މި މަހު 22 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓެއްގެ ގޮތުގައި، އިޝްފާން މުހައްމަދު (އިއްޕަ) ވުމާ އެކު، އެ މަގާމު އޭނާ އަށް ޔަގީންވެއްޖެ އެވެ.
ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ބީއޭއެމް ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަސާސީ ގަވާއިދު ފާސްކޮށް، މި މަހުގެ 22 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމީ މި މަހު އެއް ވަަނަ ދުވަހު ބޭއްވި ހާއްސަ އާންމު ޖަލްސާގަ އެވެ.
ބީއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބަށް ހުޅުވާލުމުން، އެ ކުރިމަތިލާ މަގާމަކަށް އިތުރު ފަރާތެއް ނެތިއްޖެނަމަ، ވޯޓެއް ނެެގުމެއް ނެތި އިންތިހާބުވާނެ އެވެ. އެކަމަކު، އިއުލާނުކުރާނީ އިންތިހާބީ ކޮންގްރެސްގަ އެވެ.
ބީއޭއެމުން މި މަހު ފާސްކުރި އާ އަސާސީ ގަވާއިދުގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ތިބޭނީ އަށް މެމްބަރުންނެވެ. އެއީ، ރައީސް އާއި ދެ ނައިބު ރައީސުންގެ އިތުރުން، ހަތަރު ރިޕްރެޒެންޓޭޓިވް އާއި އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވް އެކެވެ. ކުރިން، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރަަށް ހިންގާ ކޮމިޓީން ފުރުސަތު އޮތްނަމަވެސް، އާ އަސާސީ ގަވާއިދާ އެކު، ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ބޮޑުކޮށް، އައްޔަނުކުރާ މަގާމަކަށް ބަދަލުވެގެންދާނެ އެެވެ.
ބީއޭއެމްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ހިންގާ ކޮމިޓީގެ ކޮންމެ މަގާމަށް ކުރިމަތިލީ އެންމެ ފަރާތެކެވެ. އެ ގޮތުން، ރައީސްގެ މަގާމަށް މި މަހު 22 ގެ އިންތިހާބަށް ފަހު ހަވާލުވެވަޑައިގަންނަވާ އިއްޕަގެ ކެންޑިޑެސީ ހުށަހެޅީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންނެވެ. މި ޓީމުގައި ނައިބު ރައީސަކީ، ތަޖުރިބާކާރު އަމްޕަޔަރު، އަހުމަދު ޝިހާމް (ޕުޗު) އާއި އިބްރާހިމް ހަމްޒާ ހަލީލް އެވެ. ޕުޗުގެ ކެންޑިޑެސީ ހުށަހެޅީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީންނެވެ. އަދި، ހަމްޒާގެ ނަން ހުށަހެޅީ ކްލަބް ސްޓެޓިކުންނެވެ.
ހިންގާ ކޮމިޓީގެ ދެން ހުރި މަގާމުތައް ފުރުއްވާނީ، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން ކްލަބްގެ ހަަސަން ޒަރީރު، ކްލަބް އޭވިއޭޝަން ސެކިއުރިޓީގެ އިބްރާހިމް އަފީފް އަދި، ސްުޕޯޓްސް ކްލަބް ހޮސްކޯގެ ސުހާ ޖަލީލް އެވެ.
އަސާސީ ގަވާއިދާ އެކު ފާސްކުރެވިފައިވާ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ބޭއްވޭތާ 60 ދުވަސް ތެރޭ، އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވެއް އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި، އެ ފަރާތެއް އިންތިހާބު ކުރާނީ ހަމައެކަނި، އިންޑިވިޖުއަލް މެމްބަރުންގެ ވޯޓުންނެވެ.
މިދިޔަ އަހަރުގެ މާޗް 22 ވަނަ ދުވަހު ބާއްވަން އޭރު ނިންމި ބީއޭއެމްގެ އިންތިހާބުގައި ވެސް ކުރީގެ ޖެނެރަލް ސެކްރެޓަރީ އިއްޕަ ވަނީ ކުރިމަތިލައްވައިފަ އެވެ. އިއްޕައާ ދެކޮޅަށް އެ އިންތިހާބުގައި ރައީސަކަށް ވާދަކުރަން ކެންޑީޑެސީ ހުށަހެޅީ ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ މުހައްމަދު އަޖުފާން ރަޝީދު އެވެ. އެ އިންތިހާބުގައި، ނައިބު ރައީސަކަށް، ބީއޭއެމްގެ އެންމެ ފަހުން ތިން ދައުރުގެ ރައީސަކަށް ހުންނެވި، މޫސާ ނާޝިދު (މޫސަ) ކުރިމަތިލެއްވި އެވެ. މޫސަ ވަނީ އޭނާގެ ތިން ވަނަ ދައުރު ހަމަވެފައިވަނިކޮށް، މިދިޔަ އަހަރުގެ ޖުލައި މަހު މަގާމުން އިސްތިއުފާ ދީފަ އެވެ.
މި އަހަރުގެ މެއި 16 ވަނަ ދުވަހުން ފެށިގެން ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގައި އޮތް، ބީީއޭއެމް މިހާރު ހިންގަމުން އަންނަނީ، އެ އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭރުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕެއް މެދުވެރިކޮށެވެ. މިހާރު އޮތްގޮތުން، މި މަހު 22 ވަނަ ދުވަހު، ބީއޭއެެމްގެ އާ ލީޑަޝިޕުން މަގާމުގެ ޒިންމާއާ ހަވާލުވެ، މާ ލަސްތަކެއް ނުވެ، ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަން އުވާލުމުގެ ފުރުސަތު ބޮޑެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް އިއްޕަ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް އިއްޕަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ