ބީލަމަށް ނުލައި މަޝްރޫއުތައް ހަވާލުކުރި މައްސަލަ ބަލަން، އޭސީސީއަށް އަމުރުކުރަން ޕީޖީގައި އެދިއްޖެ
ބީލަމަށް ނުލައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކަށް ދިން 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފަށް އިދިކޮޅު އެމްޑީޕީން މިއަދު ސިޓީއެއް ފޮނުވައިފިއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން އަމިއްލަ ކުންފުނިތަކާ 206 މަޝްރޫއެއް އެއް ފަހަރާ ހަވާލުކުރީ މި މަހުގެ ހަވަނަ ދުވަހެވެ. އެކި ދާއިރާތަކުގެ އެ މަޝްރޫއުތައް ހަވާލުކުރީ 53 ކުންފުންޏަކާއެވެ. އެ މަޝްރޫއުތައް ހަވާލުކުރި ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މި މަހުގެ ނުވަ ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. https://sun.mv/213647 އެއަށްފަހު، އެ ޕާޓީން މިއަދު ޕީޖީއަށް ފޮނުވި ސިޓީގައި ވަނީ، އިއުލާނުކުރުމެއް ނެތި، އަދި ބީލަމަށްލުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާ ނުލައި ސަރުކާރުން ބޭނުންވާ ފަރާތްތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދަށް ހަތަރު ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވާ ކަމަށެވެ. މި ގަވައިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ކޮންމެ މަޝްރޫއެއް އެ މަޖިލީހުން ނިންމާ ކުންފުނިތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ހަވާލުކުރެވޭނެ ކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ގަޑުބަޑުވެ، ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އިތުބާރު އެއްކޮށް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އެ ސިޓީގައި ބުންޏެވެ. އަދި އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރީ ހާމަކަމެއް ނެތި ކަމަށް އެ ޕާޓީން ތުހުމަތުކުރިއެވެ. "މިހެންކަމުން، އެ ޕްރޮޖެކްޓްތައް ދިނުމުގައި އެއްވެސް ހާމަކަމެއް ނެތެވެ. އަދި، މިކަން ކޮށްފައިވަނީ، ސިއްރުވެރިކަމާއެކު ވަކި ބަޔަކަށް އެ ޕްރޮޖެކްޓްތައް ދިނުމަށް ރަވާއިގެންކަން ފާހަގަކުރެވެއެވެ،" އެމްޑީޕީގެ ސިޓީގައި ބުނެފައިވެއެވެ. ހަމަ އެއާއެކު، ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކަށް މަޝްރޫއެއް ނުގެންދެވޭނެ ކަމަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދުގައި އޮތް ނަމަވެސް، ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީނުކުރާ ތިން ކުންފުންޏަކަށް މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ. އަދި، މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ފަންނީ ގާބިލުކަމާއި ތަޖުރިބާއަށް އެއްވެސް ވަރަކަށް ބަލާފައި ނެތުމުގެ އިތުރުން، އެއް ބާވަތެއްގެ އަދި އެއް ބޮޑުމިނުގެ މަޝްރޫއުތައްވެސް އެކި އަގުގައި ދީފައިވާކަމަށް އެމްޑީޕީން ބުންޏެވެ. "މިސާލަކަށް، މ. މުލަކުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރަން ހަވާލުކުރި ޖުމްލަ އަގާއި، ދ. މީދޫގައި 25 ހައުސިން ޔުނިޓް އިމާރާތްކުރަން ހަވާލުކުރި ޖުމްލަ އަގު ދާދި އެއްވަރެވެ. އެހެންކަމުން، މި ދެ ރަށާ މާލެއާ ހުރި ދުރުމިން އެއްވަރު ކަމުގައިވިޔަސް މީދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ އަގު، ދެގުނައަށް އަރައެވެ." އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެމްޑީޕީން ބުނީ މަޝްރޫއުތައް ހަވާލުކުރިއިރު، ކޮންޓްރެކްޓަރުންގެ ފަރާތުން އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމްކޮށްފައިނުވާ ކަމަށާއި، އެހެންކަމުން އެޑްވާންސް ފައިސާ ދޫކުރާ ފަހުން މަސައްކަތް ނުކުރި ނަމަވެސް، ކޮންޓްރެކްޓަރުންނާ މެދު ސަރުކާރަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ދައުލަތުގެ މާލިއްޔަތު ގަވައިދު މިގޮތަށް ބަދަލުކޮށް އަމަލުކުރަން ފެށުމުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ހާމަކަމާއެކު އަދި ދައުލަތަށް އެންމެ ފައިދާ ވާނެގޮތަށް ގެންދިއުމަށް ހުރަސް އެޅި، ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ ޖާގަ ހުޅުވިގެންދާ ކަމަށް، އެމްޑީޕީން ބުންޏެވެ. މިއީ ޤާނޫނުލްއުޤޫބާތުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމުގެ އަމަލުތަކެއް ކަން ބަޔާންކޮށް އެމްޑީޕީގެ ސިޓީގައި އައްބާސްގެ އަރިހުން އެދުނީ މި މައްސަލަ ބެލުމަށް އޭސީސީއަށް އަމުރުކޮށްދިނުމަށެވެ. https://sun.mv/213565 މި ސިޓީ ފޮނުއްވުމަށްފަހު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ވިދާޅުވީ މި މައްސަލަ އޭސީސީއަށްވެސް އެމްޑީޕީން ހުށަހެޅި ކަމަށާއި، ނަމަވެސް އެ ކޮމިޝަނުން އެ މައްސަލަ ތަހްގީގުކުރަމުން ނުދާ ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ