ހަސީނާގެ މައްޗަށް އިއްވާ ހުކުމާ ދިމާކޮށް ބަންގްލަދޭޝްގައި ނުތަނަވަސްކަން އިތުރުވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި މިއަދު އިއްވުމަށް ހަމަޖެހިފައިވާ ހުކުމުގެ ކުރިން އެ ގައުމުގައި ނުތަނަވަސްކަން އިތުރުވެ، ވެރިރަށް ޑާކާގައި ގިނަ އަދަދެއްގެ ބޮންތަކެއް ގޮއްވާލައިފި އެވެ.
އެ ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
ހަސީނާ، 78،ގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ 2024 ވަނަ އަހަރުގެ މެދުތެރޭގައި ބޭއްވި އަދި އެތައް ބަޔަކު މަރުވި މުޒާހަރާތައް ހުއްޓުވުމަށް އަމުރު ކުރެއްވި ކަމުގެ ތުހުމަތެވެ. ނަމަވެސް ހަސީނާ ވިދާޅުވަނީ އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށާއި މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ މަގާމުން ދުރުކުރި ފަހުން ހުންނެވީ އިންޑިއާގައި ކަމަށެވެ.
ޑާކާ މެޓްރޮޕޮލިޓަން ޕޮލިސް ކޮމިޝަނަރު ވަނީ ބޮން އުކައިގެން މީހުން މަރާލަން މަސައްކަތް ކުރާ ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖެހުމަށް ފުލުހުންނަށް އަންގައިފައި ކަމަށް ނޫސްތަކުން ބުނެ އެވެ.
ހަސީނާގެ ކާބަފައިންގެ އާއި އޭނާގެ ޕާޓީގެ ހަރަކާތްތައް ވަރުގަދަ، ޑާކާގެ ގޯޕާލްގަންޖް އާއި އަވަށްޓެރި ދެ ޑިސްޓްރިކްޓެއްގެ ސެކިއުރިޓީ ވަރުގަދަކޮށް، ބޯޑަރު ސިފައިން ވަނީ އެ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮނުވައިފަ އެވެ.
ފުލުހުންގެ ޓީމާއި އަވަސް ބެޓެލިއަންގެ ޓީމުތަކުން ވަނީ ސަރުކާރުގެ މުހިންމު އިމާރާތްތަކުގެ ވަށައިގެން ހުންނަ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.
"ވަރަށް ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައި. އެއްވެސް މީހަކަށް ބޭރަކަށް ނުނުކުމޭ. ހެނދުނުން ފެށިގެން އަހަރެން މި އުޅެނީ މަގުމަތީގައި. މިއަދު މާ ބޮޑު އާމްދަނީއެއް ނުލިބޭ،" ޑާކާގެ އޮޓޯ ޑްރައިވަރެއް ކަމަށްވާ ރަމްޖަން އަލީ ބުންޏެވެ. 
ހަސީނާގެ މައްޗަށް ހުކުމް އިއްވަން ކައިރިވެފައި ވަނިކޮށް، ޑާކާ އާއި އެހެން ބައެއް ޑިސްޓްރިކްޓްތަކުގައި 30އަށް ވުރެ ގިނަ ބޮން ގޮއްވާލައި އެތައް ބަހެއް ރޯކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހަމަނުޖެހުން ހިންގުމާއި ބޮން ގޮއްވުމުގެ ތުހުމަތުގައި އަވާމީ ލީގްގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ