ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން އެ ސިޓީން ފެން ކަނޑާލައި، ބޮޑު އާބާދީއެއް ފެނަށް ޖެހުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކޮރަޕްޝަން ހިންގުމުގެ ސަބަބުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރި ކުންފުނިން ދެ އަހަރުގެ ވޮރަންޓީއާއެކު އެ ދެ ނިޒާމު ބަލަހައްޓަން އޮތް ނަމަވެސް، އެމްޑީޕީ ސަރުކާރުން އެ އެއްބަސްވުން ބާތިލުކޮށް ނިޒާމުތައް ބެލެހެއްޓުން ފެނަކައާ ހަވާލުކުރި ކަމަށެވެ. ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ އެގޮތަށް އަމަލުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ އަހަރު ދުވަހުގެ ވޮރަންޓީ ނިމި. އެކި އެކި ދިމާލުން ނަޖިސް އަރާ، އެ ނަޖިސް ނެގުމަށްޓަކައި އޭރުގަ ސަރުކާރުން ކޮރަޕްޝަން ހިންގާ ދިޔަ މަންޒަރު. މިއަދު އަޅުގަނޑުމެންނަށް ފެނުގެ މައްސަލަ ދިމާވެގެން މިއުޅެނީ އޭރު އެކަން ރަނގަޅު ގޮތުގަ ނުކުރީމަ،" އިބްރާހިމް ވިދާޅުވި އެވެ.
ފުވައްމުލަކު ފެނުގެ ނިޒާމަށް މައްސަލަ ޖެހުނީ އެތައް ސަތޭކަ ތަނަކުން ހޮޅިތައް ފަޅައިގެން ގޮސް ބިމަށް ފެން ލީކުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިބްރާހިމް ހިސާބުޖެއްސެވި ގޮތުގައި ދުވާލަކު އެ ސިޓީގެ ދެ ޕްލާންޓުން 400 ޓަނުގެ ފެން ހެދޭއިރު އޭގެތެރެއިން 180 ވަރަކަށް ޓަނުގެ ފެން ލީކުވެ އެވެ.
މީގެ އިތުރުން، 2014 ގައި މާލެ ފެނަށް ޖެހުނު އިރު އޭރު އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ރައްޔިތުންނާމެދު ކަންކުރި ގޮތަށްވުރެ މި ސަރުކާރުން ފުވައްމުލަކު ފެނަށް ޖެހުމުން ކަންކުރި ގޮތް މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުވާލަކު އެތައް ފްލައިޓެއް ޗާޓަރުކޮށްގެން. ފެނުގެ މައްސަލަ ދިމާވީއްސުރެން ފެށިގެން ވެސް ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމަށްޓަކައި، އެ ފެން އުފުލަމުން، ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާތަންވެސް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާގެ އިތުރުން ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވެސް ބަޖެޓު ބަހުސް ގައި ވާހަކަދައްކަވަމުން ވިދާޅުވީ ފުވައްމުލަކު ފެނަށް ޖެހުނީ ކުރީ ދެ ސަރުކާރުގެ އިހުމާލުން ކަމަށް ވިދާޅުވެފަ އެވެ.
"މިދިޔަ ހަފުތާގައި ފަލަ ސުރުހީގައި އޮތީ ފުވައްމުލަކު ފެނުގެ ނިޒާމުގެ ވާހަކަ. ފުވައްމުލަކުގެ ފެނުގެ ނިޒާމަކީ ނިމިދިޔަ ދެ ސަރުކާރުން ހަމަ އިހުމާލުވެފައިވާ ކަމެކޭ އަޅުގަނޑު ދަންނަވާނީ،" ފަޒާދު ވިދާޅުވި އެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފުވައްމުލަކުގައި ހިންގި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ހިންގީ އެންމެ އެކަށޭނަ ގޮތަކަށް ނޫން ކަމަށާއި އޭރު ހޮޅިތައް ވަޅުލީ މަގުތަކުގައި ތާރު އަޅާނެ ކަމަށް ނުވިސްނާ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ.
އެ މަޝްރޫއު ހިންގިއިރު، ފަޒާދު ހުންނެވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުގެ ގޮތުގައި ޔާމީނުގެ ސަރުކާރާއެކު އެވެ. މަޝްރޫއު ކުރިއަށް ގެންދިޔައީ އޭނާގެ ތާއީދާ ވެސް އެކު އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން ރަށުން ފެން ކަނޑާލީ ނޮވެމްބަރު 10، ގަ އެވެ. އަލުން ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ނަމަވެސް، އޭގެ ފަހުން ދޫކުރަމުންދާ ފެން ތަޣައްޔަރުވެފައިވާ ކަމަށް އެ ރަށު ރައްޔިތުން ދަނީ ބުނަމުންނެވެ.
ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އިބްރާހިމް ހުސެއިން ވިދާޅުވީ ފުވައްމުލަށް ފެނަށް ޖެހުނީ މިދިޔަ ސަރުކާރުން ކޮރަޕްޝަން ހިންގީމަ ކަމަށް އިބްރާހިމް ހުސެއިން ވިދާޅުވީ ފުވައްމުލަށް ފެނަށް ޖެހުނީ މިދިޔަ ސަރުކާރުން ކޮރަޕްޝަން ހިންގީމަ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ