އަމިއްލަ އަތުން ކުރަން ޖެހޭ ކަންކަން މަދުކުރި ވަރަކަށް ކޮރަޕްޝަން މަދުވާނެ: ރައީސް
ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަމިއްލަ އަތުން ދިނުން މަދުކޮށް އޮޓޮމޭޓް ކުރި ވަރަކަށް ކޮރަޕްޝަން މަދުވާނެ ކަމަށާއި، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0"ގެ ނަތީޖާއަކީ ކޮރަޕްޝަން ނައްތާލެވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މ. މުލަކަށް ވަޑައިގެން އެ މަނިކުފާނު ވަނީ، 'މޯލްޑިވްސް 2.0'އާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. ރައީސް ވިދާޅުވީ އެ ތަސައްވުރުގެ ބޭނުމަކީ ދައުލަތުން ރައްޔިތުންނަށް ޚިދުމަތް ދެނީ ދެފުށް ފެންނަ ގޮތެއްގައިކަން ޔަގީންކުރުމާއި ކޮރަޕްޝަން ނައްތާލުން ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މުލަކުގައި: ވިދާޅުވީ، 2،0ގެ ނަތީޖާއަކީ ކޮރަޕްޝަން ނައްތާލެއްވުން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް މިހާރުގެ ހާލަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އަމިއްލައަށް ކަންކަން ކުރުމަށް ފުރުސަތު ދީފައި އޮތުމުން ގިނަ ފަހަރަށް ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރާ ކަމަށެވެ. އެއީ، ޕްރައިވެޓް ތަންތަނާއި ސަރުކާރުގައި ވެސް ހިނގާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވީމަ ޑިޖިޓަލައިޒްކުރެވި، އަޅުގަނޑުމެން ޚިދުމަތްތައް ދިނުން އަމިއްލަ އަތުން ކުރަން ޖެހޭ ކަންކަން މަދުކުރި ވަރަކަށް، އޮޓޮމޭޓުކުރާ ވަރަކަށް މި ދެންނެވި ކޮރަޕްޝަން ދާނީ މަދުވަމުން. ނެތެމުން. އެއީ، މިކުރާ ކަމަކީ. ދެފުށް ފެންނަ ގޮތް ހެދުމާއި ކޮރަޕްޝަން ނައްތާލުންރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ތަޞައްވުރު ހަގީގަތަކަށް ވާނީ އެއީ، ރައްޔިތުން ބަލައިގަންނަން ޖެހޭ ކަމެއް ކަމުގައި ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެއިތުރަށް ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ އޮފީސްތަކެއް ޑިޖިޓަލައިޒް ކުރުމަށް ބޮޑު އިންސައްތައެއް ހިމަނާނެ ކަމަށެވެ. އެ މަސައްކަތަކީ އެންމެނަށްޓަކައި ކުރާ ކަމަކަށް ވާން ޖެހޭނެ ކަމަށާއި އެއީ ވަރަށް ދެފުށްފެންނަ ގޮތަކަށް ދާ ކަމެއްކަން ރައްޔިތުންނަށް އަންގަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. https://sun.mv/205886 "މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސްގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި އާންމު ޚިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ. ކުރިން ރައީސް ވިދާޅުވީ، ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދާކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ