކަން އިތުރުވެ، ޗާޖު ބޭނުންކުރާ މިންވަރުވެސް މަދުވާނެކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. އައިފޯން ތައާރަފު ކުރީ 2007 ވަނަ އަހަރު، އެޕަލްގައި ސްޓީވް ޖޮބްސް އިސްކޮށް ހުރެއެވެ. އެއިރުއްސުރެ އައިފޯނަކީ ސްމާޓްފޯން ދުނިޔޭގައި ބޮޑު އިންގިލާބެއް ގެނެސްދިން އުފެއްދުމެކެވެ. ކޮންމެ އަހަރަކުވެސް އައިފޯންގެ އައު މޮޑެލްތައް ތައާރަފު ކުރަމުންދާއިރު، އެޕަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ފޯނުތަކަށް އައު ފީޗާތަކާއި ޓެކްނޮލޮޖީތައް ގެނެސްދިނުމަށެވެ. އެގޮތުން 20 ވަނަ އަހަރީ ދުވަހުގެ އައިފޯނަކީ އެޕަލްގެ މި ދިގު ދަތުރުގައި އިތުރު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ސެމްސަންގްއިން ވަނީ މިހާރުވެސް އެ ކުންފުނީގެ ގެލެކްސީ ޒެޑް ފޯލްޑް 3 ގައި ސީއީއޯ ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. އަދި 2026 ވަނަ އަހަރު ނެރޭ ގެލެކްސީ އެސް 26 އަލްޓްރާ ގައިވެސް މި ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ރިޕޯޓްތަކުގައި ލަފާކޮށްފައިވެއެވެ. އެޕަލްއިން 2027 ވަނަ އަހަރު ނެރޭ އައިފޯންތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ބެލެވޭއިރު، އެ ކުންފުނިން ނެރޭނެ ކަމަށް ގިނަ ބަޔަކު ބުނާ އައިފޯން ފޯލްޑްގައި ވެސް އެ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އައު ރިޕޯޓުތަކުގައިވާ ގޮތުން މި ޓެކްނޮލޮޖީ ބޭނުންކުރެވޭނީ ހަމައެކަނި އާދައިގެ އައިފޯންތަކުގައެވެ. މި އައު ޑިސްޕްލޭ ޓެކްނޮލޮޖީއާއެކު އައިފޯން ތަޖުރިބާ އިތުރަށް ރަނގަޅުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ