އަލްކަރާޒް ބަލިކޮށް ސިނާ އޭޓީޕީ ފައިނަލްސް ކާމިޔާބުކޮށްފި އަލްކަރާޒް ބަލިކޮށް ސިނާ އޭޓީޕީ ފައިނަލްސް ކާމިޔާބުކޮށްފި

ޓިއުރިން، އިޓަލީ (ނޮވެމްބަރު 17) - ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް އިޓަލީގެ ޖަނިކް ސިނާ، ޓެނިސް ސީޒަންގެ އަހަރުގެ ފަހު މުބާރާތް، އޭޓީޕީ ފައިނަލްސް ކާމިޔާބުކޮށްފި އެވެ.
ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސިނާ މި ވަނީ، އޭޓީޕީ ފައިނަލްސްގައި ސެޓެއް ވެސް ނުގެއްލި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ފައިނަލުގައި އަލްކަރާޒާ ދެކޮޅަށް ނުކުމެ ސިނާ ވަނީ، 7-6 (7-4) 7-5 އިން ސެޓުތައް ގެންގޮސްފަ އެވެ. މި ނަތީޖާއާ އެކު، އިންޑޯ ހާޑު ކޯޓުގައި، ސިނާ މި ވަނީ ޖެހިޖެހިގެން 31 މެޗުން މޮޅުވެފަ އެވެ.
މި ފަހަރުގެ ޓެނިސް ސީޒަނުގައި ސިނާ އާއި އަލްކަރާޒްގެ ހަ ފައިނަލެއް ފެނިގެން ގޮސްފައިވާއިރު، ސިނާ ވަނީ ދެ ފައިނަލުން މޮޅުވެފަ އެވެ.
ސިނާ ވަނީ ވިމްބަލްޑަންގައި އަލްކަރާޒް ބަލިކޮށްފަ އެވެ. އަލްކަރާޒް މޮޅުވީ، ރޯމް، ސިންސިނާޓީ އަދި ޔޫއެސް އޯޕަންގަ އެވެ. މި ސީޒަނުގައި، އަލްކަރާޒާއި ސިނާގެ ޖުމްލަ ރެކޯޑަށް ބަލާއިރު، 14 ތަށި ވަނީ ހޯދައިފަ އެވެ. މި ސީޒަނުގެ ޓެނިހުގެ ހަތަރު ގްރޭންޑް ސްލޭމް ކާމިޔާބުކުރީ ވެސް މި ދެ ކުޅުންތެރިންނެވެ.
ސިނާ އާއި އަލްކަރާޒް، އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދެކޮޅަށް ނުކުމެފައިވާ ޖުމްލަ މެޗުގެ އަދަދަކީ 16 އެވެ. އޭގެ ތެރެއިން 10 މެޗުން އަލްކަރާޒް މޮޅުވިއިރު، ސިނާ ވަނީ ހަ މެޗުން މޮޅުވެފަ އެވެ.
އަލްކަރާޒް ބަލިކޮށް، އޭޓީޕީ ފައިނަލްސްގެ ޗެމްޕިއަނަށް ލިބޭ ފަސް މިލިއަން ޑޮލަރު ހޯދި ސިނާ ބުނީ، ކުރިއަށް އޮތް ސީޒަނުގައި ވެސް ގިނަ މެޗުތަކެއްގައި އަލްކަރާޒާ ދެކޮޅަށް ނުކުންނަން ޖެހޭނެކަން ޔަގީން ކަމަށެވެ.
މި ސީޒަން ނިމޭއިރު، ރޭންކިން އެއް ވަނަ ކަށަވަރުކުރަން ސިނާ އަށް ބޭނުންވީ އޭޓީޕީ ފައިނަލްސްގައި ޖެހިޖެހިގެން ތިން މޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ