ގޭންގުތަކުން ކުށްކުރުން ހުއްޓާލައި މިހާރު އުޅެނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ، ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ނެތް: މުއިއްޒު ގޭންގުތަކުން ކުށްކުރުން ހުއްޓާލައި މިހާރު އުޅެނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ، ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ނެތް: މުއި

ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ ގޭންގުތަކުން ކުށްކުރުން ހުއްޓާލުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ކަމަށާއި ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު މިހާރު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގޭންގުތައް ހަދައިގެން ކުށް ކުރަން އުޅުނު ކުދިން މިހާރު އުޅެނީ ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ކަމަށެވެ.
"އަޅުގަނޑު އިހަށް ދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" މުއިއްޒު ވިދާޅުވި އެވެ.
"މިހާރު، ކުރީގައި ތިޔަ ގޭންގުތަކުގައި އުޅުނު [ކުދިން] އެކަން ހުއްޓާލައިފި، ގޭންގު ކުށްކުރުން ހުއްޓާލައިފައި މިހާރު އެ ބޭފުޅުން، އެ ކުދިން، ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި، މިހާރު މި ގޭންގުތަކުގެ ގޮތުގައި ކިޔާ ގޭންގުތައް ވަރަށް މަދުވެއްޖެޔޭ، އެހެންވީމާ ތިމަންނަމެން މިހާރު ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނުފެނިގެންނޭ މިއުޅެނީ."
މުއިއްޒު ވިދާޅުވީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ގޭންގު ގާނޫނު ފަދަ ހަރުކަށި ގާނޫނުތައް ފާސްކުރަނީ ބަޔަކަށް އަދަބު ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެފަދަ ގާނޫނުތަކުގެ ބޭނުމަކީ ކުށުގެ ވެށީގައި ތިބި މީހުން އަލުން އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ގޭންގު ހަދައިގެން ބަޔަކު ކުށްކުރާ ނަމަ އެ ބައެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިގެން ކޯޓުތަކުން އެއީ ގޭންގުގެ ގޮތުގައި ކަނޑައަޅައި ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގެއް މިހާރު ނެތް ކަމަށް މުއިއްޒު ވިދާޅުވިއިރު، މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު، މުހައްމަދު ޝަހީދު ވަނީ ގޭންގުތަކުގެ ތަފާސްހިސާބު ފުލުހުން އެ މިނިސްޓްރާ ހިއްސާކޮށްފައިވާ ކަމަށް ސަންގު ޓީވީގް ޕްރޮގްރާމެއްގައި ވިދާޅުވެފަ އެވެ.
ޝަހީދު ވިދާޅުވީ ރާއްޖޭގައި 83 ގޭންގު މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ގޭންގުތަކުގައި 3600 މީހުން، ކުށްކުރުމުގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެރި ރަށް މާލޭގައި އެކަނި ވެސް 45 ގޭންގު ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެންބަރުންގެ ގޮތުގައި 2500 މީހުން ހަރަކާތްތެރިވާ ކަމަށް ވެސް ހޯމް މިނިސްޓްރީގެ ނައިބު ވިދާޅުވި އެވެ. އަދި ގޭންގުތަކުގައި ގާތްގަނޑަކަށް 85 ކުޑަކުދިން ހަރަކާތްތެރިވާކަން އެނގިފައިވާ ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ