ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އަތުން ބަލިވާން ދަނިކޮށް، އާސެނަލްގެ ގަބްރިއެލް މާޓިނެލީ ޖެހި ގޯލުން، ސިޓީ އާއި އާސެނަލް 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ފަހަރުގެ ސީޒަނުގައި ސިޓީން ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އެވެ. ފުރަތަމަ މެޗުން، ވުލްވްސް އަތުން މޮޅުވެފައިވަނިކޮށް، ސިޓީ ވަނީ ދެން ކުޅުނު ދެ މެޗުން ބްރައިޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެފަ އެވެ. އެކަމަކު، އޭގެ ފަހުން، ދެން ކުޅުނު ދެ މެޗުން ސިޓީން މި ވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެ، ރަށުންބޭރުގައި އާސެނަލާ އެއްވަރުކޮށްފަ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ، މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އާލިން ހާލަންޑް އެވެ. ސިޓީގެ މެދު ތެރެއިން ބޯޅަ ހިފައިގެން އައި ޓިޖާނީ ރައިންޑާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، އާސެނަލް ކޮޅަށް ހާލަންޑް ޖެހި ފަސް ވަަނަ ގޯލެވެ.
ނަތީޖާ ހަމަހަމަކުރަން އާސެނަލުން އެޓޭކްކުރެވޭތޯ ކޯނަރުތަކުންނާއި ހުރަސް ނަގައިގެން މަސައްކަތް ކުރިއިރު، ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ އެ ބޯޅަތަކަށް ސަމާލުވެ، ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އާސެނަލްގެ ނޯނީ މަޑުއޭކޭ ޖެހި ބޯޅައެއް ޑޮނަރުންމާ މަަތަކުރިއިރު، މާޓިން ޒުބިމެންޑީ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ކައުންޓަ އެޓޭކުގައި ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ދެ ވަނަ ހާފުގައި ހާލަންޑް ޖެހި ބޯޅައެއް އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. އަދި، ސިޓީގެ ޖެރެމީ ޑޮކޫ ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
އާސެނަލުން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި މާޓިނެލީ ޖެހި ގޯލުންނެވެ.
މިއީ، އާސެނަލްގެ އެބްރެޗީ އެޒޭ ސިޓީގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަކަށް އަރައި، މާޓިނެލީ ޖެހި ގޯލެކެވެ. މާޓިނެލީ ޖެހި ބޯޅަ ގޯލަށް ވަނީ، ސިޓީގެ ކީޕަރު ޑޮނަރުންމާ ބޯމަތިން ގޮހެވެ. މިއީ، ޑޮނަރުންމާ، ސިޓީގެ ގޯލުގައި ހުއްޓައި ވަން ފުރަތަމަ ގޯލެކެވެ. އަނެއްކޮޅުން، މިއީ މިދިޔަ މާޗް މަހުގެ ފަހުން ލީގުގައި މާޓިނެލީގެ ފުރަތަމަ ގޯލެވެ.
މި ނަތީޖާތަކާ އެކު، ލިވަޕޫލަށް ވަނީ ލީގުގެ އެއް ވަަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް އާއި ހަތަރެއްގައި އޮތް ބޯންމައުތަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.
ސިޓީ އަތުން ބަލިވާން ދަނިކޮށް މާޓިނެލީ އާސެނަލް ސަލާމަތްކޮށްދީފި ސިޓީ އަތުން ބަލިވާން ދަނިކޮށް މާޓިނެލީ އާސެނަލް ސަލާމަތްކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ