ތަހުތުގައި އިންނަވައި ކޮރަޕްޝަނުގެ ތުހުމަތު ރައްޔިތުންނަށް ތަހުތުގައި އިންނަވައި ކޮރަޕްޝަނުގެ ތުހުމަތު ރައްޔިތުންނަށް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތިބާ އެވެ. އެންމެ ބޮޑު މައްސަލައަކީ، ގައުމުގެ އެންމެ އާދައިގެ މުވައްޒަފުންނާއި މެދު ފަންތީގެ މުވައްޒަފުންނެވެ. ގައުމު މިއަދު ފެންނަ ނިކަމެތި ހާލުގައި މި އޮތީ އެމީހުންގެ ކޮރަޕްޝަން އިންތިހާއަށް ގޮސްގެންނެވެ.
މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި، ގައުމުގެ އެންމެ މަތީ ލެވެލުގައި ވެސް ކޮރަޕްޝަން ހިނގަ އެވެ. އެކަމަކު އެމަނިކުފާނުގެ ނަޒަރުގައި، ދަށް އަދި މެދު ފަންތީގެ ލެވެލުގައި ހިންގާ ކޮރަޕްޝަނާ އަޅާބަލާއިރު، މަތީ ލެވެލުގެ "ބޭފުޅުން" ގެ ކޮރަޕްޝަން ވެލި ފުކަކަށް ވެސް ނުވެ އެވެ.
"ގިނަ ފަހަރު ކޮރަޕްޝަންގެ އަމަލު މި ހިންގެނީ، ނޫނީ ހިންގަނީ، އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް. އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގައި އާންމުކޮށް އެންމެ ގިނައިން [ކޮރަޕްޝަން ހިންގަނީ]. އަދި އެންމެ މަތީގައި ވެސް [ކޮރަޕްޝަން] ހިނގާ،" ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނޮވެމްބަރު 11، ގައި މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮރަޕްޝަން ގިނަ ކަމަށް މި ގައުމު ދަންނަ އެންމެން ވެސް އެއްބަސްވާނެ އެވެ. އެކަމަކު، ކޮރަޕްޝަނުގެ މުގުލުގައި ތިބެނީ ގައުމުގެ އެންމެ އާދައިގެ މުވައްޒަފުން ކަމަށް މުއިއްޒު އެ ވިދާޅުވާ ވާހަކައަށް އެއްބަސްވާނީ މަދު މީހެކެވެ. ރައީސްގެ ވާހަކައަށް އެއްބަސްނުވާ މީހުން ދައްކަން އޮތް މިސާލުތައް ވެސް ބައިވަރެވެ.
ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) އިން ހިންގި 380 މިލިއަން ޑޮލަރުގެ ހިޔާނާތާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގި 90 މިލިއަން ޑޮލަރުގެ ވައްކަމުގެ މުގުލުގައި ތިބީ ދަށު އަދި މެދު ފަންތީގެ މުވައްޒަފުންނެއް ނޫނެވެ. ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ދަރަންޏާއެކު އެއާ މޯލްޑިވްސް ބަނގުރޫޓުވި އިރު ކުންފުނި ހިންގީ ދަށު ލެވެލުގެ މުވައްޒަފުންނެއް ނޫނެވެ.
އޭގެ އިތުރުން، މުޅި ދިވެހިރާއްޖެއަށް ބްރޯޑްކާސްޓުކޮށްގެން ވަގުތުން ދައްކަމުން، ހުޅުވާލެވިފައިވާ ބީލަމަކަށް ނުލައި، ގާތް ތިމާގެ މީހުންނަށް ދާދި އެހަކަށް ދުވަހު 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ބަހާލީ ވެސް އާދައިގެ މުވައްޒަފުންނެއް ނޫނެވެ. އަދި މިދިޔަ އަހަރު ހުޅުމާލެއިން ވަގު ގޯތިތަކެއް ވިއްކީ ވެސް ރައީސް އެ ތުހުމަތު ކުރާ ފެންވަރުގެ މުވައްޒަފެއް ނޫނެވެ.
މަތީގައި އަލިއަޅުވާލާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މޭސްތިރިންނަކީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއިންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި އެބޭފުޅުންގެ އެތެރެކޮއިލުގައި ގެންގުޅުއްވި އެކުވެރިންނެވެ. ގައުމުގެ މަތީ ލެވެލްގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެއީ ގައުމު ހިންގުމުގެ ޒިންމާ ރައްޔިތުން ހަވާލު ކުރި ހާދިމުންނެވެ. އެކަމަކު، މި ލިޔުމުގައި މި ބަލައިލަނީ އެ ކޮރަޕްޝަންތަކަކަށް ނޫނެވެ. މި ލިޔުމުގައި މި ބަލައިލަނީ ގައުމުގައި ކޮރަޕްޝަން ހިންގާ ލެވެލުގެ މައްޗަށެވެ.
ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ސުލްތާން މުހައްމަދު އިމާދުއްދީން މިސްރުގައި ހުންނަވަނިކޮށް، ރާއްޖޭގެ ވެރި ރަށް މާލޭގައި ތިބި ބަޔަކު އެމަނިކުފާނުގެ ވެރިކަން ފުރޮޅާލަން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮރަޕްޝަނެވެ.
އިމާދުއްދީނުގެ އަގުބޮޑު ދިރިއުޅުމާއި އެމަނިކުފާނު މިސްރުގައި ކުރެއްވި ކައިވެނިފުޅަށް ފަންޑު ކުރައްވަމުން ދިޔައީ ބައިތުލްމާލުންނެވެ. ކައިވެނިފުޅު ބޭއްވީ އެތައް ސަތޭކަ މެހެމާނުންނާއެކު ނިކަން ގްރޭންޑުކޮށެވެ. ކައިވެނިފުޅަށް ބުމްބާ ވިޔަފާރިންގެ އަތުން ނެގި ފައިސާގެ އަދަދު ގިނަކަމުން ރާއްޖެ ހަމަ ރަނގަޅަށް ވެސް ދެރި އެވެ. މިހާރަށް ބެލި ނަމަވެސް އިމާދުއްދީން އުޅުއްވީ ބިލިއަނަރެއްގެ ދިރިއުޅުއްވުމެވެ.
މާޗް 3، 1903، ގައި އިމާދުއްދީނުގެ ވެރިކަމުން ބޭލި ފަހުން 122 އަހަރު ފާއިތުވެއްޖެ އެވެ. އެކަމަކު، ބައިތުލްމާލުން ކުރާ ވައްކަމާއި ހިންގާ ކޮރަޕްޝަނާއި ހިޔާނާތަށް ބަދަލެއް ނާދެ އެވެ. ބަދަލުވަނީ ވެރިންނެވެ. ބަދަލުވަނީ ބާރުގައި ހުންނަވާ އާއިލާތަކަށެވެ. މަތީ ފަޑިން ކުރާ ކޮރަޕްޝަނާއި ވައްކަން ވީ އިތުރެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 2017، ގައި ބުނެފައި ވަނީ 1999 ވަނަ އަހަރުން 2017 ވަނަ އަހަރާ ހަމައަށް ވެއެތުވި 18 އަހަރުގެ ތެރޭގައި އެކަނި ވެސް ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް 13 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ. އޭގެ ފަހުން މެއި، 2018، ގައި އެ ކޮމިޝަނުން ބުނީ ދައުލަތުން ގެއްލިފައިވާ ފައިސާގެ އަދަދު 29 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
"ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އެބަ ހިމެނޭ އެއާމޯލްޑިވްސް މައްސަލައާ އެފްޕީއައިޑީގެ މައްސަލަވެސް. އެހެންވީމަ މިއީކީ 17، 18 އަހަރުވެފަ ހުރި މައްސަލަތަކުގެ ވާހަކަ މި ދައްކަނީ. އެއާއެކުއެކީގައި އައިސް އެންމެ ފަހުން ދައުލަތުގެ މާލިއްޔާއިން އެންމެ ބޮޑު އެއްޗެއް ގެއްލުނު އަދި ރައްޔިތުންނަށް އެންމެ ބޮޑު އެއްޗެއް ގެއްލިގެންދިޔަ އެމްއެމްޕީއާރްސީގެ މައްސަލަ އަދި އޭގެ ފަހުންވެސް ހިނގާދިޔަ ކަންކަން،" އެ ކޮމިޝަނުގެ ޗެއާ އަޒްލީން އަހުމަދު ވިދާޅުވެފައިވެ އެވެ.
އެ ކޮމިޝަނުން ތަހުގީގު ކުރީ ރާއްޖޭގައި ހިންގި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ކޮރަޕްޝަނެވެ. އެފަދަ މައްސަލަތަކުގައި މުޅިން ވެސް ހިމެނެނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެ ކޮރަޕްޝަންތަކުގެ މޭސްތިރިންނަކީ ދަށު އަދި މެދު ފަންތީގެ މުވައްޒަފުންނެއް ނޫނެވެ.
ދިވެހިރާއްޖޭގައި ކޮރަޕްޝަން އެންމެ ބޮޑީ ގައުމުގެ މަތީފަޑީގައި ކަމަށް، ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ކޮންމެ އަހަރު ވެސް ބަލާ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ވެސް ދެކެ އެވެ. އެ ޓްރާންސްޕޭރަންސީ އިން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް ޖެހުމުން ފެބްރުއަރީ، 2025، ގައި އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.
"ނިޒާމީ ގޮތެއްގައި ރާއްޖޭގެ އެންމެ މަތީ ލެވެލުގައި ދަނީ ކޮރަޕްޝަން ހިންގަމުން. މަސްލަހަތުތައް ހާމަ ކުރުމާއި އެސެޓް ރިކަވަރީގެ ދާއިރާ އިސްލާހުކޮށް ވަރުގަދަ ކުރުމުގެ މުހިންމުކަން މިކަމުން ވެސް ހާމަވޭ،" ޓްރާންސްޕޭރަންސީ އިން ބުނެފައިވެ އެވެ.
ގެދޮރުގެ ދަތިކަމަކީ ވެރި ރަށް މާލެ އަދި ރާއްޖެއަށް ވެސް ދިމާވެފައިވާ ބޮޑު އަދި އޭގެ ސަބަބުން އެތަކެއް ވޭނެއް ރައްޔިތުން އަޅަންޖެހިފައިވާ މައްސަލައެކެވެ. އެކަމަކު، އާންމުން ގަބޫލު ކުރަ ގޮތުގައި ގެދޮރުގެ ބޮޑު މައްސަލައަށް ވުރެ ވެސް ރާއްޖޭގައި ބޮޑީ ކޮރަޕްޝަނުގެ މައްސަލަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން 2023 ވަނަ އަހަރު ހެދި "ނެޝަނަލް ކޮރަޕްޝަން ޕާސެޕްޝަން ސާވޭ" ދައްކާ ގޮތުގައި ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން ކަމަށް 56 ޕަސެންޓު މީހުން ގަބޫލު ކުރެ އެވެ.
އެ ސާވޭއިން ހާމަވި ގޮތުގައި، ސަރުކާރުގެ ސިޔާސީ ބޭފުޅުންނާއި އިންތިހާބު ކުރެވޭ މަގާމުތަކުގައި ތިއްބަވާ ސިޔާސީ ބޭފުޅުން ކޮރަޕްޝަނާއި ހިޔާނާތް ހިންގާކަން ރައްޔިތުންގެ ތެރެއިން އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ބަޔަކު ގަބޫލު ކުރެ އެވެ.
ސިޔާސީ ބޭފުޅުން ހިންގާ ކަމަށް ރައްޔިތުން ގަބޫލު ކުރާ ބައެއް ކޮރަޕްޝަން
އޭސީސީގެ ސާވޭއިން ދައްކާ ގޮތުގައި، ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮރަޕްޓު ކަމަށް ރައްޔިތުން ގަބޫލު ކުރަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ކުންފުނިތަކެވެ. މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ކުންފުނިތައް ކޮރަޕްޓު ކަމަށް 75 ޕަސެންޓު މީހުން ގަބޫލު ކުރެ އެވެ.
"ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 70 ޕަސެންޓަށް ވުރެ ގިނަ މީހުން ގަބޫލު ކުރަނީ ރާއްޖޭގައި އެންމެ ބޮޑަށް ކޮރަޕްޝަން ހިންގަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގައި ކަމަށް،" އެ ސާވޭގެ ހޯދުންތަކުގެ އަލީގައި ބުނެފައިވެ އެވެ.
ހަމަ އެ ސާވޭއިން ދައްކާ ގޮތުގައި، އާންމުންގެ ތެރެއިން ގިނަ މީހުން ގަބޫލު ކުރަނީ ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރުމުގައި ދައުލަތުން އެކަށީގެންވާ ގޮތަކަށް މަސައްކަތެއް ނުކުރެ އެވެ. އެއީ 67 ޕަސެންޓު މީހުންނެވެ. އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރަނީ ރާއްޖޭގައި ކޮރަޕްޝަނުގެ ހާލަތު ވަނީ އިތުރެވެ.
އޭގެ އިތުރުން، އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް އިން 2023 ވަނަ އަހަރު ހެދި ސާވޭއަކުން ވެސް ދައްކާ ގޮތުގައި، ކޮރަޕްޝަނަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެ ސާވޭގައި ބައިވެރިވި 17 ޕަސެންޓު މީހުން ގަބޫލު ކުރަނީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން ކަމަށް ގަބޫލު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ކޮރަޕްޝަން އެންމެ ބޮޑީ ސަރުކާރުގެ ފަންޑިން ބޭނުން ކުރުމުގަ އެވެ. ދެ ވަނައަށް އަދި ތިން ވަނައަށް އެންމެ ކޮރަޕްޝަން ބޮޑީ ވަޒީފާ ހޯދުމާއި ސަރުކާރުން ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގައި ކަމަށް ވެސް ސާވޭގެ ބައިވެރިން ގަބޫލު ކުރެ އެވެ.
ރިޕަބްލިކަން އިންސްޓިޓިއުޓުގެ ސާވޭއިން ދައްކާ ގޮތުގައި ވެސް، ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެންމެ ކޮރަޕްޝަން ބޮޑު އިދާރާތަކަކީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނެވެ.
~~
ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ކޮރަޕްޝަން އެބަ އޮތެވެ. އެކަމަކު، ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑީ ދަށް އަދި މެދު ފަންތީގައި ކަމަށް ވިދާޅުވުމަކީ ގޯހެކެވެ. ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑީ މަތީ ލެވެލުތަކުގަ އެވެ.
ގައުމުގެ ރައީސުލްޖުމްހޫރިއްޔާއިންނާއި މަތީ ލެވެލުގެ އެހެނިހެން ވެސް ބޭފުޅުން އިންތިޒާމުވެގެން، ރޭވިގެން ހިންގާ ކޮރަޕްޝަންތަކުގެ ސަބަބުން ގައުމު މި އޮތީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ. އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތައް ފުނިޖެހި ރައްޔިތުން ބިކަވެފައި މި ތިބެނީ ވެސް އެބޭފުޅުންގެ ކޮރަޕްޝަނުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ