އެބަޑީން، ސްކޮޓްލެންޑް (ނޮވެމްބަރު 17) - މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ގެނައި ބެލްޖިއަމްގެ ގޯލްކީޕަރު، ސެން ލަމެންސް އަށް ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު އަލެކްސް ފާގަސަން ތައުރީފުކޮށްފި އެވެ.
މި ސީޒަން ފެށިގެން ޔުނައިޓެޑުން ތިން މެޗު ކުޅުނު ފަހުން، ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު، ޔުނައިޓެޑުން ވަނީ، 20 މިލިއަން ޑޮލަރު ދީފައި ބެލްޖިއަމްގެ ރޯޔަލް އަންޓްވާޕަށް ދިނުމަށް ފަހު، 23 އަހަރުގެ ލަމެންސް ގަނެފަ އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ބަލިނުވެދިޔައިރު، ލަމެންސް ވަނީ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލަމެންސް އަކީ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްގެ ޕްލޭނުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.
"ތިނެއް ނޫނީ ހަތަރު މެޗުން ވެސް އެނގިއްޖެ މި ކީޕަރު (ލަމެންސް) އާދަޔާހިލާފު މޮޅުކަން. ވަރަށް ބޮޑު ތަފާތެއް އޭނަ މި ޓީމަށް ގެނުވައިފި، މިއީ ކޯޗުގެ ރަނގަޅު ނިންމުމެއްކަން ސާބިތުކޮށްދީފި، އަހަންނަށް ފެންނަނީ މި ކީޕަރުގެ ފަރާތުން އުންމީދު،" ފާގަސަން ބުންޏެވެ.
ތިބޯ ކޯޓުއާ އަށް ފަހު ބެލްޖިއަމްގެ ގައުމީ ޓީމުގެ ގޯލު ބަލަހައްޓާނެ ކަމަށް ބެލެވޭ ލަމެންސް އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެކެވެ. މީގެ ދެ އަހަރު ކުރިން، އޭނާ އަންޓްވާޕަށް ސޮއިކުރީ ކްލަބް ބްރޫޖް ދޫކޮށް ހިލޭ ޓްރާންސްފާއެއްގަ އެވެ. އެ ޓީމަށް 64 މެޗު ކުޅެދިން ލަމެންސް ވަނީ އެ ކްލަބާ އެކު، ބެލްޖިއަމް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ފާގަސަން ބުނީ، ޔުނައިޓެޑްގެ ފޯމު ރަނގަޅުވަމުން އައުމަކީ އެ ކްލަބްގެ ކޯޗު އަމޮރިމްގެ ފިލޯސަފީއާ އެއްގޮތަށް ކުރިއަށްދާން ފަހިވާ ފުރުސަތެއް ކަމަށެވެ. އަދި، ފާގަސަންގެ އުންމީދަކީ އަމޮރިމްއާ އެކު، ޔުނައިޓެޑަށް ކާމިޔާބީތަކެއް ލިބިގެންދިއުން ކަމަށް ވަނީ ބުނެފަ އެވެ.
ޔުނައިޓެޑްގެ ގޯލްކީޕަރު ލަމެންސް އަށް ފާގަަސަންގެ ތައުރީފު ޔުނައިޓެޑްގެ ގޯލްކީޕަރު ލަމެންސް އަށް ފާގަަސަންގެ ތައުރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ