ވެސްޓް ހޭމް މެޗް މުހިންމު. އެހެންނޫނީ ކުރި އުންމީދުތަށް ދާނީ ފެނަށް: ޕެޕް ގާޑިއޯލާ

މިހާރު ރެލިގޭޝަނާ ހަނގުރާމަކުރަމުންދާ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ވުރެ މުހިންމު ކަމެއް އަދި އިސްކަންދޭކަމެއް ނެތްކަމުގައި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޕެޕް ގާޑިއޮލާ މިހެން ބުނެފައިމިވަނީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން 3-0 އިން ބަލިވި ބަލިވުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިވަގުތު ހުރިހާ ސަމާލުކަމެއް ހުރީ ޕްރިމިއާ ލީގުގައި ރެލިގޭޝަނާ ހަނގުރާމަކުރަމުންދާ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް މިހަފްތާ ބަންދުގައި ކުޅޭ މެޗަށް ކަމަށެވެ. ރެއާމް މެޑްރިޑާއި އެކު ކުޅުނު މެޗްގެ ވާހަކަދައްކަން މިވަގުތު ބޭނުންނުވާކަމަށާއި، އޭނާ ހަމައެކަނި އިސްކަންދޭނީ ކުރިއަށް އޮތް ލީގު މެޗަށްކަމަށެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން 15 ފަހަރު ހޯދާފައިވާ ރެއާލް މެޑްރިޑާ ދެކޮޅަށް އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ގަދަ 16 ގެ ދެވަނަ ލެގުގެ އުނދަގޫ މެޗާ ބެހޭގޮތުން ސުވާލު ކުރުމުންވެސް، ގާޑިއޯލާ ވަނީ ހޮނިހިރު ދުވަހުގެ މެޗަށް ވުރެ ކުރިއަށް އެއްވެސް ކަމަކާ މެދު ވިސްނަން ބޭނުން ނުވާކަމަށް ބުނެފައެވެ.
”މިވަގުތު މުޅި ފޯކަސް ހުރީ ވެސްޓް ހޭމް މެޗަށެވެ. މިފަދަ މެޗުތަކަކީ އަބަދުވެސް އުނދަގޫ މެޗުތަކެކެވެ. ކިތަންމެ ގިނަ ރޭވުންތަކެއް ރޭވިކަމުގައި ވިޔަސް، ދަނޑުމަތީގައި އެކަންކަން ބޭނުންވާ ގޮތަށް ނުވެދާނެއެވެ. ދަނޑުމަތީގައި ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު، މޮޅުވުމުގެ ފުރުސަތު އޮތްތޯ ނިންމާނީ މެޗުގެ ނަތީޖާއިންނެވެ. މިއީ ހަމަގައިމުވެސް އުނދަގޫ ކަމެކެވެ،“ ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.
”އަހަރެމެންގެ އަތުގައި އިތުރަށް ބޭނުންކުރެވޭނެ މާބޮޑު ފުރުސަތުތަކެއް (ޕޮއިންޓްތަކެއް) ނެތް ނަމަވެސް، ވާގޮތެއް ބަލާލަމާ ހިނގާށެވެ. މިވަގުތު އޮތީ ވެސްޓް ހޭމް މެޗެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގަކީ ކާމިޔާބު ކުރަން އެންމެ އުނދަގޫ މުބާރާތެވެ. އަދިވެސް މިތިބީ ތަށީގެ ރޭހުގައެވެ. ނަމަވެސް އިތުރަށް ޕޮއިންޓެއް ގެއްލިއްޖެނަމަ، ހުރިހާ އުންމީދެއް ދާނީ ފެނަށް.“
ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އޮތީ އެއްވަނައިގައި އޮތް އާސެނަލްއަށް ވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ. ނަމަވެސް ސިޓީއަށް އަދި އިތުރު އެއް މެޗު ކުޅެން އެބައޮތެވެ.
އަނެއްކޮޅުން، ނޫނޯ އެސްޕިރިޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ކުޅޭ ވެސްޓް ހޭމް މިވަގުތު އޮތީ ތާވަލުގެ ފުލުން ތިންވަނައިގައެވެ. އެޓީމު މަސައްކަތް ކުރަމުންދަނީ ރެލިގޭޝަނުން ސަލާމަތްވެ، ލީގުގައި ދެމިއޮތުމަށެވެ. ގާޑިއޯލާ ފާހަގަކުރެއްވި ގޮތުގައި، ދެ ޓީމަށްވެސް މިވަގުތު ޕޮއިންޓްގެ މުހިންމުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ