އަންނަ އަހަރުގެ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެފްއޭއެމްގެ ހިންގާ ކޮމިޓީން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އަށް ހުށަހަޅައިފި އެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެެފައިވަނީ، ސާފް އިން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ބާއްވަމުން އަންނަ 19 އަހަރާއި 20 އަހަރުން ދަށުގެ މުބާރާތް އަންނަ އަހަރު ރާއްޖޭން ހޯސްޓުކުރަން ހުށަހަޅަން އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.
އަންނަ އަހަރުގެ މާޗު ނޫނީ އޭޕްރީލް މަހަށް ތާވަލުކުރަން ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެނަމަ، އެ ވެގެންދާނީ، 2019 ވަަަނަ އަހަރުގެ ފަހުން ރާއްޖޭގައި ހޯސްޓްކުރާނެ އުމުރުފުރާ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތަށެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ވަނީ، ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފަ އެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވިއްޖެނަމަ، އެ ވެގެންދާނީ، ސާފްގެ އުމުރުފުރާ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާނެ ފުރަތަމަ ފަހަރަށެވެ. ރާއްޖޭން ވަނީ 2008 ވަނަ އަހަރާއި 2021 ވަނަަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. މީގެ ތެރެއިން، 2008 ގެ މުބާރާތް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެންނެވެ. އެކަަމަކު، 2021 ވަނަ އަހަރުގެ މުބާރާތް އޮތީ މާލޭގަ އެވެ.
އެފްއޭއެމުން ބުނީ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރަން ހުށަހަޅަން ނިންމީ މި ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމުގެ އިތުރުން، ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދޭން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައި ބާރުއެޅުމުގެ ގޮތުންނެވެ.
ރާއްޖޭގައި ބާއްވާފައިވާ ބައިނަލްއަގުވާމީ ގައުމީ ޓީމުތަކަށް ހާއްސަ، ފުޓްބޯޅަ މުބާރާތްތަކަށް ބަލާއިރު، 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ، 2014 ގެ އޭއެފްސީ ޗެލެންޖް ކަޕް ވެސް ހިމެނެ އެވެ. އަދި، 2009 ގެ އޭއެފްސީ ޗެލެންޖް ކަޕްގެ ކޮލިފައިން މެޗުތައް ރާއްޖޭން ހޯސްޓްކުރިއިރު، ކްލަބް ފުޓްބޯޅައިގެ އިންޓަނޭޝަނަލް މުބާރާތްތަކުގެ މެޗުތައް ވެސް ރާއްޖޭން ވަނީ ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2015 ވަނަ އަހަރުގެ ޕީޕަލްސް ކަޕްގެ އިތުރުން، ކޮވިޑް-19 އަށް ފަހު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ރާއްޖޭން ދެ ފަހަރެއްގެ މަތިން ސެންޓްރަލައިޒްކޮށް ހޯސްޓްކުރި އެވެ.
އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕުން މިދިޔަ ޖުލައި މަހު، އެ އެސޯސިއޭޝަން ހިންގުމާ ހަވާލުވެ، ކުރަމުން އަންނަ މަސައްކަތަށް ފީފާގެ ތަރުހީބު ވެސް ލިބިފައިވާއިރު، ދާދި ފަހުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފަ އެވެ. މިއީ، 2006 ވަނަ އަހަރުގެ ފަހުން ފީފާގެ ރައީސަކު، މިދިޔަ 19 އަހަރު ތެރޭ ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
ރާއްޖޭން ހަ އަހަރަށް ފަހު އުމުރުފުރާ ގައުމީ ޓީމު މުބާރާތެއް ބާއްވަން ހުށަހަޅައިފި ރާއްޖޭން ހަ އަހަރަށް ފަހު އުމުރުފުރާ ގައުމީ ޓީމު މުބާރާތެއް ބާއްވަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ