ސަރުކާރުން ބަހާލި ޕްރޮޖެކްޓުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްދިނުމަށް އެމްޑީޕީން ޕީޖީގައި އެދިއްޖެ ސަރުކާރުން ބަހާލި ޕްރޮޖެކްޓުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްދިނުމަށް އެމްޑީޕީން ޕީޖީގައި އެދިއްޖެ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި، ތަހުގީގުކޮށް، ގާނޫނި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަމުރުކޮށްދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު އައްބާސްގެ އަރިހުން އެދިއްޖެ އެވެ.
އެ ޕާޓީން މިއަދު އައްބާސަށް ފޮނުވި ސިޓީއެއްގައި ވަނީ އެ މަޝްރޫއުތަކުގައި ސޮއިކުރުމުގައި އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތް ކަމަށް ބުނެފަ އެވެ. ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މި ޕްރޮޖެކްޓުތައް ބަހާލުމަށް މާލިއްޔަތު ގާނޫނާ ހިލާފު ބަދަލެއް މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާކަން އެމްޑީޕީން ވަނީ ބުނެފަ އެވެ.
"މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުޅި ޕްރޮކިއުމަންޓުގެ ނިޒާމު ގަޑުބަޑުވެ، ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިގެންހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް،" އެމްޑީޕީއިން ޕީޖީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
"ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ހާމަކަމާއެކު އަދި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަށް ގެންދިއުމަށް ހުރަސް އެޅި، ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ ޖާގަ ނުހަނު ބޮޑަށް ހުޅުވިގެންދޭ،" އެމްޑީޕީގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެމްޑީޕީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ. ބަހާލި 206 ޕްރޮޖެކްޓަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި އެކަން ކުރުމަށް މަގުފަހިވާނެހެން މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް ކޯޓަށް ދާން ވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.
މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ހަގީގަތަކީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ، ބީއެމްއެލް މެދުވެރިކޮށް ކުންފުނިތަކަށް 9 ޕަސެންޓު އިންޓަރެސްޓުގައި ލޯނު ހަމަޖައްސައިފަ އެވެ. ކުންފުނިތަކަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ވެސް ދައްކަން ޖެހޭނީ ސަރުކާރުންނެވެ.
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހިމެނެ އެވެ.
ވާދަވެރި ބީލަމަކަށް ނުގޮސް ބަހާލާ މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ.
އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ