އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ އާއެކު ޔޫރަޕުގެ 7 ގައުމަކުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފި

އދ.ގެ ޢާންމު މަޖިލީހުގައި ރަސްމީކޮށް އިޢުލާން ކުރުމުގެ ކުރިން، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާއިން ވަނީ މިހާރު ފަލަސްތީން ދައުލަތެއް ގޮތުގައި ބަލައިގަންނަ ކަމަށް ބުނެފަ އެވެ.
އިތުރު ހަތް ގައުމެއް ކަމުގައިވާ ފްރާންސް، ޕޯޗުގަލް، ބެލްޖިއަމް، މޯލްޓާ، ލަކްސެމްބާގް، ސަން މެރީނޯ އަދި އެންޑޯރާއިން ވެސް ހޯމަ ދުވަހު ނިއު ޔޯކް ސިޓީގައި މިފަދަ އިއުލާނެއް ކުރާނެ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރު ސްޓާމާ ވިދާޅުވީ އޭނާގެ ނިންމުމަކީ "އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އަޚުލާގީ ޒިންމާއެއް" ކަމަށާއި މި ނިންމުމުން "ސުލްހައަށާއި ދެ-ދައުލަތުގެ ހައްލަކަށް އޮތް އުއްމީދު އާކުރެވޭނެ" ކަމަށެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ އެކްސް މެދުވެރިކޮށް އާދިއްތަ ދުވަހު ކެނެޑާ ސަރުކާރުން ވެސް ފަލަސްތީން ބަލައިގަންނަ ކަމަށް އިޢުލާން ކުރައްވާފަ އެވެ. އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އަދި ޚާރިޖީ ވަޒީރު ޕެނީ ވޯންގް ވެސް ވަނީ މިކަން އިއުލާން ކުރައްވާފަ އެވެ.
"ސުލްހައަށް އޮތް އުއްމީދު އާކުރުމަށާއި ދެ-ދައުލަތުގެ ހައްލަށް، އަހަރެން މި ގައުމުގެ ބޮޑުވަޒީރުގެ ގޮތުގައި ސާފުކޮށް ބުނަން، އިނގިރޭސިވިލާތުން ރަސްމީކޮށް ފަލަސްތީން ދައުލަތެއް ގޮތުގައި ބަލައިގަނެފީމޭ،" ސްޓާމާ ވިދާޅުވިއެވެ. "ދެ-ދައުލަތުގެ ހައްލަށް އޮތް އުއްމީދު ކުޑަވަމުންދަނީ، އެހެންނަމަވެސް އަހަރެމެންނަށް އެ އަލި ނިވިގެން ދާކަށް ނުދެވޭނެ."
އިނގިރޭސިވިލާތުގެ މި ނިންމުމާއެކު ލަންޑަންގައި ހުންނަ ފަލަސްތީނުގެ އިސް ޑިޕްލޮމެޓް، ހުސާމް ޒޮމްލޮޓް މިހާރު އިނގިރޭސިވިލާތަށް ހުންނަ ފަލަސްތީނުގެ ސަފީރަކަށް ވެވަޑައިގަންނަވާނެ އެވެ. "އަހަރެމެންގެ މާޒީގެ ގޯސްތައް ރަނގަޅުކުރަން ފެށިއްޖެ،" ޒޮމްލޮޓް ވިދާޅުވި އެވެ.
ޒޮމްލޮޓް ހޯމަ ދުވަހު ފަލަސްތީނުގެ ދިދަ ނަގާނީ މިހާރު އެމްބަސީއަށް ވެފައިވާ ތަނުގައެވެ. އެއީ ހެމާސްމިތުގައި ހުންނަ އޮފީސް އިމާރާތެކެވެ. އެތަން 1990 ގެ އަހަރުތަކުން ފެށިގެން ލަންޑަންގައި ފަލަސްތީނުގެ ޑިޕްލޮމެޓިކް އައުޓްޕޯސްޓެއްގެ ގޮތުގައި ބޭނުންކުރަމުން އައިސްފައިވެ އެވެ.
މި މަހުގެ ކުރީކޮޅު އޭނާ ވިދާޅުވީ އިނގިރޭސިވިލާތުން ފަލަސްތީން ބަލައިގަތުމަކީ ފަލަސްތީނުގައި ކޮލޯނިއަލް ތާރީޚު އޮތުމުގެ ސަބަބުން "ޚާއްސަ" ކަމެއް ކަމަށެވެ.
އާ ޑިޕްލޮމެޓިކް ގުޅުން ރަސްމީކުރުމުގެ ތާރީޚެއް އަދި ޒޮމްލޮޓްގެ ކުރެޑެންޝަލްސް ބަލައިގަތުމަށް ތާރީޚެއް ކަނޑައެޅިފައެއް ނުވެ އެވެ.
ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން ހޯމަ ދުވަހު އދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި ސައުދީ އަރަބިޔާގެ ޕްރިންސް މުޙައްމަދު ބިން ސަލްމާން ވީޑިއޯ ލިންކް މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ފަލަސްތީން ބަލައިގަންނަ ގައުމުތަކުގެ އަދަދު 150 އަށްވުރެ އިތުރުވާން އުޅެނިކޮށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވަނީ ފަލަސްތީން ދައުލަތެއް ގާއިމުކުރުމަކީ އިޒްރޭލުގެ ވުޖޫދަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
އިނގިރޭސިވިލާތުން ފަލަސްތީން ބަލައިގަތުމާއެކު، އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލުންތަކަށް ޖާގަ ނުދިނުމާއެކު ވެސް، އިޒްރޭލްގެ މައްޗަށް ފާޑުކިޔުން އިތުރުކޮށްފައިވެ އެވެ.
ފާއިތުވި ހަފްތާގައި ނެރުނު ޔޫގޮވް ސާވޭއެއްގައި، ރައްޔިތުންގެ 44% ފަލަސްތީން ބަލައިގަތުމަށް ތާއީދުކުރާ ކަމަށާއި 18% އިންކާރުކުރާ ކަމަށްވެ އެވެ. މި ތާއީދު 18 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ މެދުގައި 65% އަށް އިތުރުވެ އެވެ.
އިނގިރޭސިވިލާތުން ބަލައިގަނެފައިވަނީ ދެ-ދައުލަތުގެ ހައްލެއް ހޯދުމަކީ އެގުއުމުގެ ތާރީޚީ ޒިންމާއެއް ކަމަށެވެ. މި ޒިންމާ 1917 ގެ ބެލްފޯ ޑެކްލަރޭޝަން އަށް އަނބުރާ ދެ އެވެ. އެއީ ޔަހޫދީ ދައުލަތެއް އުފެއްދުމަކީ އަރަބިންގެ ހައްގުތަކަށް އަރައިގަންނަ ކަމަކަށް ނުވާނެ ކަމަށް ވައުދުވީ ލިޔުމެކެވެ. އާތާ ބެލްފޯއަކީ އެވަގުތު ޒަޔޮނިސްޓުންގެ ވިސްނުމަށް ތާއީދުކޮށް ސިޓީއެއް ސޮއިކުރި ޚާރިޖީ ސެކްރެޓަރީ އެވެ.
1917 ގައި އިނގިރޭސިން ވަނީ އޮޓޮމަން އެމްޕަޔަރު ބަލިކޮށް ޖެރޫސަލަމް ހިފާފަ އެވެ. އަދި 1922 ގައި ލީގް އޮފް ނޭޝަންސްއިން އިނގިރޭސިވިލާތަށް ފަލަސްތީން ހިންގުމަށް ބައިނަލްއަޤްވާމީ މޭންޑޭޓެއް ދިނެވެ. މިއީ ހަނގުރާމައަށްފަހު މެދުއިރުމަތީގެ ޗާޓު އަލުން ކުރަހާފައިވާ މުއާމަލާތްތަކުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ